ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ބޮޑެތި މައްސަލަތަކުގައި ސަރުކާރާއެކު މަޝްވަރާ ކުރުމަށް އިދިކޮޅު ޕާޓީ ތަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމަށް ސަރުކާރުން މިފަހަރު ދިން ދައުވަތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދިން ޖަވާބަކީ ކުރީ ފަހަރު ތަކާއި ޚިލާފަށް ހައިރާން ކުރުވި ޖަވާބެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރޭ އާޓް ގެލަރީގައި އޮތް "ވައި 18 ފިއެސްޓާ" އިފްތިތާޙް ކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާއަށް ދައުވަތުދޭ ކޮންމެ ފަހަރަކު އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރުވަނީ ޝަރުތެއް ކަމަށެވެ. ނަމަވެސް މިފަހަރު ދިން ޖަވާބަކީ ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް ކަމަށް ބުނުން ކަމަށާއި އެއީ ހަރާންވި ޖަވާބެއް ކަމަށެވެ.
ރައީސް ވިދާޅުވީ މިފަހަރުވެސް މަޝްވަރާއަށް އަންނަން ޖެހޭނީ ޝަރުތެއް ނެތި ކަމަށާއި އެންމެ މުހިންމު ކަމަކީ މަޝްވަރާ ކުރުން ކަމަށެވެ. ރައީސް ވިދާޅުވީ ސިޔާސީ މައްސަލަތަކެއް ގައުމުގައި ހުރި ނަމަވެސް ގައުމުގައި އޮތީ ހަމަޖެހުން ކަމަށާއި އެއްގޮތަކަށްވެސް ރާއްޖެ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ނުވެއްޓޭ ކަމަށެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކެއް އޮތިއްޔާ ސިޔާސީ ހަރަކާތްތަކެއްވެސް އޮންނަންޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަމަވެސް އެ ސިޔާސީ ހަރަކާތް ކުރިޔަށް ގެންދަންޖެހޭނީ ޤާނޫނީ އިންތަކުގެ ތެރެއިން ކަމަށެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ރައީސް ދެއްވި މި ބައްދަލުވުމުގައި ވިދާޅުވީ އެހުރިހާ ޝަކުވާއަކަށް ދެން ސަރުކާރުން ރައްދު ދޭނީ ރޭ ހުޅުނު ކުޅިވަރުގެ ފިއެސްޓާއިންނެވެ.
ރޭ އިފްތިތާޙް ކުރެއްވި ފިއެސްޓާގައި އަންހެނުންގެ ވޮލީ މުބާރާތަކާއި ފިރިހެނުންގެ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައިހެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަތޮޅު މުބާރާތާއި ޒޯން މުބާރާތުގެ އިތުރުން ޗެމްޕިއަންގެ މުބާރާތުގެ ގޮތުގައި ތިން ބުރަކަށް ބަހާލައިގެންނެވެ.