އެމެރިކާގެ ރައީސްކަން ޖޯ ބައިޑަންއަށް ލިބިވަޑައިގެންފިނަމަ ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނޭކަމުގައި އެމެރިކާގެ ކުރީގެ ނާއިބު ރައީސް އަދި ނޮވެމްބަރ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވާ ޖޯ ބައިޑެންގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ރައީސްކަމުގައި އެމެރިކާގެ ޚާރިޖީ ދާއިރާގެ އިސް މަގާމުތަކެއް އަދާކުރެއްވި ބްލިންކެން ވިދާޅުވި ގޮތުގައި ކަޝްމީރުގެ މުސްލިމުންނަށް ލިބިގެންވާ ޚާއްޞަ އިމްތިޔާޒުތައް ނިގުޅައިގަތުމަށް އިންޑިއާގެ މައި ސަރުކާރުން ހަދާފައިވާ ގާނޫނުތަކާ ގުޅޭގޮތުން ވެސް ބައިޑެންގެ ސަރުކާރުން އިސްލާހީ ހުށަހެޅުންތަކެއް ކުރިއަށް ގެންދާނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވިފަހުން ކަޝްމީރާމެދު ކަންތައްތައް ކުރައްވަމުންގެންދަވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށް ބުނެ އެކަން ހުއްޓާލުމަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުންނާއި ޖަމްއިއްޔާތަކުން ދަނީ ގޮވާލަމުންނެވެ.
ވޮޝިންޓަންގެ ހަޑްސަން އިންސްޓިޓިއުޓްގައި ބައިޑަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ބްލިންކެން ވިދާޅުވީ އިންޑިއާ ސަރުކާރުން ކަޝްމީރުގެ މިނިވަންކަމާއި ރައްޔިތުންގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތަކަށާއި ރައްވެހިކަމުގެ ގާނޫނަށް އަޅާފައިވާ ހުރަސްތަކުގެ ހައްލު ހޯދައި ދިނުމުގެ ސިޔާސަތެއް ބައިޑެންގެ ސަރުކާރުން ގެންގުޅުއްވާނޭމަށެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާމެދު ގެންގުޅޭ ސިޔާސަތު ފޭލުވެފައިވާ ކަމަށް ވެސް އެންޓޯނިއޯ ބްލެންކަން ވިދާޅުވިއެވެ. އަދި ޓްރަމްޕްގެ ނާކާމިޔާބު ޚާރިޖީ ސިޔާސަތުގެ ސަބަބުން އެމެރިކާއަށް ނުރައްކައުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.