ސަރުކާރުން ކުރިޔަށް ގެންދާ "ގެދޮރުވެރި ކުރުން" ޕްރޮގްރާމްގެ ދަށުން ފުރަތަމަ ދޫކުރަން ނިންމި 661 ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް ނެރެފިއެވެ.
ކުރިން ނެރުނު ވަގުތީ ލިސްޓުގައި ފްލެޓް ލިބުނު މީހުންގެ ނަމާއި ލިބުނު ޕޮއިންޓް ނުހިމަނައި ހަމައެކަނި ފޯމް ހުށަހެޅި ތަރުތީބު ނަންބަރު ހިމަނާފައިވާތީ ގިނަބަޔަކު ކަންބޮޑުވުން ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައި ވަނިކޮށް ހައުސިންގ މިނިސްޓްރީން ފޮނުވައިގެން ސަރުކާރުގެ ގެޒެޓުގައި އާންމުކުރި ފައިނަލް ލިސްޓުގައިވެސް ވަނީ ފޯމް ނަންބަރު އެކަންޏެވެ. ވަގުތީ ލިސްޓަށް ބަދަލެއް އައިސްފައިވާ ކަމެއް ހައުސިންގ މިނިސްޓްރީން ނުބުނެއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ފައިނަލް ލިސްޓާމެދު އެ މިނިސްޓްރީން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ފަހު އެކެއް ޖަހާއިރު މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ނިއުސްކޮންފަރެންސެއް ބާއްވާނެ ކަމަށާއި އެ ނިއުސް ކޮންފަރެންސުން އިތުރު މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.
ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް އާންމުކުރި އިއުލާންގައި ބުނެފައި ވަނީ އެ ލިސްޓްގައި ތިބި މީހުންގެ މައުލޫމާތު އަދި އިތުރަށް ބަލާނެ ކަމަށާއި ފްލެޓް ލިބުނު މީހުންނާއެކު އެގްރީމެންޓް ހެދުމުގެ ކުރިން
ފްލެޓް ދިންގޮތާމެދު ޝަކުވާތަކެއް ހުރުމުން އެމައްސަލަ އޭސީސީން ވެސް ދަނީ ބަލަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީންވެސް ފްލެޓާބެހޭ މައުލޫމާތު ވަނީ ހޯދާފައެވެ. މިނިސްޓްރީން ބުނީ އެމީހުންގެ ގޯތިގެދޮރާބެހޭ މައުލޫމާތު އިތުރަށް ޗެކް ކުރާނެ ކަމަށާއި އަދި ދެމަފިރިންނަށް ފްލެޓް ދެވިފައިވާނަމަ ފްލެޓް ދޭނީ އެކަކަށް ކަމަށެވެ.
މިފަހަރު ދޫކުރި 661 ފްލެޓަށް އެދި ޖުމްލަ 15000 މީހުން ވަނީ ހައުސިންގ މިނިސްޓްރީއަށް ފޯމު ހުށަހަޅާފައެވެ. މިނިސްޓްރީން ބުނެފައި ވަނީ ހުޅުމާލެއިން ޖުމްލަ 7000 ފްލެޓް އަދިވެސް ދޫކުރާނެ ކަމަށާއި އެ ފްލެޓް ތަކަށް ހުޅުވާލުމުން މިހާރު ކުރިމަތިލާފައިވާ މީހުންގެ ދިރިއުޅުމުގެ ޙާލަތަށް އައިސްފައިވާ ބަދަލު އެއަށް ހިމެނުމުގެ ފުރުޞަތުދީ، އިތުރު މީހުންނަށް ކުރިމަތިލެވޭނެ ގޮތްވެސް ހަދައިދޭނެ ކަމަށެވެ.