ލައިގެން ހުރި ހެދުމުގެ ސަބަބުން ކުރެވުނު ކުށްހީ

ސުދާ މުރުތީއަކީ އިންޑިއާގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ އިންފޯސިސް ފައުންޑޭޝަންގެ ވެރިޔާއެވެ. ހިލޭސާބަހަށް މަސައްކަތް ކުރެއްވުމާއި، ބޭނުން ޖެހިފައިވާ މީސްމީހުންނަށް ފައިސާގެ އެހީ ދެއްވުމާއި، އެހެނިހެން ގޮތްގޮތުން އެހީތެރިވެވަޑައިގެން އުޅުއްވާ މަޝްހޫރު ބޭކަނބަލެކެވެ. އޭނާއަކީ އެމެރިކާގެ ބިލިއަނަރު ބިލްގޭޓްސްގެ ޖަމްއިއްޔާ، ގޭޓްސް ފައުންޑޭޝަންގެ އެކި ކަންތައްތަކުގައިވެސް ބައިވެރިވެ ވަޑައިގެން އުޅުއްވާ ބޭފުޅެކެވެ.

ތިރީގައި މިވަނީ ސުދާގެ ފޮތް "ތްރީ ތައުސަންޑް ސްޓިޗަސް: އޯޑިނަރީ ޕީޕަލް، އެކްސްޓްރާ އޯޑިނަރީ ލައިވްސް" މި ފޮތުން ނަގައި "އަންޓޯލްޑް ސްޓޯރީ ޑޮޓް އައިއެން" ގައި ޝާއިއުކޮށްފައިވާ ލިޔުމަކުން ނަގައި، ތަރުޖަމާ ކޮށްފައިވާ ވާހަކައެކެވެ.


އަޅުގަނޑު ހުރީ ލަންޑަނުގެ ހީތުރޯ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. ބޯޓަށް އަރާން ތައްޔާރު ވެގެންނެވެ. އާއްމު ގޮތެއްގައި އަޅުގަނޑު އުޅެނީ ސާޅި އަޅައިގެންނެވެ. އެކަމަކު ދަތުރު ކުރާއިރު އަޅުގަނޑަށް ފަސޭހައީ ސަލްވާރް ގަމީހެވެ. އެހެންވީމާ އެ ދުވަހު އަޅުގަނޑު ފެންނާނީ އިންޑިއާގެ އާދައިގެ ހެދުމެއްގައި އިން މުސްކުޅި އަންހެނެއްގެ ސިފައިގައެވެ. މި މުސްކުޅި އަންހެންމީހާ މިހިރީ މަތިންދާބޯޓަށް އަރާން ވަންނަ ދޮރާށީގެ ކުރިމަތީގައެވެ. އޭރަކު އަދި މީހުން އަރުވާކަށް ނުފައްޓައެވެ. އެހެންވީމާ އަޅުގަނޑު ގޮނޑިއެއްގައި އިށީނދެ، ތަންތަން ހޯދައި ބަލަން ފަށައިފީމެވެ. އެއީ ބެންގަލޫރަށް ދާން އޮތް ބޯޓެކެވެ. އަޅުގަނޑުގެ ވަށައިގެން ތިބި ބައެއް މީހުން ކަންނާޑާ ބަހުން ވާހަކަ ދައްކާ އަޑު އިވެއެވެ. އަޅުގަނޑުގެ އުމުރުގެ އަންހެނުންނާއި ފިރިހެނުން ކައިރީގައި ތިއްބެވެ. ދެމަފިރިންނެވެ. އެއީ އެ މީހުންގެ ދަރިންގެ ވިހޭގެ ބަލަހައްޓާށާއި، އަލަށް އުޅޭން ފަށާ ގޭގެ ކަންތައްތައް ހަމަޖެއްސުމުގައި އެހީތެރިވާން އެމެރިކާއަށް ނުވަތަ އިނގިރޭސިވިލާތަށް ގޮސްފައި އެނބުރި ރަށަށް އައި މީސްމީހުން ކަމަށް ލަފާކުރެވެއެވެ. އެމީހުންގެ އިތުރަށް އިނގިރޭސި ވިޔަފާރިވެރިންގެ ބަޔަކުވެސް ތިއްބެވެ. އެމީހުން ދައްކަމުން ގެންދަނީ އިންޑިއާގެ ތަރައްގީގެ ވާހަކައެވެ. ޒުވާން ކުދިން ތިބީ އެމީހުން ގެންގުޅޭ އިލެކްޓްރޯނިކް އާލާތުގެ އަވައިގައި ޖެހިފައެވެ. ކުޑަކުދިންތައް ކޮޅުކޮޅުމައްޗަށް ދުވަނީއެވެ. ބައެއް ކުދިން ރޮއިނަގަނީއެވެ.

