ނީޒާގެ ނަން ގެންދިޔުމަކީ އަންހެނުންނަށްކުރި ފުރައްސާރައެއް- ޝާހިދު

އެމްއެމްއޭގެ ގަވަރުނަރު ކަމުގައި ކުރިން ހުންނެވި އަޒީމާ އާދަމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އަޒީމާގެ ބަދަލުގައި ގަވަރުނަރު ކަމުގެ މަގާމަށް ހަމަޖެއްސެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ރައީސް ޔާމީން ފޮނުއްވި ނީޒާ އިމާދުގެ ނަން އަނބުރައި ރައީސް ގެންދެވުމަކީ ދިވެހި އަންހެނުންނަށް ކުރެއްވި ފުރައްސާރައެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ ޝާހިދު ވިދާޅުވެފައި ވަނީ ނީޒާގެ ނަން އަނބުރައި ގެންދިޔުމަކީ "ޚިދުމަތްތެރި ކަނބަލުންނަށް ފުރައްސާރަ ކުރުން" ކަމަށެވެ. އަދި މީގެކުރިންވެސް ރައީސް އަބްދުﷲ ޔާމީން މިގޮތަށް އަންހެނުންނާމެދު ކަންތައް ކުރައްވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ނީޒާގެ ނަން ފުރަތަމަ މަޖިލީހަށް ފޮނުއްވުމަށް ފަހު ފަހުން ނަން އަނބުރައި ގެންނަވައި ނަސީރުގެ ނަން މަޖިލީހަށް ފޮނުވުމާއެކު ނީޒާ ވަނީ އެމްއެމްއޭގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވުމަށް ފަހު ނީޒާ ވިދާޅުވެފައި ވަނީ މަގާމުން ދުރުވީ ނަން ފޮނުވުމަށް ފަހު ނަން އަނބުރައި ގެންދިޔުމުން އެއިން ދޭހަވާ މާނައަކީ އޭނާއަށް އިތުބާރު ނުކުރައްވާކަން ކަމަށެވެ.

މަގާމުން އިސްތިއުފާ ދެއްވިއިރު ނީޒާ ހުންނެވީ އެމްއެމްއޭގެ ފައިނޭންޝިއަލް ސްޓެބިލިޓީގެ އެސިސްޓެންޓް ގަވަރުނަރު ކަމުގެ މަގާމުގައެވެ. މީގެއިތުރުން އެމްއެމްއޭގެ ބޯޑުގައި އިންނަވާ ނީޒާއަކީ އައިއެމްއެފްގެ ކޯޑިނޭޓް ގަވަރުނަރުކަންވެސް އަދާކުރައްވަމުން ގެންދަވާ ފަރާތެވެ.  ނީޒާއަކީ އެމްއެމްއޭގައި އެންމެ ދުވަސްވީ އެއްމުއައްޒަފެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.