ތާރީޚުގެ ތެރެއިން... ޙައްޖުގެ އަޅުކަމަށް ހުރަސްއެޅި ބައެއް ހާދިސާތައް

ކޮވިޑް- 19 އާ ގުޅިގެން ކަނޑަައަޅާފައިވާ އުސޫލުތަކާ އެެއްގޮތަށް ހައްޖުވެރިން އިއްޔެ ޠަވާފުކުރަނީ

މިއަދަކީ ހިޖުރައިން 1441 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހެވެ. މިހާރަކަށް އައިސް އާއްމުކޮށް ކޮންމެ އަހަރަކު 2 މިލިއަންނެއްހާ މުސްލިމުން ކޮންމެ އަހަރަކު އަރަފާތް ބިމަށް އެއްވާ މިދުވަހު، މިއަދު އަރާފާތް ބިމުގައި ތިބީ އެންމެ 10 ވަރަކަށް ހާސް މީހުންެނެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 ބަލިމަޑުކަމުގެ ސަބަބުން ބޭރުގައުމުތަކުން ޙައްޖަށް މީހުން އައުން މަނާކޮށް، މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައޫދީ ސަރުކާރުން ދީފައިވަނީ އެ ގައުމުގެ ރައްޔިތުންނާއި، އެ ގައުމުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން 10 ވަރަކަށް ހާސް މީހުންނަށެވެ.

އިސްލާމީ އުއްމަތުގެ 15 ވަރަކަށް ގަރުނުގެ ދިގު ތާރީޚަށް ބަލާއިރު، މިއީ މިފަދަ ހިތާމަވެރި މަންޒަރެއް ފެންނަ ފުރަތަމަ ފަހަރެއް ނޫނެވެ. ތާރީޚުގެ ތެރެއިން ހޯދާލާއިރު ސިޔާސީ ކޯޅުންތަކާއި، ދީނީ ބައިބައިވުންތަކާއި، ބަލިމަޑުކަމާ ހެދި އެތައް ފަހަރަކު ޙައްޖުގެ މަތިވެރި އަޅުކަމަށް ހުރަސްއެޅިފައި ވެއެެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ހާދިސާތައް ފާހަަގަކޮށްލާނަމެވެ.

މަޝްރޫހު ޞަޙާބީ ޢަބްދުﷲ ބިން އައްޒުބައިރުއާއި އެކަލޭގެފާނަށް ތަބާވެގެން ތިބި މައްކާގެ ރައްޔިތުން ހިޖުރައިން 73 ވަނަ އަަހަރު (694މ.) އުމަވީ ދައުލަތާ ދެކޮަޅަށް ނުކުތުމުން، އުމަވީންގެ ފަރާތުން ޙައްޖާޖު ބިން ޔޫސުފުގެ ލަޝްކަރު މައްކާ ހިސާރުކުރުމުގެ ސަބަބުން މައްކާގެ މީހުންނަށް އެ އަހަރު ޙައްޖުގެ އަޅުކަން އަދާނުކުރެެވެއެވެ. ޢަރަފާތުގައި ޙައްޖު ދުވަހު ތިބެވޭނެ ގޮތެއް ނެތިގެންނެވެ. ޙައްޖާޖުގެ ލަޝްކަރާއި އޭނާއަށް ތަބާވީ މީހުން ޙައްޖުގެ އަޅުކަން އަދާކުރިއެވެ.

ހިޖުރައިން 145 ވަނަ އަހަރު (763މ.) މުޙައްމަދު ބިން ޢަބްދުﷲ ބިން އަލްޙަސަން (އައްނަފްސުއް ޒަކިިއްޔާ) އާއި އޭނާގެ ކޮއްކޯފުޅު އިބްރާހީމްގެ ލީޑަރުކަމުގައި މިސްރާއި ޝާމުކަރައިގައި ޢަލަވީން ޢައްބާސީ ދައުލަތާ ދެކޮޅަށް ބަޣާވާތްކުރުމުން ޢައްބާސީ ދައުލަތުގެ ފަރާތުން މިސްރާއި ޝާމްކަރައިގެ މީހުން ޙައްޖަށް އައުން މަނާކުރިއެވެ. އެހެންކަމުން އެ އަހަރު މިސްރާއި ޝާމްކަރައިން އެއްވެސް މީހަަކަށް ޙައްޖުގެ އަޅުކަން އަދާނުކުރެވެއެެވެ.

ޤަރާމިޠާއިން ވަނީ ހިޖުރައިން 313 ވަނަ އަހަރު (926މ.) އަހްވާޒާއި ބަސަރާ ހިފައި، އިރާގުން މައްކާއަށް ދާ ޙައްޖު ގާފިލާތައް ހިފަހައްޓައި ލޫޓުވާފައެވެ. އެެެހެންކަމުން، އެ އަަހަރު އިރާގުން އެއްވެސް މީހަކު ޙައްޖަށް ނުދެއެވެ.

