ގަލްފުގެ ކުޑަ އަރަބި ގައުމެއް ކަމުގައިވާ ބަހުރޭނުން އިސްރާއީލާކު ފުރިހަމަ ސިޔާސީ ގުޅުން ގާއިމުުކުރަން ނިންމައިފިއެވެ. އެންމެ ފުރަތަމަ މިކަން ހާމަކުރެއްވީ އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕެވެ.
"މިއަދު އަނެއްކާ ތާރީޚީ އެެހެން ކުރިއެރުމެއް. އަހަރުމެން ވަރަށް މަތިވެރި ދެ ރަހްމަތްތެރިން ކަމުގައިވާ އިސްރާއީލާއި ބަހްރޭނުން ސުލްހަ ގާއިމުކުރުމަށް އެއްބަސްވެއްެޖެ. މިއީ 30 ދުވަހުގެ ތެރޭގައި އިސްރާއިލާ ސުލްހަވި ދެވަނަ އަރަބި ގައުމު." ބަހްރޭންގެ ރަސްގެފާނު ޙަމަދް ބިން ޢީސާ އާލްޚަލިފާއާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ވާހަަކަފުޅުދެއްކެވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ރައީސު ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
"އިސްރާއީލާ ކިންގްޑްމް އޮފް ބަހްރޭނާ ދެމެދު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރަން" ދެ ގައުމުން އެއްބަސްވެފައިވާ ކަމުގައި ތިން ލީޑަރުން ނެރުނު ބަޔާނެއްގައި ވެއެވެ.
ބަހްރޭނުން އިސްރާއީލާއެކު ފުރިހަމަ ސިޔާސީ ގުޅުން ގާއިމުކުރަން މި ނިންމީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީން) އިސްރާއީލާއެކު ފުރިހަމަ ސިޔާސީ ގުޅުން ގާއިމުކުރަން ނިންމިކަން ފާއިތުވި އޮގަސްޓު މަހު އިއުލާންކޮށްފައި ވަނިކޮށެވެ. މިއާއެކު ބަހްރޭން ވެގެންދާނީ އިސްރާއީލާއެކު ފުރިހަަމަ ސިޔާސީ ގުޅުން ގާއިމުކުރާ ހަތަަރުވަނަ ގައުމަށެވެ. މިސްރާއި ޖޯޑަން (އުރްދުން) އިން އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ.
ބަހްރޭންގެ މިއަމަލު ސިފަކުރަމުން ފަަލަސްޠީނުން ބުނެފައި ވަނީ މިއީ އަނެއްކާވެސް ޣައްދާރުވެ ބުރަކަށްޓަށް ވަޅިހެރުން ކަމުގެ އަމަލެއް ކަމުުގައެވެ. ފަލަސްޠީނުން ވަނީ ބަހްރޭނުގައި ހުންނަ ސަފީރު އަނބުރާ ގެންނަން ނިންމާފައެވެ.
ޣައްޒާގައި ވެރިިކަން ކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ޙަމާސް) އިން ބުނި ގޮތުގައި މިއީ ފަލަސްޠީނުގެ މައްސަލަ އިސްރާއީލުން ބޭނުންވާ ގޮތަށް ނިންމައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެދުނަ ނުދިނުމަށް އެެމެރިކާއިން ކުރިއަށް ގެންދާ މަޝްރޫއުގެ ބައެެއް ކަމުގައެވެ.
އެމެރިކާއިން ބުނާގޮތުގައި ކުރިއަށް އޮތް ދުަވަސްތަކުގައި އަރަބި އެހެން ބައެއް ގައުމުތަކުންވެސް އިސްރާއީލާ ސުލްހަވެ މިފަދަ އެއްބަސްވުންތައް އެކުލަވާލާނެއެވެ.