މާގިނަ އިރުތަކެއް ނުވެ ބޯޓަށް އަރާން ވެއްޖެކަން އިއުލާނު ކޮށްފިއެވެ. އަޅުގަނޑު ތެދުވެގެން ގޮސް ކިޔޫގައި މަޑުކޮށްލައިފީމެވެ. އަޅުގަނޑާ ޖެހިގެން ކުރީގައި ހުރި އަންހެންމީހާއަކީ އެންމެ މި ޒަމާނުގެ ވައްތަރަށް، ވަރުގެ ކޮޅަށް ނަލަހެދިގެން އިން އަންހެނެކެވެ. ލައިގެން އިނީ އިންޑިއާގެ އެކަމަކު ހުޅަނގުގެ ފަށުއި ހެދުމެކެވެ. އަތުގައި އޮތީ ގުޗީ ދަބަހެކެވެ. އަރައިގެން އިނީ ގުޗީ ފައިހިއްލިއަކަށެވެ. އޭނާގެ އިސްތަށިގަނޑު ހީވަނީ ކޮންމެ އިސްތަށްޓެއް ވަކީން ތަރުތީބުން އޮމާންކޮށްފައި އޮތް ހެންނެވެ. އޭނާޔާ ޖެހިގެން ހުރީވެސް އަގުބޮޑު ސާޅިއެއް އަޅައިގެން އިން އަންހެނެކެވެ. އޭނާގެ ކަރުގައި އޮތީ އަގުބޮޑު މުތީގެ ހާރެކެވެ. ކަންފަތު މުދިވެސް ލައިފައި އޮތީ ގުޅޭ ގޮތަށެވެ. އަތުގައި އަޅާފައި ހުރީ ޖަވާހިރު ޖެހި އުޅައެވެ. ކައިރީގައި ހުރި ފެން މެސެނަކަށް އަޅުގަނޑު ބަލައިލީމެވެ. ފެންބޯން ދާން ކިޔޫ ދޫކޮށްލާންވީ ބާވައޭ ހިތަށް އެރިއެވެ.

އަޅުގަނޑުގެ ކުރިމަތީގައި ހުރި މި ދެންނެވި އަންހެންމީހާ ކުއަލިއަކަށް އަޅުގަނޑާ ދިމާއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތީން ފެންނާން ހުރީ ހަމްދަރުދީގެ އަސަރެވެ. އަޅުގަނޑާ ދިމާއަށް އަތް ދިއްކޮށްލައިފައި ބުނެފިއެވެ. "އަހަރެން ބަލައިލާން ބޯޑިން ފާސް ދީފާނަންތަ؟"

ބޯޑިން ފާސް ދޭން އުޅެފައިމެ، ހިތަށް އެރިއެވެ. މިއީ އެއަރލައިންގެ މުވައްޒަފެއް ހެންނެއް ހިޔެއް ނުވެއެވެ. އެހެންވީމާ އަހައިލީމެވެ. "ކިހިނެއްވީތޯ؟"

"މިއީ ހަމައެކަނި ބިޒްނަސް ކުލާސް ފަސިންޖަރުންނަށް އޮންނަ ކިއޫއެއް." އޭނާ ފުރިހަމަ އިތުބާރާއެކު ބުނެލިއެވެ. އަދި އިކޮނިމީ ކުލާހުގެ ކިޔޫއަށް އިޝާރާތް ކޮށްލިއެވެ. "ކަލޭ ގޮސް ހުންނާން ވީ އެ ކިޔޫގައި."

