މެމްބަރު އަމީތު ދޫނިދޫ ކްލިނިކްގައި އެޑްމިޓްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙަންމަދު އަމީތުގެ ލޮލުގައި އިންފެކްޝަން އުފެދި ލޯ ރަތްވެ ހިރުވާތީ އަމީތު މިވަގުތު ހައްޔަރު ކޮށްފައިވާ ދޫނިދޫގައި ހުންނަ ކްލިނިކްގައި ފަރުވާދޭން ފަށައިފިއެވެ.

ދޫނިދޫގައި ވަރަށް ފަހުން ހެދި ކްލިނިކްގައި އަމީތު އެޑްމިޓްކޮށް ލޮލަށް ފަރުވާދޭން ރޭ ފަށާފައިވާއިރު އިއްޔެ ވަނީ އަމީތު މާލެ ގެނެސް އައިކެއާރ ކްލިނިކްއަށްވެސް ދައްކާފައެވެ. އަމީތުގެ އާއިލާއިން އޭނާގެ ބޭބެ އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަމީން ވިދާޅުވީ ޖަލުގައި ހައްޔަރު ކުރީއްސުރެ އަމީތުގެ ސިއްޙީ ޙާލަތު ގޯސް ވަމުން އަންނަ ކަމަށެވެ. އަމީން ވިދާޅުވީ ހައްޔަރުކުރި ފަހުން އަމީތުގެ މައިބަދައިގެ މައްސަލައާއި ލޮލާއި ހަމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި އެފަދަ ކަންކަން ކުރިން ދިމާނުވާ ކަމަށެވެ. ނަމަވެސް އަމީތުގެ ސިއްޙީ ޙާލަތާއިގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން އާއިލާއަށް އެކަށީގެންވާ ވަރަށް ނުދޭކަމަށްވެސް އަމީން ވިދާޅުވިއެވެ.

ފުލުހުން އަމީތު ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔައީ ހުސްވިމަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަތް މައްސަލައިގައެވެ. އެއީ ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް ފުލުހުންގެ އަމުރާ ދެކޮޅަށް ގަދަކަމުން ވަތް ކަމުގެ ތުހުމަތުގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.