ގާސިމް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފި

ތިން އަހަރާއި ދެމަހުގެ ޖަލު ޙުކުމެއް އިއްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯދުމަށް ރޭގެވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ޖަލު ޙުކުމް އިއްވިއިރުވެސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮންނެވި ގާސިމް ރޭ ސިންގަޕޫރަށް ފުރާވަޑައިގަތީ 10 ދުވަހުގެ މުއްދަތަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނުން ދިނުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ފުރާވަޑައިގަތީ ޓްރޮވެލް ޑޮކިއުމެންޓެއްގެ ދަށުންނެވެ.

ހުސްވި މަހުގެ ސައުވީސް ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އޮންނެވި ގާސިމްގެ މައްޗަށް ތިން އަހަރާއި ދެމަހުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ކުށުގައެވެ. އެ ދައުވާ ގާސިމްގެ މައްޗަށް ދައުލަތުން ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ވެއްދުމަށް ފަހު އެކަމަށް ވޯޓު ދެއްވާ މެމްބަރުންނަށް އަންނަ ދައުރުގައި މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް ދެއްވައި އިތުރު އެހީތެރިކަންވެސް ދެއްވާނެ ކަމަށް އިދިކޮޅު ހަރަކާތްތަކުގެ ޖަލްސާއެއްގައި ގާސިމް ވިދާޅުވުމުންނެވެ.

ގާސިމްގެ މައްޗަށް ޖަލު ޙުކުމް އިއްވުމުގެ ކުރިންވެސް ވަނީ ދެތިން ފަހަރެއްގެ މަތިން ހޮސްޕިޓަލުގައި އެޑްމިޓް ވެފައެވެ. އޭޑީކޭ އަދި މެޑިކާ ގެ އިތުރުން އައިޖީއެމްއެޗުގައި އެޑްމިޓް ވުމުންވެސް ގާސިމް ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.