އަހަރެންގެ އަތުގައި އޮތީ ބިޒްނަސް ކުލާސް ޓިކެޓެކޭ ބުނަން އުޅެފައިވެސް، ނުބުނެ ހުއްޓައިލީމެވެ. އަޅުގަނޑު ބޭނުންވީ، އަޅުގަނޑަކީ ބިޒްނަސް ކުލާހުގައި ދަތުރު ކުރުން އެކަށިގެން ނުވާ މީހެއް ކަމަށް އޭނާއަށް ގަބޫލު ކުރެވުނީ ކީއްވެގެންކަން އޮޅުން ފިލުވައިލާށެވެ. އަޅުގަނޑު އަހައިލީމެވެ. "އަޅުގަނޑު އެ ކިޔޫގައި ޖެހެންވީ ކީއްވެގެންތޯ؟"

އޭނާ ފޫހިކަމުގެ ނޭވައެއް ލިއެވެ. "އަޑުއަހާ. ބިޒްނަސް ކުލާހުގެ ޓިކެޓަކީ އިކޮނޮމީ ކުލާހުގެ ޓިކެޓަށްވުރެ މާ އަގު ބޮޑު ޓިކެޓެއް. ގާތްގަނޑަކަށް ދެގުނައަށް ބޮޑު..." އޭނާގެ ރަހުމަތްތެރިޔާ، އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އަހަންނަށް ހީވާ ގޮތުގައި ތިން ގުނައަށްވުރެވެސް ބޮޑުވާނެ." އޭނާ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެއީ ތެދެއް. އެހެންވީމާ ބިޒްނަސް ކުލާސް ޓިކެޓެއް ގަތީމާ ލިބޭ ޚާއްސަ އިމްތިޔާޒުތަކެއް ހުންނާނެ."

"އެހެންތޯ؟" އަޅުގަނޑު ކުޑަކޮށް ލާނެތް ވެލާނަމޭ ހިތައި، ނޭނގޭ ކަމަށް ހެދިގަތީމެވެ. "ތިޔަ ވިދާޅުވަނީ ކޮން އިމްތިޔާޒުތަކެއްގެ ވާހަކަތޯ؟"

އޭނާ ވަރަށް ބޮޑަށް ފޫހި ވެއްޖެކަން އެނގެއެވެ. "އަހަރެމެންނަށް ދެ ދަބަސް ގެންދެވޭނެ. ކަލޭމެނަށް ގެންދެވޭނީ އެއް ދަބަސް. އަހަރެމެން ބޯޓަށް އަރާނީ ތަންކޮޅެއް މީހުން މަދުކިޔޫއެއްގައި ތިބެގެން. އަހަރެމެންނަށް ދޭ ކާނާ މާ ރަނގަޅު ވާނެ. ގޮނޑި ބޮޑު ވެފައި އަރާމު ވާނެ. ގޮނޑި އެނދެއްހެން ފަތުރައިލައިގެން އޮށޯވެވޭނެ. އަބަދުވެސް ޓީވީ ފެންނާން ހުންނާނެ. ބިޒްނަސް ކުލާހުގައި ފަސިންޖަރުން ކިތަންމެ މަދު ވިޔަސް،  މީހުން ބޭނުން ކުރާން ހަތަރު ފާޚާނާ ހުންނާނެ."

