މިއަންމާގެ އިދިކޮޅު ލީޑަރ އަދި ދުނިޔޭގެ ސުލްޙައިގެ އިނާމް ޙާސިލް ކޮށްފައިވާ އަން ސަން ސޫކީއަށް ރާއްޖޭގެ ކުރީގެ ރައީސް މުޙަންމަދު ނަޝީދު ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހުރިހާ ކަމަކީ ސިޔާސީ ފައިދާއަށް ކުރާ ކަންކަން ކަމަށް ހަދައިގެން ނުވާނެ ކަމަށާއި މިއަންމާގެ މުސްލިމް ދަރިކޮޅުގެ މީހުންގެ އިންސާނީ ހައްގުތައް ޙިމާޔަތް ކުރަން ސޫކީވެސް މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ.
މިއަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހައްދު ފަހަނައަޅައި ދިޔައިރުވެސް ސޫކީ ހުންނެވީ ހިމޭން ކަމާއެކު ބަހެއް ވިދާޅުނުވެއެވެ. އިންސާނީ ހައްގުތައް ޙިމާޔަތް ކުރެއްވުމަށް ވަކާލާތު ކުރައްވަމުން އަންނަ ސޫކީ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ހިންގާ އަމަލުތައް ކުށްވެރިނުކޮށް ހުންނަވާތީ ގިނަބަޔަކު ދަނީ ސޫކީއަށް ފާޑު ކިޔަމުންނެވެ.
ބަޔެއް ފަރާތްތަކުން ބުނަނީ ސޫކީ މިމައްސަލައިގައި ހިމޭނުން ހުންނަވަނީ މުސްލިމުންދާ ކޮޅަށް ސިފައިން ހިންގާ ޖަރީމާތައް ކުށްވެރިކޮށް ވާހަކަ ދައްކަވައިފިނަމަ އެގައުމުގެ ބުޑިސްޓުންގެ ތެރޭގައި ސޫކީއަށް އޮތް ތާއީދު ގެއްލިދާނެތީ ސިޔާސީ ފައިދާއެއް ނެންގެވުމަށް ކަމަށެވެ.