ހިތުގެ އާލާސްކަންފުޅެއްގައި ސިންގަޕޫރުގައި ކުރެއްވި އޮޕަރޭޝަނުގެ ސަބަބުން ވަކި މުއްދަތެއް ވަންދެން ފްލައިޓަށް އަރާވަޑައިގެން ދަތުރު ކުރެއްވުން ޑޮކްޓަރުން މަނާ ކުރައްވާފައި ވީނަމަވެސް ކަރެކްޝަނުން ފަހުން ދިން 10 ދުވަހުގެ މުއްދަތު ހަމަވާއިރަށް ރާއްޖެ ވަޑައިގަތުމަށް ގާސިމަށް އަންގައިފިއެވެ.
ގާސިމްގެ ގާތް މީހަކު ބުނީ ގާސިމް މިހާރު އޮންނެވީ ހިތުގެ އޮޕަރޭޝަނެއް ކުރައްވައިގެން ކަމަށާއި އެހެންވެ ޑޮކްޓަރުން ވަނީ މިވަގުތު ފްލައިޓުގައި ދަތުރު ކުރެއްވުން ގާސިމަށް މަނާ ކުރައްވާފައި ކަމަށެވެ. ނަމަވެސް އެއީ ކިހާ ދުވަހެއް ވަންދެން ކަމެއް ކަށަވަރެއް ނުވެއެވެ.
ކަރެކްޝަނުން ގާސިމަށް އެންމެ ފަހުން ދިން 10 ދުވަހުގެ މުއްދަތު އަންގާރަ ދުވަހަށް ހަމަވާއިރު ކަރެކްޝަނުން އަންގާފައި ވަނީ އެ ދުވަހަށް ރާއްޖެ ވަޑައިގަތުމަށެވެ. ނަމަވެސް ގާސިމްގެ ބޭސްފަރުވާއަށް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި މަޑުކުރުމުގެ ހުއްދައަކަށް ގާސިމްގެ އާއިލާއިން ވަނީ އެދިފައެވެ.
ތިން އަހަރާއި ދެ މަހުގެ ޖަލު ޙުކުމެއް އިއްވާފައިވާ ގާސިމް ހިތުގެ އޮޕަރޭޝަނަށް ފަހު އިތުރު ފަރުވާ ހޯދުމަށް މަދުވެގެން ތިން މަސް ދުވަހު ސިންގަޕޫރުގައި މަޑު ކުރައްވަން ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ. އައިޖީއެމްއެޗުން ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނުން ފުރަތަމަ ދީފައި ވަނީ 10 ދުވަހަށެވެ. އެ 10 ދުވަހަށް ފަހު މުއްދަތު އިތުރު ކުރުމަށް އާއިލާއިން އެދުމުން ކަރެކްޝަނުން ވަނީ އިތުރު 10 ދުވަސް ދީފައެވެ.