ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުން ބޮޑު: ދިރާސާ

ކޮވިޑް- 19 ޖައްސާ ވައިރަސް، ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެެއްލުން ބޮޑު ކަމުގައި ޢިލްމީ ދިރާސާއަކުން ދައްކައިފިއެވެ. ބައެއް ފަހަރު މި ގެއްލުމަކީ ސީދާ ކޮރޯނާ ވައިރަސްގެ ސަބަބުން ގެއްލުމަކަށް ނުވިޔަސް، ވައިރަސްއިން ދިފާވުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން ކުރާ މަސަައްކަތުގައި ރަނގަޅު ސެލްތަކަށް ހަމަލާ ދިނުމުގެ ސަބަބުން ވެސް މިކަން ދިމާވެއެވެ. ސިކުނޑިއަށް ލިބޭ ނުރައްކާތެރި ގެއްލުން ތަކުގެ ތެރޭގައި ސިކުނޑިއަށް އަންނަ ކުއްލި ބަދަލުގެ ސަބަބުން ނަފްސާނީ އަދި ޖަޒްބާތީ މައްސަލަ (ޑެލިރިއަމް) ދިމާވުމާއި، ސިކުނޑި ދުޅަވުމާއި، ސްޓްރޯކް ޖެހުމާއި، ނާރުތައް ހަލާކުވުން ފަދަ މައްސަލަތައް ހިމެނެއެވެ.

އިލްމީ މަޖައްލާ، 'ބްރެއިން' ގައި ޝާއިއުކުރި މި ދިރާސާއިން އެނގުުނު ގޮތުގައި ސިކުނޑި ދުޅަވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވުމު ފުރުސަތު އޮންނަ ބައްޔެއް ކަމުގައިވާ، އެކިއުޓް ޑިސެމިނޭޓެޑް އެންސެފަލޯމަޔެޓިސް (އަޑެމް) ޖެހޭ މިންވަރުވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ވަނީ އިތުރުވެފައެވެ.

ޔުނިވަސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) އާއި އެހެން ބައެއް ޔުނިވަސިޓީތަކުގެ ސައިންސުވެރިން ގުޅިގެން ކުރި މި ދިރާސާއިން އެނގުނު ގޮތުގައި، މީގެ ކުރިން މަހެއްގެ މައްޗަށް އަޑެމްގެ ބަލިމީހަކު ފެނިފައިވާއިރު، ދިރާސާގެ މުއްދަތުގައި (ކޮރޯނާ ވައިރަސް ފެތުރުނު މުއްދަތުގައި) ހަފުތާއަކު އަޑެމްގެ ބަލި މީހަކު ފެނިފައި ވެއެވެ. މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ އިތުރުވުމެެކެވެ.

ދިރާސާކުރި ޓީމުން ވަނީ އިނގިރޭސިވިލާތުގެ ނޭޝަަނަލް ހޮސްޕިޓަލް އޮފް ނިއުރޮލޮޖީ އެންޑް ނިއުރޯ ސާޖަރީ ގައި ފަރުވާ ހޯދަމުން ިދިޔަ، ކޮވިޑް-19 އަށް ޕޮޒިޓިވް ނުވަތަ އެބަލީގެ އަލާމާތްތައް ހުރި 43 ބަލި މީހެއްގެ ހާލަތު ދިރާސާކޮށްފައެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި ބައެއް ބަލިމީހުންގެ ކިބައިން ނޭވާލާ ނިޒާމުގެ މައްސަލަތައް ފެނުމުގެ ކުރިން ސިކުނޑީގެ މައްސަލަތައް ވަނީ ފެނިފައެވެ.

ދިރާސާކުރި ބަލިމީހުންގެ ތެރެއިން 10 މީހަކަށް ޑެލިރިއަމްގެ މައްސަލަ ކުރިމަތިވެ، 12 މީހެއްގެ ސިކުނޑި ދުޅަވެ، 8 މީހަކަށް ސްްޓްރޯކް ޖެހި، 8 މީހެއްގެ ސިކުނޑީގެ ނާރުތައް ގެއްލުން ލިބިފައި ވެއެވެ.

"ނޭވާލާ ނިޒާމުގެ މައްސަލަތަކުގެ ނުރައްކާތެރި އަލާމާތްތައް ނުފެނި، ހީކުރެވިފައިވާ ވަރަށްވުރެ މާ ގިނައިން ނާރުގެ ނިޒާމުގެ މައްސަލަތައް ޖެހިފައިވާ މީހުން އަހަރުމެންނަށް ފެނިފައިވޭ." ދިރާސާ ތައްޔާރުކުރެއްވި ބޭފުޅެއް ކަމުގައިވާ، މައިކަލް ޒަންޑީ (ޔޫސީއެލް) ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.