ސިންގަޕޫރުގައި ހިތުގެ އާލާސްކަންފުޅަށް މިހާރު ފަރުވާ ހޯއްދަވަމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއަށް ސަރުކާރުން ދީފައިވާ 10 ދުވަހުގެ މުއްދަތު އެއަށްވުރެ އިތުރުކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އާއިލާއަށް އަންގައިފިއެވެ.
ރިޝްވަތު ދެއްވި ކަމަށް ނިންމައި ތިން އަހަރާއި ދެމަހުގެ ޖަލު ޙުކުމެއް އިއްވާފައިވާ ގާސިމްގެ ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށްޓަކައި ކަރެކްޝަނުން ދީފައިވާ 10 ދުވަހުގެ މުއްދަތާއެކު ސިންގަޕޫރުގެ ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ އެންމެ މަދުވެގެންވެސް ތިން މަސް ދުވަހު ގާސިމް ފަރުވާއަށް މަޑު ކުރެއްވުމަށެވެ. އެހެންވެ އާއިލާއިން ކަރެކްޝަނުގައި އެދުނީ ފަރުވާގެ މުއްދަތު ޑޮކްޓަރު ލަފާ ދެއްވާފައިވާ ގޮތަށް އިތުރުކޮށް ދިނުމަށެވެ. ނަމަވެސް ކަރެކްޝަނުން ގާސިމްގެ އާއިލާއަށް ޖަވާބު ދެއްވާފައި ވަނީ 10 ދުވަހަށްވުރެ އިތުރު ކޮށްދެވެން ނެތް ކަމަށެވެ.
ގާސިމް ސިންގަޕޫރުގައި ފަރުވާ ހޯއްދެވުމަށް އެގައުމުގެ ޕެރަގަން މެޑިކަލް ސެންޓަރަށް ދެއްކެވުމުން ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް ދެއްވާފައިވާ ލިޔުމުގައި ބުނެފައި ވަނީ ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރު ތަކަކަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. އެހެންވެ އެކަމަށް ތިން މަސް ދުވަހު ސިންގަޕޫރުގައި މަޑު ކުރައްވައިގެން ފަރުވާ ހޯއްދަވަން ޖެހޭކަމަށެވެ. ފަރުވާއަށް ކަރެކްޝަނުން ދީފައިވާ 10 ދުވަހުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހު ހަމަވާނެއެވެ.
ގާސިމްގެ މައްޗަށް ތިން އަހަރާއި ދެމަހުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވީ އިދިކޮޅު ޕާޓީ ތަކުގެ ހަރަކާތްތައް މިހާރު އެންމެ ބޮޑަށް ބާއްވާ ކްނޫޒްގައި އޮތް ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކަފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގައި ނިންމާފައެވެ.