ޙައްޤުވެގެންވާ ގޮތުގައި ﷲ އަށް ޤަދަރުކުރުން

 ﷲ ގެ ސިފަފުޅުތައް ބަޔާން ކޮށްދެއްވަމުން ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.

"ﷲއީ، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމުވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކު ވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިޒުނަފުޅާ ނުލައި އެކަލާނގެ ޙަޟުރަތުގައި ޝަފާޢަތްތެރި ވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: ޚަލްޤުތަކުންގެ ކުރިން) އިސްވެ ގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ ޢިލްމުފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ ކުރުސި، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ ޙަޟުރަތަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ." (އަލްބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތުގެ ތަރުޖަމާ)

"ﷲއީ، ހަތް އުޑު ހެއްދެވި ރަސްކަލާނގެއެވެ. އަދި ބިމުންވެސް އެފަދަމެއެވެ. (އެބަހީ: އެކަލާނގެ ހަތް ބިން ހެއްދެވިއެވެ.) އެތަންތާނގައި އެކަލާނގެ އަމުރުފުޅު ހިނގަހިނގާ ހުރެތެވެ. ހަމަކަށަވަރުން ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، ﷲގެ ޢިލްމުފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ." (އައްޠަލާޤް ސޫރަތުގެ 12 ވަނަ އާޔަތް)

މި އާޔަތްތައް މިހެން ފެންނާން ހުރުމާއެކުވެސް ބައެއް މީހުންނަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފެށުމެއް، ނިމުމެއް ނެތް މަތިވެރިވަންތަކަމާއި، ބާރުވެރިވަންތަކަން ފުރިހަމައަށް ފަހުމު ކުރެވިފައެއް ނޯވެއެވެ. ވުމާއެކު މި އާޔަތްތަކުގައި ބަޔާން ވެގެންވާ ފަދަ ގޮތަކަށް ﷲ އާ މެދު ވިސްނާކަށްވެސް ނޭނގެއެވެ. އެފަދަ މީސް މީހުން ތިބެނީ އެމީހުން އަމިއްލައަށް އުފައްދައިގެން އުޅޭ ޚުރާފާތުގެ ތެރޭގައި ހައްޔަރު ވެފައެވެ. އެމީހުން ދެކޭ ގޮތުގައި ﷲ އަކީ މާ މަތީގައި، މާ ދުރުގައި ވޮޑިގެންވާ ކަލެކެވެ. ދުނިޔޭގެ ކަންކަމާއި ބެހިބޮޑިގަތުމަކީ ނާދިރު ޙާލަތެއްގައި މެނުވީ ﷲ ކުރައްވާ ކަމެއް ނޫނެވެ. މިފަދަ މީސްމީހުންގެ ހަނި ވިސްނުމުގެ ވާހަކަ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަލްޙައްޖް ސޫރަތުގެ 74 ވަނަ އާޔަތުގައި މި ފަދައިން ބަޔާން ކުރައްވައިފައެވެ. "ﷲއަށް ޤަދަރުކުރުން ޙައްޤުވެގެންވާ ގޮތުގައި، އެއުރެން އެކަލާނގެއަށް ޤަދަރެއްއެއް ނުކުރެތެވެ. ހަމަކަށަވަރުން، ﷲއީ، ބާރުވެރިވަންތަ، ޢަޒީޒުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ."

އީމާންކަމުގެ ޗޭނުގެ އެންމެ ފުރަތަމަ ބޮޅަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބާރުވެރިވަންތަކަމުގެ ޙައްދެއް ނެތްކަން ފުރިހަމައަށް ދެނެގަތުމެވެ. ތިމާމެންގެ މެދުގައި ﷲ ވޮޑިގެންވާ ކަމަށް ފުރިހަމަ މުއުމިނުން އަބަދުވެސް ގަބޫލު ކުރާނެއެވެ. ޚުރާފާތާއި، ވަހުމުތަކުން އެބައިމީހުން ދުރުހެލިވާނެއެވެ. އެބައިމީހުން ބުނާނެއެވެ. "އަދި ތިމަންމެންގެ ތެރެއިން ޖާހިލުކަންބޮޑު މީހާ، ﷲއާމެދު ޙައްޤުން އެއްކިބާވެ، ހައްދުފަހަނަޅައިފައިވާ ބަސްބުނާކަމުގައިވިއެވެ."

