ވެރިކަންކުރާ ޕާޓީގެ ރައީސަކަށް ޝެހެބާޒް ޝަރީފް

ޕާކިސްތާނުގައި މިހާރު ވެރިކަން ކުރާ ޕާޓީ، ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެންއެލް-ނޫނު) ގެ ރައީސަކަށް ބޮޑު ވަޒީރުކަމުން ދުރު ކޮށްފައިވާ ނަވާޒް ޝަރީފުގެ ކޮއްކޮ، ޝެހެބާޒް ޝަރީފް އައްޔަން ކުރަން އެ ޕާޓީން ނިންމައިފިއެވެ. އޭނާ މި މަގާމަށް އައްޔަން ކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

ނަވާޒް ޝަރީފާއި، ޝެހެބާޒް ޝަރީފު ވަނީ ލާހޯރުގައި ހުންނަ ނަވާޒްގެ ގޭގައި މިއަދު ބައްދަލު ކުރައްވައިފައެވެ. ޝެހެބާޒަކީ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރެވެ.

މި ބައްދަލު ކުރެއްވުމުގައި ޝެހެބާޒަށް ޕާޓީގެ ރައީސްކަން ދެއްވާން ގަސްތު ކުރައްވާ ކަމަށް ނަވާޒް ޝަރީފް ވިދާޅުވި ކަމަށް ޕާޓީގެ އިސް ބޭފުޅަކު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ރަސްމީކޮށް ޕާޓީން މި ވާހަކަ ބުނެފައެއް ނުވެއެވެ.

ނަވާޒް ޝަރީފް ޕާކިސްތާނުގެ ވެރިކަމަށް އެކަށިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ޕާޓީގެ ވަގުތީ ނާއިބު ރައީސްކަށް މިހާރު ހުންނެވީ ސެނޭޓަރ ސަރްދާރް ޔަޢުޤޫބް ޚާން ނާޞިރެވެ. އިލެކްޝަން ކޮމިޝަނުން އަންގައިފައި ވަނީ އޯގަސްޓް 25 ވަނަ ދުވަހުގެ ކުރިން ޕާޓީގެ އައު ލީޑަރަކު ހޮވާށެވެ.

އިލެކްޝަން ކޮމިޝަނުގެ އެންގުމުގައިވާ ގޮތުގައި އިންތިޚާބުގެ ޤާނޫނަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުިތައް ހަމަނުވާ މީހަކަށް ސިޔާސީ ޕާޓީއެއްގެ އިދާރީ މަގާމެއް އަދައެއް ނުކުރެވޭނެއެވެ.

ޕާޓީން، އިލެކްޝަން ކޮމިޝަނުގެ އެންގުމަށް ތަބާ ނުވިނަމަ، ކުރިއަށް އޮތް ނޭޝަނަލް އެސެމްބްލީ އިންތިޚާބުގައި ނަޒާޒު ޝަރީފުގެ އަނބިކަނބަލުން ބޭގަމް ކުލްސޫމް ނަވާޒަކަށް ބައިވެރިވެވަޑައެއް ނުގެންނެވުނީހެވެ.

ޔަޢުޤޫބް ޚާން ޕާޓީގެ ވަގުތީ ރައީށް ކަމުގައި ހުންނަވާނީ ޕާޓީއަށް ދާއިމީ ރައީސަކު ހޮވަންދެނެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް ޕާޓީން ގަސްތު ކުރާ ބޭފުޅަކީވެސް ޝެހެބާޒް ކަމަށް ވަނީ އަޑު ފެތުރިފައެވެ. އެހެންނަމަވެސް އޭނާއަކީ ނޭޝަނަލް އެސެމްބްލީގެ މެންބަރަކަށް ނުވާތީ ބޮޑު ވަޒީރަކަށް ވެވަޑައިގެންނެވޭ ގޮތް ވަނީ ނުވެފައެވެ. މިހާރު އަޑު ފެތުރިފައިވާ ގޮތުގައި ދެން ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނީ ބޭގަމް ކުލްސޫމް ނަވާޒެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.