އޭނާގެ ރަހުމަތްތެރިޔާ ވާހަކަ ފައްޓައިފިއެވެ. "އަހަރެމެންގެ ދާގީނާތަކަށް އިސްކަން ދީގެން ޗެކިން ކުރެވޭނޭ އިންތިޒާމު ހަމަޖައްސާފައި ހުންނާނެ. އެންމެ ފުރަތަމަ ބޯޓުން ބާލާނީވެސް އަހަރެމެންގެ ދާގީނާތައް. މާނައަކީ އެހެން މީހުންނަށްވުރެ ކުރީން އަހަރެމެންގެ ދާގީނާ ލިބޭނެއޭ. އަދި ގިނަ ދަތުރު ކުރީމާ ލިބޭ މޭލުގެ އިނާޔަތްވެސް އަހަރެމެންނަށް މާ ގިނައިން ލިބޭނެ."

"މިހާރު އަހަރެމެންގެ އިމްތިޔާޒުތައް އެނގިއްޖެނު؟ ދެން އެ ކިޔޫއަށް ދޭ." އެ އަންހެންމީހާ އަމުރުވެރި ރާގަކަށް ބުނެލިއެވެ.

އަދި އޭނާގެ ރަހުމަތްތެރިޔާއާ މުޚާތަބުކޮށް ބުނެލިއެވެ. "މިކަހަލަ ޖަނަވާރު ގޮވީން ދަރަޖައިގެ މީހުންނަށް ވިސްނައި ދިނުމަކީ ފަސޭހަ ކަމެއް ނޫން. މިތާނގެ މުވައްޒަފުން އައިސް ގެންދާންދެން ބަހައްޓާ. އަހަރެމެން ދައްކާ ވާހަކަ އޭނާ އަޑެއް ނާހާނެ."

އަހަރެންގެ ގާތަކަށް ރުޅިއެއް ނާދެއެވެ. "ޖަނަވާރު ގޮވި" މިއީ މާޒީގެ ހަނދާނަކަށް އެނބުރި ދާން މަޖުބޫރު ކުރިވި ބަހެކެވެ. އަޅުގަނޑުގެ އުފަން ރަށް ބެންގަލޫރުގައި އޮތް ރޭގަނޑުގެ ކެއުމަކަށް އަޅުގަނޑު ދިޔައީމެވެ. އެއީ ރަށުގެ ކަމުވޮށިގެންވާ މީހުންނަށް ބައިވެރިވެވޭ ޚާއްސަ ކެއުމެކެވެ. ރަށުގެ ކަމުވޮށިގެންވާ ގިނަ ބަޔަކު އެތަނަށް ގޮސް ތިއްބެވެ. އަޅުގަނޑު އިނީ އެއިން ބަޔަކާ ކަންނާޑާ ބަހުން ވާހަކަ ދައްކާށެވެ. ކުއްލިއަކަށް މީހަކު އައިސް ސާފު އިނގިރޭސި ބަހުން ވާހަކަ ދައްކާން ފަށައިފިއެވެ. "އަޅުގަނޑުގެ ތައާރަފެއް އަރުވަންތޯ؟ އަޅުގަނޑަކީ..."

އޭނާގެ ވާހަކައިގެ ރާގާއި، ލަސްމިން ހުރި ގޮތުން އަޅުގަނޑަށް އޭނާ ދައްކާ ވާހަކަ ނޭނގިދާނެތީ ވިސްނަވިސްނައިގެން ވާހަކަދެއްކީކަން ވަރަށް ރަނގަޅަށް އެނގެއެވެ.

އަޅުގަނޑު ހިނިތުން ވެލީމެވެ. "އަޅުގަނޑާ އިގިރޭސިން ވާހަކަފުޅު ދައްކަވާ."

