ފުލުސް އޮފީހަށް ހާޒިރުވާން އަނެއްކާވެސް ރިޔާޒަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން ރިޔާޒަށް އަންގާފައި ވަނީ މިރޭ 8 ޖަހާއިރަށް ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރު ވުމަށެވެ. ރިޔާޒް ފުލުހަށް ގެންދަނީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް، ހަގީގަތާ ޚިލާފު ވާހަކަތައް ދައްކަވައި ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ކުރަމުން އަންނަ ތަހްގީގަކަށެވެ.

ކަމިޝަނަރ އޮފް ޕޮލިސް ކަމުގައިވެސް ކުރިން ހުންނެވި ރިޔާޒް މީގެކުރިންވެސް ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. އަދި އޭނާ ދިރިއުޅޭ އެޕާޓްމެންޓްވެސް ފުލުހުން ވަނީ ވަރަށް ފަހުން ބަލައި ފާސް ކޮށްފައެވެ. ރިޔާޒްގެ ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމުގައިވެސް ހުންނެވި ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުގައިވެސް މިހާރު ދަނީ އެހެން ދައުވާއެއް ކުރެވެމުންނެވެ. އެއީ މަޖިލީހުގެ ބާރަ މެމްބަރެއްގެ މައްޗަށް ކުރެވޭ ދައުވާ ކަމަށްވާ މަޖިލީހުގެ އިދާރާއަށް ގަދަކަމުން ވެންނެވި ކަމުގެ ދައުވާއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.