ޑޮކްޓަރުގެ ލިޔުން ބަލާފައި ގާސިމް މަތިންދާ ބޯޓަށް ނޭރުވި

ގާސިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް އެއާރޕޯޓަށް ވަޑައިގެން އިންނެވި މަންޒަރު

ހިތުގެ އާލާސްކަންފުޅެއްގައި ސިންގަޕޫރުގައި މިހާރު ހިތުގެ އޮޕަރޭޝަނެއް ކުރައްވައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މާދަމާ ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނުން އަންގާފައިވާތީ އެ މުއްދަތަށް ރާއްޖެ ވަޑައިގަތުމަށް ފުރަން ދިޔުމުން ޑޮކްޓަރުންގެ ލިޔުން ބެލުމަށް ފަހު މަތިންދާ ބޯޓަށް ނޭރުވުމުން ރާއްޖެ ވަޑައިގެންނެވޭ ގޮތް ނުވިއެވެ.

ގާސިމް އޮޕަރޭޝަން ކުރެއްވި ޑޮކްޓަރު ވިދާޅުވެފައި ވަނީ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރައްވައިގެން ހުންނެވި ގާސިމް މަތިންދާ ބޯޓުގައި މިވަގުތު ދަތުރު ކުރެއްވުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށްވުމުން މަތިންދާ ބޯޓުގައި ދަތުރު ނުކުރެއްވުމަށެވެ. މި ސަބަބަބާހުރެ ގާސިމް ރާއްޖެ ވަޑައިގަތުމަށް އުޅުއްވުމުން ސިންގަޕޯރ އެއާރލައިންސް އިން ވަނީ ގާސިމް ބޯޓަށް އެރުވުމަށް ދެކޮޅު ހަދާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ވަނީ ފުރަން އެއާރޕޯޓަށްވެސް ވަޑައިގެން ކޮންމެހެންވެސް މާދަމާ ރާއްޖެ ވަޑައިގަންނަވަންޖެހޭ ކަމަށް ސިންގަޕޯރ އެއާރލައިންގައި ވިދާޅުވެފައެވެ. އަދި މާދަމާ ވިސާ ހަމަވާ ވާހަކަވެސް ވިދާޅުވެފައެވެ. ނަމަވެސް ޑޮކްޓަރުގެ ލިޔުން ތަކަށް ބަލައި ސިންގަޕޯރ އެއާރލައިން އިން އެންގީ އެ އާރލައިންގެ ބޯޓެއްގައި އެފަދަ މީހަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. ޑޮކްޓަރުގެ ލިޔުމުގައިވާ ގޮތުން އޮޕަރޭޝަނަށް ފަހު ތިން މަސް ދުވަސް ވަންދެން މަތިންދާ ބޯޓުގައި ދަތުރު ކުރެއްވުން މަނަލެވެ.

ތިން އަހަރާއި ދެމަހުގެ ޖަލު ޙުކުމެއްގައި ހުންނެވި ގާސިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް ކަރެކްޝަނުން އެންމެ ފުރަތަމަ ދީފައި ވަނީ 10 ދުވަހެވެ. ނަމަވެސް އޮޕަރޭޝަން ކުރަންޖެހޭތީ އާއިލާއިން މުއްދަތު އިތުރު ކުރުމަށް އެދުމުން ކަރެކްޝަނުން ވަނީ އިތުރު 10 ދުވަސް ދީފައެވެ. އެ 10 ދުވަސް މާދަމާ ހަމަވާތީ ކަރެކްޝަނުން ވަނީ މާދަމާ މުއްދަތު ހަމަވުމުގެ ކުރިން ގާސިމް ރާއްޖެ ވަޑައިގަތުމަށް އަންގާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.