ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އެ ދާއިރާ ތަކުގެ ބައި އިލެކްޝަންތަކަށް އިލެކްޝަން ކޮމިޝަން ތައްޔާރު ވަމުންދަނިކޮށް، ކޮމިޝަނުގެ ނިންމުން ބާތިލްކޮށް ބައި އިލެކްޝަންތައް ހުއްޓުވުން އެދި އިދިކޮޅު ޕާޓީ ތަކުންނާއި ރައީސް މައުމޫނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަނުން ނިންމި ނިންމުން ބާތިލް ކޮށްދިނުމަށެވެ. އެ ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙަންމަދު އަމީތް، ތުލުސްދޫ ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު އިބްރާހިމްގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙަންމަދު އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސައިންނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން އަޅާފައިވާ އިދާރީ ނިންމުން ބާތިލްވެފައިވާ ކަމަށް ކަނޑައަޅައި ކޯޓުގެ ހުކުމަށް އެ ކޮމިޝަނުން ތަބާވުމަށް އަމުރުކޮށްދިނުމަށެވެ.
ސުޕްރީމް ކޯޓުން މީގެކުރިން މި މައްސަލައިގައި ނިންމި ނިންމުން އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރު ފަޅިން ދެގޮތަކަށް ދަނީ ތަރުޖަމާ ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ އިލެކްޝަން ކޮމިޝަނުގެ ނިންމުން ބާތިލް ވާނެކަމަށެވެ. ނަމަވެސް ސަރުކާރު ފަޅިން ބުނަނީ އެ ހަތަރު މެމްބަރުންގެ ގޮނޑި ވަނީ ގެއްލިފައި ކަމަށެވެ.