މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެކޮޅަށް މީޑިޔާ ނެޓުން ދައުވާ ކޮށްފިއެވެ.
މީޑިޔާ ނެޓުން އެ ކޮމިޝަނާ ދެކޮޅަށް ދައުވާ އުފުލީ އަލްޖަޒީރާ ޓީވީ ޗެނަލުން ދެއްކި ސްޓީލިން ޕެރަޑައިސް ޑޮކިއުމެންޓްރީ މީޑިޔާ ނެޓުން ރީ ބްރޯޑްކާސްޓް ކުރުމާއި ގުޅިގެން އެކުންފުނި 500000 ރުފިޔާއިން ޖޫރިމަނާ ކުރަން ކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެންނެވެ.
މިމައްސަލައިގައި މީޑިޔާ ނެޓުގެ ފާޑުކިޔުން ކޮމިޝަނަށް ވަރަށް ބޮޑަށް އަމާޒު ވެގެންދިޔައިރު ކޮމިޝަނުން ބުނެފައި ވަނީ މީޑިޔާ ނެޓް ޖޫރިމަނާކުރީ އެ ޑޮކިއުމެންޓްރީއަކީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އެއްޗެއް ކަމަށެވެ. މީޑިޔާ ނެޓުގެ މައްޗަށް އެ ޖޫރިމަނާ އައުމުގެ ކުރިން ކޮމިޝަނުން ވަނީ ދެފަހަރެއްގެ މަތިން ރާއްޖެ ޓީވީވެސް ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައެވެ.
މީޑިޔާ ނެޓް ޖޫރިމަނާ ކުރުމުގެ އިތުރުން އެ މައްސަލައިގައި މައާފަށް އެދި ނޫސްބަޔާނެއް ނެރުމަށްވެސް ކޮމިޝަނުން މީޑިޔާ ނެޓުގެ މައްޗަށް އޭރު އަމުރު ކުރިއެވެ. ޖޫރިމަނާ ކުރުމާއި ގުޅިގެން މީޑިޔާ ނެޓުގެ ބަޔެއް އިސްބޭފުޅުން އޭރު މީޑިޔާގައި ބުނެފައި ވަނީ ކޮމިޝަނުން ޖޫރިމަނާ ކުރަނީ ކޮމިޝަނުގެ ޒިންމާ ފުރިހަމައަށް އަދާނުކޮށް ތިބެކަމަށެވެ.