އަދި އެ މީހުން (ޤަރާމިތާއިން) ހިޖުރައިން 317 ވަނަ އަހަރު (930މ.) މައްކާއަށް އަރައި އެރަށް ލޫޓުވައި، ގަތުލު އާއްމު ހިންގައި އެރަށުގެ އަހުުލުވެރިންގެ ތެރެއިން 30 ހާސް މީހުން މަރާފައި ވެއެވެ. އެމީހުން މައްކާއަށް ވަނީ ޙައްޖު މަހުގެ 7 ވަނަ ދުވަހުއެެވެ. އެެހެންކަމުން، އެއަހަރު ޙައްޖުގެ އަޅުކަން އަދާނުކުރެވުނެވެ. އެ ފަހަރު ޤަރާމިޠާއިން ވަނީ ގެފުޅުގެ ދޮރުކޮޅާއި ޙަޖަރުލް އަސްވަދު ނައްޓާލައިގެން ގެންގޮސްފައެވެ. ތާރީޚު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޤަރާމިޠާއިންގެ ލޫޓުވުމާއި ގަތުލުއާއްމަށް ބިރުން ހިޖުރައިން 317 ވަނަ އަހަރުން ފެށިގެން 326 ވަނަ އަހަރާ (939މ.) އާހަމަައަށް މީހުން ޙައްޖަށް ގޮސްފައި ނުވެއެވެ. ހަަޖަރުލް އަސްވަދު ޤަރާމިޠާއިންގެ އަތުގައި 22 އަހަރު އޮތް ކަމަށް ވެއެވެ.

ހިޖުރައިން 401 ވަނަ (1011މ.) އަހަރު ދެ ސަބަބަކާހުރެ އިރާގުންެ އެެއްވެސް މީހަކު ޙައްޖަށް ނުދެއެވެ. ފުރަތަމަ ސަަބަބަކީ މޫސަލްގެ ވާލީ ޔަޒީދު ބިން ޙާތިމް އަލްއަޒްދީ ޢައްބާސީ ދައުލަތާ ދެކޮޅަށް ނުކުމެ ފާޠިމީންނާ ގުޅުމުން ހިނގި ހަމަނުޖެހުމުގެ ސަބަބުން އަމާންކަން ގެއްލުމެވެ. ދެވަނަ ސަބަަބަކީ ދިޖްލާ ކޯރު ފުރިގެން ބަންޑުންވުމުގެ ސަބަބުން އިރާގެ ބޮޑު ބައެއްގައި ފެންބޮޑުވުުމެވެ.

ބަޣުދާދުގައި އޮތް ޢައްބާސީ ދައުލަތާ ވަކިވެ ބައެެއް އަރަބި ގަބީލާތަކުން އަމިއްލަ ވެރިކަން ކޮށްފައިވެއެެވެ. މިފަދައިން ފާހަގަކޮށްލެވޭ އެއް ވެރިކަމަކީ ދިޖުލާ ކޯރުގެ ހުޅަނގު ބިތުގައި ހިޖުރައިން 388 (998މ.) އިން 545 (1150މ.) އަށް ދެމިއޮތް ބަނޫ ޔަޒީދުގެ ވެރިކަމެވެ. އެމީހުންގެ ވެރިންގެ ތެރެއިން އެެންމެ މަޝްހޫރު ވެރިޔާ ދުބައިސް ބިން ޢަލީ އަލްއަސަދީ ވަނީ ހިޖުރައިން 447 ވަނަ އަހަރު (1046މ.) ގެ ތެރޭގައި އިރާގުގެ ދެކުނުގައި ތަންތަން ހަލާކުކޮށް ހުޅުޖަހައި ބޮޑު ހަމަނުޖެހުންގަނޑެއް ހިންގާފައެވެ. އެއަހަރު އަލްއަސަދީ ހިންގި ހަމަނުޖެހުމުގެ ސަބަބުން އިރާގުން އެއްވެސް މީހަކު ހައްޖަށް ނުދެއެވެ.

ޝާމު ކަރައިގައި ވެރިކަންކުރަމުން ދިޔަ އައްޔޫބީންނާއި، މިސްރުގައި ވެރިކަން ކުރަމުން ދިޔަ ފާޠިމީންނާ ދެމެދު އޮތް ވެރިކަމުގެ ވާދަވެރިކަމުގެ ތެރެއިން ޒިންކީންގެ ޤާއިދެއް ކަމުގައިވާ އަސަދުއްދީން ޝޭރްކޯހް ވަނީ ހިޖުރައިން 562 ވަނަ އަހަރާއި 563 ވަނަ އަހަރު މިސްރު ހިފުމަށް ހަނގުރާމަކޮށްފައެވެ. މި ހަނގުރާމައިގެ ސަބަބުން އެ ދެއަހަރު މިސްރުން އެެއްވެސް މީހަކު ހައްޖަށް ގޮސްފައި ނުވެއެވެ.

