ޕީޕީއެމްއިން ވަކި ކުރި މެމްބަރުގެ ގޮނޑީގެ މައްސަލަގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުންވެސް އިދިކޮޅު ފަރާތްތަކުން ތިބީ ވާނުވާނޭނގި "ދެބަންދިހާރު" ވެފައި ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޖަގަހައިގައި ރޭ އޮތް އެޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން "ވާނުވާ" ގައި ތިއްބައި ކުރިޔަށް އޮތް ބައި އިލެކްޝަންތައް ޕީޕީއެމްއިން ކާމިޔާބުކޮށް ސަރުކާރަށް އޮތް ތާއީދު ނިކަން ރަނގަޅަށް ދައްކާލާނެ ކަމަށެވެ. އަދި ގޮނޑިތަކުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ގޮތުން ދޭހަވީ ޝަރުއީ ނިޒާމްއަށް އެއްވެސް ނުފޫޒެއްނެތި މިނިވަންކަމާއެކު ކުރިޔަށްދާކަން ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.
މަޖިލީހުގެ 6 ދާއިރާއެއްގެ ބައި އިލެކްޝަނަށް އިލެކްޝަން ކޮމިޝަނުންވެސް ތައްޔާރު ވެފައިވާއިރު ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަނީ ބައި އިލެކްޝަނަށް ނުދެވޭނެ ކަމަށާއި މަޖިލީހުގެ ގޮނޑިތައް ހުސްނުވާކަން ސުޕްރީމް ކޯޓުގެ ނިންމުމުން އެނގެން އެބައޮތް ކަމަށެވެ.
ކުރިޔަށް އޮތް މަޖިލީހުގެ 6 ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމް ކާމިޔާބުކޮށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުވެސް ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ތަކުރާރުކޮށް އަދުރޭ ވިދާޅުވިއެވެ.