"އެހެންތޯ؟" އޭނާ ކުޑަކޮށް ލަދުގެންފައި ބުނެލިއެވެ. "މައާފު ކުރައްވާ. ކަމަނާ ކަންނާޑާ ބަހުން ވާހަކަފުޅު ދައްކަވާ އަޑު އިވުނީމާ، އަޅުގަނޑު ހީކުރީ އިނގިރޭސި ބަހުން ވާހަކަ ދެއްކީމާ އުނދަގޫފުޅު ވާނެ ކަމަށް."

"ތިމާގެ މާދަރީ ބަސް އެނގުމަކީ ލަދުވެތިކަމެއް ނޫނެއް ނޫންތޯ؟ ހަގީގަތުގައި އަމިއްލަ ބަހުން ވާހަކަ ދެއްކުމަކީ އަޅުގަނޑުގެ ހައްގެއް. އަޅުގަނޑަށް ލިބޭ ޝަރަފެއް. އަޅުގަނޑު އިނގިރޭސި ބަހުން ވާހަކަ ދައްކަނީ ކަންނާޑާ ބަސް ނުދަންނަ މީހުނާ."

ކިޔޫ މަޑުމަޑުން ކުރިއަށް ހިނގައިގެންފިއެވެ. އަޅުގަނޑު ޚިޔާލީ ދުނިޔެ ދޫކޮށް ހަގީގީ އާލަމަށް އަތުވެއްޖައީމެވެ. އަަޅުގަނޑުގެ ކުރީގައި ތިބި ދެމީހުން އަނެއްކާވެސް އެކަކު އަނެކަކަށް ވައިއަޑުން ވާހަކަ ދައްކާން ފަށައިފިއެވެ. "އަހަރެމެން ދެއްކި ވާހަކައެއް އަޑެއް ނޭހިއެއްނު؟ ބަލަން ހުރޭ. އިސާހިތަކު ބަޔަކު އައިސް އޭނާ ނެރެގެން ގެންގޮސް އެ ކިޔޫއަށް ލާތަން ފެންނާނެ."

އަޅުގަނޑުގެ ފުރުސަތު އައުމުން، ބޯޑިން ކާޑު ދައްކާ ވަގުތު ޖެހިއްޖެއެވެ. އެ ދެމީހުން އެތެރެއަށް ނުވަދެ އަޅުގަނޑަށް ވަނީ ކިހިނެއްތޯ ބަލާން މަޑުކޮށްގެން ތިބެއްޖެއެވެ. އަޅުގަނޑުގެ ބޯޑިން ކާޑު އަތުލައިފައި، އެޓެންޑަންޓު ހިނިތުންވެލިއެވެ. "މަރުހަބާ. މިދިޔަ ހަފުތާގައިވެސް ކަމަނާޔާ ބައްދަލުވިއެއް ނޫންތޯ؟"

"އާދެ." އަޅުގަނޑު ޖަވާބު ދިނީމެވެ. އަދި މަޑުމަޑުން ކުރިއަށް ހިނގައިގެންފީމެވެ.

އެ ދެމީހުން ފަސްދީ ދެތިން ފިޔަވަޅެއް އަޅައިފައި އަޅުގަނޑު ހުއްޓިއްޖައީމެވެ. އަދި އެނބުރި އައިސް އެމީހުން ގާތު ހުއްޓިއްޖައީމެވެ.

"ވިދާޅުވެބައްލަވާ. އަޅުގަނޑަށް ބިޒްނަސް ކުލާހު ޓިކެޓެއް ނުގަނެވޭނެއޭ ތިޔަ ބޭފުޅުން ހީފުޅު ކުރެއްވީ ކީއްވެގެންތޯއެވެ؟ އަދި އަޅުގަނޑުގެ އަތުގައި ބިޒްނަސް ކުލާހުގެ ޓިކެޓެއް ނެތަސް، އެކަން އަޅުގަނޑަށް އަންގަވައި އަޅުގަނޑު ދާންވީތަން ވިދާޅުވެ ދެއްވުމަކީ ތިޔަ ބޭފުޅުން ކުރައްވާން ޖެހޭ ކަމެއްވެސް ނޫނެއް ނޫންތޯ؟ އަޅުގަނޑު ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް އެދި ދެންނެވިންތޯ؟"

އެ ދެމީހުން ހަމަ އަނގައިންވެސް ނުބުނެ އަޅުގަނޑާ ދިމާއަށް ބަލަހައްޓައިގެން ތިބީއެވެ.

