އިންޑިޔާގެ ކެރެލާ ސްޓޭޓުގެ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް) ގައި ހުންނަ ޕަދްމަނާބާސުވާމީ ފައްޅީގެ މިލްކުވެރިކަން ހޯދަން ކެރެލާ ސްޓޭޓުގެ ސަރުކާރުން ހުށަހެޅި މައްސަލަ އިންޑިޔާގެ ސުޕްރީމް ކޯޓުން ސަރުކާރާ ދެކޮޅަށް ނިންމައިފިއެވެ. ކޯޓުން ވަނީ މިހާރު އެ ފައްޅި ބަލަހައްޓަމުން ގެންދާ ކުރީގެ ޝާހީ އާއިލާއަށް އެ ފައްޅީގެ ކިބައިން އެ ފައްޅީގެ ބެލެހެއްޓުމުގެ ހައްގު ނުނެގޭނެ ކަމަށް ބުނެފައެވެ.
ތާރީޚީ މި ފައްޅި ހޯދަން ސަރުކާރުން ގާނޫނީ ހަނގުރާމައެއް ކުރާތާ އެގާރަ އަހަރުވެއްޖެއެވެ. ސުޕްރީމް ކޯޓުގެ މިހުކުމާއެކު އެ ހަނގުރާމަ މިވަނީ ނިމުމަކަށް އައިސްފައެވެ.
މީލާދީން އަށްވަނަ ގަރުނުގައި ބިނާކޮށްފައިވާ ކަމަށް ބެލެވޭ މި ފައްޅީގެ މިހާރުގެ އިމާރާތަކީ 18 ވަނަ ގަރުނުގެ ތެރޭގައި ޓްރެވަންކޯގެ އޭރުގެ މަހާރާޖާ މަރްތަންޑާ ވަރްމާ ބިނާކޮށްފައިވާ އިމާރާތެކެވެ. އޭރުއްސުރެ އެ ފައްޅި ބަލަހައްޓަމުން އަންނަނީ ޓްރެވެންކޯގެ ޝާހީ އާއިލާއިންނެވެ.
ޕަދްމަނާބާސުވާމީ ފައްޅީގައި ހުރި ޚަޒާނާއެއް 2011 ވަނަ އަހަރު ހުޅުވިއިރު އޭގައި ބަސްތާގައި ހުރި ޖަވާހިރާއި އެތައް ޓަނެއްގެ ރަން ހުއްޓެވެ. އޭރު އަންދާޒާ ކޮށްފައިވާ ގޮތުގައި އެ ޚަޒާނާގައި ހުރި ޖަވާހިރާއި ރަނުގެ އަގު 2 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
ޓްރެވެންކޯގައި އެންމެ ފަހަކަށް ރަސްކަންކުރި މަހާރާޖާ ސްރީ ޗިތުރާ ތިރުނަލް ބާލަރާމާ ވަރްމާ 1991 ވަނަ އަހަރު މަރުވުމަށް ފަހު އާއްމުންގެ ގިނަ ބަޔަކު ހުށަހެޅި ޕެޓިޝަންތަކާ ގުޅިގެން 2011 ވަނަ އަހަރު ކެރެލާ ހައިކޯޓުން ހުކުމް ކުރީ ޓްރެވެންކޯ އާއިލާއިން ފައްޅީގެ މިލްކުވެރިކަން ދޫކޮށްލަން ޖެހޭ ކަމަށެވެ. އިއްޔެ އިންޑިޔާގެ ސުޕްރީމް ކޯޓުން ބާޠިލުކުރީ އެ ހުކުމެވެ.
ޓްރެވަންކޯ ޝާހީ އާއިލާއަކީ 1750 ވަނަ އަހަރުން ފެށިގެން ވެރިކަންކުރަމުން އައި ޝާހީ އާއިލާއެކެވެ. 1947 ވަނަ އަހަރު އިނގިރޭސި އިސްތިއުމާރުގެ ދަށުން އިންޑިޔާ މިނިވަންވުމަށް ފަހު، އިންޑީޔާގައި ހުރި ކުދި ދައުލަތްތައް އުވާލައި އިންޑިޔާގެ މައި ސަރުކާރުގެ ދަށަށް ގެނައެވެ. އެ ގޮތުން 1949 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން ޓްރެވެންކޯގެ ދައުލަތް އުވާލައި އިންޑިޔާއާއި އެއްކުރިއެވެ.
ޝާހީ އާއިލާގެ އެދުމުގެ މަތިން ސުޕްރީމް ކޯޓުން ވަނީ ފައްޅީގެ ކަންތައް ބެލެހެއްޓުމަށް ތިރުވަނަންތަޕޫރަމް ޑިސްޓްރިކްޓް ޖަޖްގެ ބެއްލެވުމުގެ ދަށުން ވަގުތީ ހިންގާ ކޮމިޓީއެއް އެކުލަވާލުމުގެ ހުއްދަ ވެސް ދީފައެވެ. އަދި ފައްޅީގައި ހުރީ ޚަޒާނާ އަލުން ހުޅުވައި އިންވެންޓްރީ ހެދުމާމެދު ކޯޓުން ފަހުން ގޮތެއް ނިންމާނެއެވެ.