އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އެސްއޯއެފް ކުންފުންޏާ ދެކޮޅަށް އެމްއެމްޕީއާރުސީން ސިވިލް ކޯޓަށް ވެއްދި މައްސަލައިގައި އެސްއޯއެފުން 160 މިލިއަން ރުފިޔާ ދިނުމަށް ޙުކުމް ކޮށްފިއެވެ.
އެމެރިކާ ޑޮލަރުން ނަމަ ގާތްގަނޑަކަށް 10 ވަރަކަށް މިލިއަން ރުފިޔާ އެސްއޯއެފުން ދައުލަތަށް ދޭން ޙުކުމް ކުރިއިރު އެމްއެމްޕީއާރުސީން ދައުވާގައި އެދިފައި އޮތީ އެސްއޯއެފްއާއެކު އެމްއެމްޕީއާރުސީން ކުރިން ވެފައިވާ އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ 158 މިލިއަން ރުފިޔާ (10.3 މިލިއަން ޑޮލަރު) އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި 6.1 މިލިއަން ރުފިޔާ (ހަތަރު ލައްކަ ޑޮލަރު) އެކީ އެއްފަހަރާ ހޯދުމަށެވެ.
ކޯޓުގެ ޙުކުމުގައި ބުނީ އެމްއެމްޕީއާރުސީން ދައުވާގައި ނަގަވައި ދިނުމަށް އެދިފައިވާ ފައިސާ އެފަރާތަށް ހަވާލު ކޮށްފައިވާކަން އެކުންފުންޏަށް ސާބިތު ކޮށްދެއްވިފައި ނެތް ކަމަށެވެ. އެސްއޯއެފްގެ މައްޗަށް ކޯޓުން ޙުކުމް ކޮށްފައި ވަނީ އެކުންފުނީގެ ޣައިރު ޙާޒިރުގައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި އެމްއެމްޕީއާރުސީން ވަނީ އެސްއޯއެފްގެ އެކައުންޓަށް 1 ބިލިއަން ރުފިޔާ ޖަމާކޮށްފައެވެ. އެސްއޯއެފްއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ވަރަށް ގާތް މީހެއް ކަމަށްވާ މުޙަންމަދު އައްލާމް ލަތީފް (މޮހޯ) ގެ ޙިއްސާ އޮންނަ ކުންފުންޏެކެވެ. މިމައްސަލައިގައި އައްލާމް ހޯދުމަށް ފުލުހުން އިއުލާން ކުރި ނަމަވެސް އޭނާ އަތުޖެހޭގޮތް ވަނީ ނުވެފައެވެ.
އައްލާމް ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ފަޅައިއެރުމާއެކު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ. އައްލާމް ދިރިއުޅެނީ ކޮން ގައުމެއްގައިކަންވެސް ނޭނގެއެވެ. ނަމަވެސް އޭނާ ވަނީ ހުރި ތަން ސިއްރު ކުރަމުން އިންޓަރނެޓް މެދުވެރިކޮށް ވީޑިޔޯއަކުން އެމައްސަލައިގައި ވާހަކަ ދައްކާފައެވެ.