މާލެ، ހުޅުމާލެ ބްރިޖް މައްޗަށް ރާޅު ބިންދަމުންދާ މަންޒަރު ކަމަށްބުނެ ސޯޝަލް މީޑިޔާގައި މިހާރު ދައުރު ވަމުން ދަނީ ރާއްޖޭގެ މަންޒަރެއް ނޫން ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ދައުރު ވަމުންދާ ވީޑިޔޯއަށް ރައްދު ދެއްވައި މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ އަވައްޓެރި މަލިކުގައިވާ ފާލަމެއްގެ މައްޗަށް ރާޅު ބިންދަމުންދާ މަންޒަރު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މާލެ، ހުޅުމާލެ ބްރިޖްގެ ޕްލެޓްފޯމްގެ މައްޗަށް ރާޅު ބިންދާ މަންޒަރު ކަމަށްބުނެ އެހެން ގައުމެއްގެ މަންޒަރު ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ މާލެ، ހުޅުމާލެ ބްރިޖް އަޅަނީ މޫސުމަށްވެސް ބަލައިގެން ކަމަށާއި އެ ބްރިޖަށް ރާޅު ނާރާވަރަށް އުސްވާނެ ކަމަށެވެ. އެގޮތުން މިހާރު ބްރިޖްގެ މަސައްކަތް ކުރުމަށް ހަދާފައިވާ ޕްލެޓްފޯމްއަށްވުރެ އަސްލު ބްރިޖް އޮންނާނީ މާއުސްކޮށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ޗައިނާ ކުންފުންޏަކުން ހަދަމުން އަންނަ މާލެ، ހުޅުމާލެ ބްރިޖްގެ ބަޔެއް ތަނބުތައް މިހާރު ވަނީ ފެނުން މައްޗަށް އަރާފައެވެ. ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މި ބްރިޖް އަންނަ އަހަރުގެ މިނިވަން ދުވަހު ހުޅުވުމަށެވެ.
މި ބްރިޖަށް 200 މިލިޔަން ޑޮލަރު ޚަރަދުވާއިރު އޭގެތެރެއިން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 116 މިލިޔަން ޑޮލަރު ޚަރަދު ކުރެއެވެ. އަދި 72 މިލިޔަން ޑޮލަރު ޗައިނާ ސަރުކާރުގެ ލޯނު އެހީގެ ގޮތުގައިވާއިރު ދިވެހި ސަރުކާރުންވެސް ބްރިޖަށް ބާރަ މިލިއަން ޑޮލަރު ހޭދަކުރާނެއެވެ.