މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނިންމުމަކީ އިލެކްޝަނާބެހޭ ކަމެއްނޫން- ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނަށް ނުނިންމޭނެ ކަމަށާއި މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމުމަކީ އިލެކްޝަން ކޮމިޝަނާބެހޭ ކަމެއްނޫން ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕާޓީ ތަކުން މިރޭ ކްނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަންވެސް މިހާރު ކުރައްވާ ޝާހިދު ވިދާޅުވީ އެމަނިކުފާނަކީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ފަސް އަހަރު ދުވަހު ކުރައްވާފައިވާ ބޭފުޅަކަށް ވާއިރު އެދުވަސްވަރު މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލުންފަދަ ކަމެއް ދިމާވެއްޖެނަމަ އިލެކްޝަން ކޮމިޝަނުން މަޖިލީހަށް ފޮނުވާ ސިޓީގެ ޖަވާބުގައި މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަން ނުވަތަ ނޫންކަން ނިންމާނީ "ސުޕްރީމް ކޯޓުން ކަމަށް ޖަވާބުދީފައި އޮންނާނެ" ކަމަށެވެ.

ޝާހިދު ވިދާޅުވީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލުމުގެ މައްސަލަތައް މިހާރުވެސް ފެންމަތި ވެފައިވާއިރު "ގޮނޑި ފޭރުމުގެ އެޕިސޯޑުތައް" އަދިވެސް އޮތީ އަންނަން ކަމަށެވެ.

ޝާހިދުގެ އިތުރުން މިރޭ އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކީ އެމްޑީޕީ ޔޫތް ވިންގްގެ ފަރާތުން މީކާއީލް ނަސީމްއެވެ. މީކާއީލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަނިޔާ ކުރުން ވަނީ އިންތިހާއަށް ގޮސްފައި ކަމަށާއި ނަމަވެސް އެކަމާ ބިރު ނުގަންނަ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން މިހާރު ހުންނެވީ "ރީހެބަށް" ލާން ވެފައި ކަމަށްވެސް މީކާއީލް ވަނީ ވިދާޅުވެފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.