ހިޖުރައިން 589 ވަނަ އަހަރު ސުލްޠާން ޞަލާޙުއްދީން އައްޔުބީ އަވަހާރަަވުމަށް ފަހު ބަލިކަށިވެފައިވާ އައްޔޫބީ ދައުލަތް ޞަލާޙުއްދީންގެ ކޮއްކޯފުޅު ސުލްޠާން އަލްޢާދިލު 615 ވަނަ އަހަރު އަވަހާރަވުމާއެކު އިތުރަށް ބައިބައިވެގެން ދިޔައެވެ. އަދި އަލްޢާދިލުގެ ބޭފުޅުން 624ހ. އިން 627ހ. ވެރިކަމާހެދި އެެއްބަޔަކު އަނެއް ބަޔަކަށް ހަނގުރާމަކުރިއެވެ. މި ހަނގުރާމަތަކުގެ ސަަބަބުން ހިޖުރައިން 625، 626 އަދި 627 މި ތިން އަހަރު ޝާމުކަރައިން ޙައްޖަށް ގޮސްފައި ނުވެއެވެ.

އަދި ތާރީޚު ފޮތްތަކުން އެނގޭ ގޮތުގައި ޝާމުކަރައިގައި ވެރިކަންކުރަމުން ދިޔަ އައްޔޫބީންނާއި، މިސްރުގައި ވެރިކަންކުރަމުން ދިޔަ މަމާލީކުންނާ ދެމެދު ހިނގި ހަނގުރާމަތަކުގެ ސަބަބުން ހިޖުރައިން 648 ވަނަ އަހަރު ޝާމް ކަރައާއި، މިސްރުން އެއްވެސް މީހަކު ޙައްޖަށް ގޮސްފައި ނުވެއެވެ.

އޭގެ ފަހުން ހިޖުރައިން 709 ވަނަ އަހަރު މަމާލީކުން އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަކުރުމުގެ ސަބަބުން އެ އަހަރުގެ ޙައްޖަށް އަސަރުކޮށްފައި ވެއެވެ. ވެރިކަމުން ދުރުކޮށް މިސްރަށް އަރުވާލާފައި ހުންނެވި އައްނާޞިރު މުޙައްމަދު ބިން ޤަލާވޫން އަލުން ވެރިކަން ހޯއްދަވަން އޭރު މަމާލީކު ރަސްކަލަކަށް ހުންނެވި އައްމުޘައްފަރު ބޭބަރްސްއާ އެއަހަރު ކުރެއްވި ހަނގުރާމައިގެ ސަބަބުން އެ އަހަރު ޝާމްކަރައާއި މިސްރުން އެއްވެސް މީހަކު ޙައްޖަށް ނުދެއެވެ.

މީލާދީން 1798 ވަނަ އަހަރު (1213ހ.) ނެޕޯލިއަން ދިން ހަމަލާތަކުގެ ސަބަބުން ހައްޖުވެރިން ދަތުރުކުރާ މަގުތަކުގެ އަމާންކަން ގެއްލިފައިވާތީ އެ އަހަރު މިސްރުންނާއި އުތުރު އެފްރިކާއިން އެއްވެސް ބަޔަކު ހައްޖަށް އައިސްފައި ނުވެއެވެ.

ހިޖުރައިން 1229 ވަނަ އަހަރު (1814މ.) ހިޖާޒު ކަރައިގަައި ޠާއޫން ބަލި ފެތުރި 8 ހާސް މީހުން މަރުވިއެވެ. އެހެންކަމުން، އެއަހަރު މީހުން ހައްޖަަށް އައިސްފައި ނުވެއެވެ.

އަދި ހިިޖުރައިން 1279 ވަނަ އަހަރު (1858މ.) ހިޖާޒު ކަރައިގައި ފެތުރުނު ނުރައްކާތެރި ވަބާއެއްެގެ ސަބަބުން ހައްޖަށް އަސަރުކޮށްފައި ވެއެވެ. އަދި އަދި ހިޖާޒު ކަރައިގެ ގިނަ ބަޔަކު އެ ވަބާއިން ސަލާމަތް ވާން ވެގެން މިސްރަށް ގޮސްފައި ވެއެވެ.

މި ދަންނަވާލެވުނީ 1400 އަހަރަށްވުރެ ދިގު ތާރީޚުގައި ހައްޖު އަޅުކަމަށް ހުރަސް އެޅި ބައެއް ހާދިސާތަކެވެ. އެހެންކަމުން، ކޮވިޑް- 19 ގެ ސަަބަބުން މިއަހަރު ހައްޖުގެ އަޅުކަމަށް ހުރަސްްއެޅުމަކީ މިފަދަ ފުރަތަމަ ހާދިސާއެެއް ނޫނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.