އަޅުގަނޑު ހިފެހެއްޓުމެއް ނެތި އަމުނަމުން ގެންދިޔައީއެވެ. "ޖަނަވާރު ގޮވީންނޭ ތިޔަ ބޭފުޅުން ވިދާޅުވީމެއް ނޫންތޯ؟ ދަރަޖައަކީ އަތުގައި ފައިސާ ގިނަ ވީމާ ލިބޭ އެއްޗެއް ނޫނެއް ނޫންތޯ؟ ތިޔަ ބޭފުޅުންގެ އަތްޕުޅުގައި ގިނަ އަދަދަކަށް ފައިސާ ހުރެދާނެ. ބޭނުންފުޅު ކޮންމެ އެއްޗެއް ބައްލަވައިގަނެވިދާނެ. އެކަމަކު ދަރަޖައެއް، އިހުތިރާމެއް ބައްލަވައެއް ނުގަނެވޭނެ. މަދަރ ތެރީސާއަކީ ދަރަޖަވެރިއެއް. އިހުތިރާމު ލިބިގެންވާ ބޭފުޅެއް. އަދި މަންޖުލް ބަރްގަވާއަކީވެސް އެފަދަ ބޭފުޅެއް. އެއީ މޮޅު ހިސާބު އިލްމުވެރިއެއް. އިންޑިއާ ދަރިކޮޅު ބޭފުޅެއް. ފައިސާއާއި މުދާވެރިކަން ލިބުނީމާ ދަރަޖައާއި، އިހުތިރާމުވެސް ލިބުނީ ކަމަށް ބެލެވުނު ދުވަސްވަރު މާޒީވެ ހިނގައްޖެ. އެ ވިސްނުން ބާތިލު ވެއްޖެ."

އެމީހުންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އަޅުގަނޑު ކުރިއަށް ހިނގައިގެންފީމެވެ.

8 ޚިޔާލު

  1. ހަހަހަ.ލިޔުން ކިޔާލީމަ ހަނދާނަށް އައީ ލައިގެން ހުރި ހެދުމުގެ ސަބަބުން ކެއުމަކަށް ނުވަދެވުނުމީހާ ދެވަނަފަހަރު ތަނާ އެކަށޭނަ ހެދުމެއްގައި ގޮސް ހެދުމުގެ ޖީބަށް ކާންދިން ވާހަކަ?

  2. Vara ves iburai theri vaahaka kolhey. Me aharemen dhivehin gey therein ves vara boda fenna manzarey. Meehaa laigen hunna hedumun judge kurun huttalan jehey. Kithamei varaka .libey meehey ves huredhaane simple lifestyle a loabi kuraa Mee visnaalan jehey kamey.

  3. ހައްހައްހާަ..ހާދިސާ ނިމުނުއިރު އެ ދެއަންހެނުން އަނގަ ނުބައިވާނެވަރާ ސައިޒުވެފަ ތިބޭނެވަރު ސިފަވެސް އެބަކުރެވޭ.ގަދަ ކަމަނައެއް.

  4. ވަރަށް ހިތްތިރި ކަނބަލެއް. ރިވެތި ގޮތުގައި ރަނގަޅު ފިލާވަޅެއް ދެއްވައިފި.އިހާނެތިކޮށް ކަންކުރި ދެއަންހެނުންނަށް އިބުރަތަކަށް ފުދޭނެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.