ޝަރުތު ތަކަކާއެކު މެމްބަރު ވައްޑެ އާއި ޖޭޕީގެ ސަމީރުވެސް ދޫކޮށްލައިފި

މެމްބަރު ކަމުގެ ގޮނޑި ގެއްލިފައި ވާކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަދެވަޑައިގެންނެވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުންނެވި ތުލުސްދޫ ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު (ވައްޑެ) އާއި މާފަންނު ކްނޫޒް ކުރިމަތީގައި ރޭ މީޑިޔާއަށް އިންޓަވިއުއެއް ދެއްވަން ހުންނަވަނިކޮށް ފުލުހުން ހައްޔަރު ކޮށްފައިވާ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަމީރުވެސް ޝަރުތު ތަކަކާއެކު ދޫކޮށްލައިފިއެވެ.

ވައްޑެ ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް ޖެހުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ. ވައްޑެ ދޫކޮށްލީ ދެކަމަކަށް ޝަރުތު ކޮށްފައެވެ. އެއީ ޤާނޫނާ ޚިލާފު އެއްވެސް އަމަލެއް ނުހިންގެވުމަށާއި އޭނާގެ ފޯނު ނަންބަރު ދިނުމަށް ކުރެއްވި ޝަރުތެވެ.

ވައްޑެ ދޫކޮށްލިއިރު ހަމަ އޭނާ ހައްޔަރު ކުރި މައްސަލައިގައި މަޖިލީހުގެ އިތުރު ތިން މެމްބަރަކުވެސް ވަނީ ހައްޔަރުކޮށް މުއްދަތު ޖަހައި ޖަލަށް ލާފައެވެ. އެއީ ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙަންމަދު އަމީތު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްއެވެ.

މިއަދު ޝަރުތުތަކާއެކު ދޫކޮށްލި ޖޭޕީގެ ސަމީރު ކްރިމިނަލް ކޯޓުން ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު ޖަހަން ފުލުހުން ހާޒިރު ކުރުމުންނެވެ. ކޯޓުން ސަމީރަށް ޝަރުތު ކޮށްފައި ވަނީ ތަހުގީގަށް އެއްބާރުލުން ދިނުމާއި ފޯނު ނަންބަރު ދިނުމާއި ޖިނާއީ ކުށެއްގައި ބައިވެރިނުވުމެވެ. ސަމީރުގެ މައްޗަށްވެސް ފުލުހުން ވަނީ ފަސް ކަމެއްގައި ތުހުމަތު ކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.