މުއުމިނުން ﷲ އަށް އީމާން ވާނީ ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ ގޮތަށެވެ. މި ދުނިޔޭގައި ލައްވައިފައިވާ ހެކިތަކާއި، އާޚިރަތުގެ ހެކިތައް އެމީހުން ދިރާސާކޮށް ބަލާނެއެވެ. އެމީހުން ﷲ ގެ ކުޅަދުންވަންތަކަމާއި، ބާރުވެރިވަންތަކަން ދެނެގަންނާނީ އެ ހެކިތަކުގެ އަލީގައެވެ.

އެހެން ނަމަވެސް ﷲ އާ މެދު ފަރުވާ ކުޑަކޮށް، ﷲ ގެ ކުޅަދުންވަންތަކަމާއި، ބާރުވެރިވަންތަކަން ހަނދާން ނައްތައިލައި، ދުނިޔޭގައި އެކަލާނގެ ލައްވައިފައިވާ މަޚުލޫޤުންނަށް ސަމާލުކަން ދޭން ފަށައިފިނަމަ، ޚާއްޞަކޮށް މުޞީބާތުގެ ވަގުތުގައި، އެމީހުންގެ މައްޗަށް ނުފޫޒު ފޯރުވާން ފަށްޓާނީ ޚުރާފާތެވެ. މި ނުރައްކާތެރި ޙާލަތުގެ ވާހަކަ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އާލްޢިމްރާން ސޫރަތުގެ 154 ވަނަ އާޔަތުގައި މިފަދައިން ބަޔާން ކުރައްވައިފައެވެ. "ދެން، އެ ހިތާމަޔަށްފަހު ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށްޖެހޭ މަޑު ނިންޖެއްގެ ގޮތުގައި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ އަމާންކަން ބާވައިލެއްވިއެވެ. އަނެއްބަޔަކަށް އެއުރެންގެ އަމިއްލަ ނަފްސުތަކުން ހިތާމަވެރިކަން ލިއްބައިފިކަން ކަށަވަރެވެ. ﷲއާމެދު އެއުރެން ޙައްޤުނޫންގޮތްތައް ހީކުރެތެވެ. (އެއީ) ޖާހިލީ ޒަމާނުގެ ހީކުރުމެވެ. އެއުރެން ބުނެތެވެ. ކަންތަކުގެ ތެރެއިން (އެބަހީ: ނަޞްރުދެއްވުންފަދަ ކަންތަކުގެ ތެރެއިން) އެއްވެސްކަމެއް ތިމަންމެންނަށް ވޭތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ހުރިހާކަމެއްމެ މިލްކުވެގެންވަނީ ﷲއަށެވެ. ކަލޭގެފާނަށް އެއުރެން ފާޅުނުކުރާ ކަންތައް، އެއުރެންގެ ހިތްތަކުގައި ވަންހަނާ ކުރެތެވެ."

މިފަދަ ކަތި ފިޔަވަޅެއް އަޅާކަށް ނުވަތަ މިފަދަ ނުބައި ޚުރާފާތެއްގެ ތެރެއަށް ވަންނާކަށް މުއުމިނަކު ބޭނުމެއް ނުވާނެއެވެ. އެހެންވީމާ މުއުމިނާ ވާންވާނީ ޖާހިލުކަމުން ދުރުވެގެން ހުންނަ މީހަކަށެވެ. ޖާހިލިއްޔަ ވިސްނުމުން އެއްކިބާ ވެގެން ހުންނަ މީހަކަށެވެ. އޭނާގެ އީމާންކަން ބިނާ ކުރާން ވާނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ފުރިހަމަ ހަމަތަކުގެ މައްޗަށެވެ. (ހާރޫން ޔަޙްޔާގެ ލިޔުއްވުމެއްގެ ތަރުޖަމާ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.