ފުލުހުންގެ ވަޒީފާއަށް އަލަށް ވަތް ފުލުހުން ހުވާކޮށްފި

މިއަދު ހުވާކުރި ބަޔެއް ފުލުހުން

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި، ސްޕެޝަލް ކޮންސްޓެބެލެރީ ފުލުހުން، ފުލުހުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ.

މިރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު ސިވިލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛް ޢަބްދުﷲ ޢަލީ ދެއްކެވި ވާހަކަފުޅުގައި، މާތް ﷲ ގަންދީ ކުރެވޭ ހުވަޔަކީ ވަރަށް އަގުބޮޑު އެއްޗެއް ކަމަށާއި އެ ހުވަޔަށް ތެދުވެރިވުން ވާޖިބުވާނެ ކަމާއި މިގޮތުން ހުވާގެ މުހިންމު ކަމާއި ހުވާގެ މަތީގައި ދެމި ހުރުމާއި ހުވަޔާއި ޚިލާފުވުމުގައި ދީނީގޮތުން ހުރި ބިރުވެރިކަން އޮޅުންފިލުވައި ދެއްވިއެވެ.

މިރަސްމިއްޔާތުގައި ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޑިއުޓީގައި އުޅޭއިރު އާންމު ރައްޔިތަކު އެހީތެރިކަމެއް އެދިއްޖެނަމަ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ފުލުހުންގެ ޚިދުމަތް އެއްވެސް ތަފާތުކުރުމެއް ނެތި ފޯރުކޮށްދިނުމަށް މަސައްކުރުމަށް އެދިވަޑައިގަތެވެ.

މިއަދު ހުވާކޮށްފައިވަނީ 44 ފުލުހަކާއި  ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުންގެ ޚިދުމަތާ ގުޅުނު 22 ފުލުހުންނެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު އާއި ހިއުމަންރިސޯސް ޑިޕާޓްމަންޓުގެ ހެޑް މުޖުތަބާ ޢަބްދުއްސައްތާރު ބައިވެރިވެވަޑައިގަތެވެ.

ހުވާކޮށް ނިމުމަށްފަހު ކޮންމެ ފުލުހަކުވެސް ވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.