ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމްއިން ކުރިމަތި ލެއްވި ކެންޑިޑޭޓުން އިންތިޚާބު ކުރުމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޚަރަދު ކުރެއްވި ފައިސާއަކީ ސިޔާސީ ކަންކަމަށް ޚަރަދު ކުރުމަށް އަދީބު އަތްޕުޅަށް ދެއްވާފައިވާ ފައިސާ ކަމަށާއި ޕީޕީއެމްގެ މެމްބަރުން ހޮވަން އަދީބު ޚިޔާނާތުގެ ފައިސާ ޚަރަދު ކުރައްވާފައި ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަޙީމް މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ އަދީބު ނެންގެވި ޚިޔާނާތުގެ ފައިސާ ޕީޕީއެމްގެ މެމްބަރުން ހޮވަން ޚަރަދު ކޮށްފައިވާ ކަމަށް ރައީސް ޔާމީންވެސް ވިދާޅުވެފައި ނެތް ކަމަށާއި ރައީސް "ވަރަށް ތަފްސީލުކޮށް" ވިދާޅުވެފައި އޮންނާނީ ސިޔާސީ މަސައްކަތަށް އޭރު ލިބުނު ފައިސާ އަޙްމަދު އަދީބު އަތުގައި ހުންނާނެ ވާހަކަ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
" އެހެންވެއްޖެއްޔާ އެ ފައިސާ ދެއްވާނެތާ ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރިޔަސް ރިޔާސީ އިންތިހާބަކަށް ވާދަ ކުރިޔަސް، ޕާޓީން ހަރަދުތަކެއް ކުރާނެ، އެކުރާ ޚަރަދުތަކަކީ އަހުމަދު އަދީބު ކޮރަޕްޝަނުން ހޯދާފައި ހުރި ފައިސާ ކަމަކަށް ނުބެލޭނެ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ މިފަދައިން ވިދާޅުވިއިރު ޕީޕީއެމްގެ ޖަގަހައެއް ހުޅުވަން މިހަފްތާގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ޕީޕީއެމްއިން "ކޮންމެހެންވެސް ހޮވަން ބޭނުންވި ބޭފުޅުންނަށް ޚަރަދުކޮށްފައި ހުންނާނީ އަޙްމަދު އަދީބު" ކަމަށާއި "އެހެންވީމާ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއްނެތް ގޮތުގައި ޙަލާލެއްނޫން" ކަމަށެވެ.
"މިދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ " ރައީސް ޔާމީން އެބައްދަލުވުމުގައި ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އެވާހަކަފުޅާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް ޔާމީން ޚިޔާނާތުގެ ފައިސާ ބޭނުން ކުރެއްވި ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފި ކަމަށެވެ. ނަމަވެސް ޕީޕީއެމް އާއި ރައީސްގެ ތަރުޖަމާން ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ނުބައި މާނައެއް ނަގައިގެން ވާހަކައިގެ އަސްލު އޮޅުވާލީ ކަމަށެވެ.