މިއަންމާ ސިފައިންގެ ޖަރީމާ- މައުމޫންގެ މެސެޖެއް މުޅި ދުނިޔެއަށް

މިއަންމާގައި އެގައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ސިފައިން ހިންގަމުން އަންނަ އަނިޔާވެރި ޖަރީމާތައް ހުއްޓުވަން ބައިނަލް އަގްވާމީ މުޖުތަމައު ތެދުވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގަތްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މައުމޫން ވިދާޅުވެފައި ވަނީ މިއަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގަމުންދާ ގަތުލްއާންމުތައް ހުއްޓުވަން ތެދުވުމަކީ ބައިނަލް އަގްވާމީ މުޖްތަމައުއަށް މިހާރު މަޖުބޫރު ވެފައިވާ ކަމެއް ކަމަށެވެ. ރައީސް މައުމޫން މިފަދައިން ވިދާޅުވިއިރު ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސް ދަނީ މިއަންމާގެ ސިފައިން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ކުއްވެރި ކުރަމުންނެވެ.

ރޮހިންޔާ ދަރިކޮޅުގެ ބަޔަކު ސިފައިންގެ އަސްކަރީ ޕޯސްޓަކަށް ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން ސިފައިން ދަނީ އެގައުމުގެ މުސްލިމުން ދިރިއުޅޭ ރަކީން އަވަށަށް އަރައި އެތައް ސަތޭކަ ގެޔަކު ހުޅު ޖަހައި އަދި ގިނަބަޔަކު މަރަމުންނެވެ. ބަޑި ޖަހައި އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުން މަރަމުން ދާއިރު ވަޅިން މީހުންގެ ކަރުވެސް ބުރި ކުރަމުން ދެއެވެ. އަދި އަލިފާން ޖަހައި މީހުން އަންދާލުމާއި އެނޫންވެސް ވޭންހުރި އަނިޔާތައްދީ މީހުން މެރުން ވަނީ އާންމުވެފައެވެ.

ސިފައިންގެ އަނިޔާ ތަކުން ސަލާމަތްވުމަށް އެތަކެއްހާސް މީހުން ވަނީ އަވަށް ދޫކޮށް ބަންގްލަދޭޝްގެ ބޯޑަރު ކައިރިއަށް ޖަމާވެފައެވެ. ބަޔެއް މީހުންނަށް ބަންގްލަދޭޝްއަށް އެތެރެވެވުނުއިރު އަނެއް ބަޔަކު އަދިވެސް ތިބީ ބޯޑަރު ކައިރީގައި ތާށިވެފައެވެ. ބޯޑަރު ކައިރީގައި އޮންނަ ކޯރެއް ހުރަސް ކުރުމުގެ ތެރޭގައިވެސް ވަނީ އެތައް ބަޔަކު މަރުވެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ބަދަލު ހިފުން ހުށްޓާލަމާ. މިޤައުމެކޭ މިޔަންމާ އެކޭ ތަފާ ވަމާ ހިނގާ. ޖަލުތަކުގެ ގޮޅިތައް ވެސް ދުވާލުގެ އަލި ލިބޭނެހެން ވަގުތު އެނގޭނެހެން ބަދަލުކުރަމާ. ކޮންމެ ރައީސަކު، ވަޒީރަކު، މެމްބަރަކު ޖަލަށް ލެވުމުން އެކަން އިހުސާސުވެ އެކަން ފާހަގަކުރުމުގެ ބަދަލުގައި އިހުލާސްތެރިކަމާއެކު އެކަންކަން ރަނގަޅުކޮށްފައި ބަހަށްޓަވާ. ތިމާވެސް އެތަނަށް ދިޔުން ގާތް. އިންސާފެއް ނެތް ތަނެއްގައި ފުރުސަތު ބޮޑު.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.