ދެ ދިވެހިންނާއި ބިދޭސީއަކާއެކު މާލެ އަތޮޅު މަނިޔަފުއްޓަށް ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލި ދޯނި ދަތުރު ކުރަމުން ދިޔައީ ފެން ބޭގެއް އަރުވައިގެން މަނިޔަފުއްޓަށް ކަމަށާއި ދޯނި ބަންޑުން ޖަހާލި ސަބަބެއް ކަމަށް ވަނީ ދޯނީގައިވާ ފެން ބޭގް ދެފަރާތަށް ހެލެން ފެށުމާއެކު ދޯނި އެއްފަރާތަށް މާބޮޑަށް އަރިއަޅާލައިގެން ދިޔުން ކަމަށެވެ.
ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާއިރު ދޯނި ބަންޑުން ޖަހާލިއިރު އޮތީ ވެލައްސަރު ރިސޯޓާއި އެނބޫދޫ ރިސޯޓާ ދެމެދުގައެވެ. އެހެންވެ ލަސްތަކެއް ނުވެ އެނބޫދޫ ރިސޯޓުގެ އެހެން ދޯންޏެއް އެ ސަރަހައްދަށްގޮސް ވަނީ ބަންޑުން ޖަހާލި ދޯނީގައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބަންޑުން ޖަހާލި ދޯނި މިހާރު ވަނީ ފެނުން މައްޗަށް ނަގައި ކައިރީގައި އޮތް އެނބޫދޫ ރިސޯޓުގެ ފަޅު ތެރެއަށް ވައްދާފައެވެ.