ރައްޔިތުންގެ މަޖިލީހުގެ ބާރަ މެމްބަރެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު ހަވާލުކޮށްފިއެވެ.
އެ ބާރަ މެމްބަރުންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ގަދަކަމުން ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތުމެވެ. މި ބާރަ މެމްބަރުންގެ މައްޗަށްވެސް ދައުވާ ކޮށްފައި ވަނީ އެއްމައްސަލައިގެ ގޮތުގައެވެ. ދެން އޮންނާނީ އިބުތިދާއީ އަޑު އެހުންތަކެވެ. މިމައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ ބާރަ މެމްބަރުންނަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙަންމަދު ސޯލިހް (އިބޫ) އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)ގެ މައްޗަށެވެ.
ބާރަ މެމްބަރުން މިއަދު ވަނީ ކޯޓުގެ ލިޔުންތަކާއެކު ކޯޓު ބޭރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބޫ ވިދާޅުވީ އެބޭފުޅުން މަޖިލީހަށް ވަނުމަކީ ކުށެއް ނޫން ކަމަށާއި މި ދައުވާއިން އެނގެނީ ޕީގީގެ ހަމަހަމަކަން ގެއްލިފައިވާކަން ކަމަށެވެ. އަދި މިއީ ދުނިޔޭގައިވެސް މިހާގިނަ އަދަދެއްގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ދައުވާ ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.
މި ބާރަ މެމްބަރުންގެ އިތުރުންވެސް މަޖިލީހުގެ އިތުރު ދެ މެމްބަރެއްގެ މައްޗަށް ދައުލަތުން ދަނީ އެހެން ދައުވާއެއް ކުރަމުންނެވެ. އެއީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫނެވެ. މިދެބޭފުޅުންގެ މައްޗަށް ދައުލަތުން ކުރަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ދައުވާއެވެ.