އިންޑިޔާއިން މިއަހަރު ހައްޖަށް ދާން އެ ގައުމުގެ ހައްޖު ކޮމިޓީއަށް ފައިސާ ދައްކާފައިވާ މީހުންނަށް ރިފަންޑު ދޭން ނިންމައިފިއެވެ. ހައްޖު ކޮމިޓީ އޮފް އިންޑިޔާއިން ބުނި ގޮތުގައި ދެއްކި ފައިސާގެ %100 ރިފަންޑު ކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ހައްޖު ކޮމިޓީގެ ސީއީއޯ މަޤްޞޫދު އަޙްމަދު ޚާން ވިދާޅުވީ ކޮވިޑް- 19 ގެ ހާލަތު އޮތް ގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަން އޮންނާނެ ކަމުގެ އޮތީ "%5 ފުރުސަތެވެ."
"ހައްޖުގެ ތައްޔާރީތައް ވަގުތީގޮތުން ހުއްޓާލުމަށް އަންގަވައި (މާރިޗު މަހުގެ 13 ގައި) ސައޫދީ މަސްއޫލުވެރިންގެ ފަރާތްޕުޅުން ސިޓީއެއް ލިބިފައި ވަނީ. އިންޑިޔާއިން ހައްޖަށް ތައްޔާރުވާން ދެން އޮތީ މަދު ހަފުތާކޮޅެއް. ސައޫދީންގެ ފަރާތުން އެއްވެސް އެއްޗެއް އަންގާފައި ނުވޭ." ޚާން ވިދާޅުވިއެވެ.
ޚާން އިތުރަށް ހާމަކުރެއްވި ގޮތުގައި ފައިސާ ދައްކާފައިވާ އެންމެންގެ ފައިސާ (ރިފަންޑަށް ނޭދުނަސް) އެމީހުންގެ ބޭންކު އެކައުންޓަަށް އޮޓަމެޓިކުން ޖަމާވާނެއެވެ.
ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓިފައި ވާތީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ދިއުމުގެ ފުރުސަތު މިވަނީ ވަރަށް ކުޑަވެފައެވެ. އިންޑިޔާއިން ހައްޖަށް މީހުން ގެންދާ ފުލައިޓުތަކުގެ ދަތުރުތައް މި ޖޫން މަހު 25 ވަނަ ދުވަހު ފަށާގޮތަށް ކުރިން އޮތީ ހަމަޖެހިފައެވެ.
އިންޑިޔާއިން މިއަހަރު 2 ލައްކަ މީހުން ހައްޖަށް ދާން އޮތީ ހަމަޖެހިފައެެވެ. އޭގެ ތެރެއިން %70 ދަނީ ހައްޖު ކޮމިޓީއާ ގުޅިގެންނެވެ. ބާކީ %30 ދަނީ އަމިއްލަ ކުންފުނިތަކާ އެކުގައެެވެ.
ހައްޖަށް ފުރާ މީހުން އަތުން އިންޑިިޔާގައި ފައިސާ ނަގަނީ ތިން އިސްޓޯލްމަންޓަކަށެވެ. ފަހު އިންސްޓޯލްމަންޓުގެ ފައިސާ ނަގަނީ ސައޫދީ ސަރުކާރުން އެންމެ ފަހުގެ ހުއްދަތައް ލިބުމުންނެވެ. އެހެންކަމުން އެއްވެސް ހައްޖުވެރިއެއްގެ އަތުން ތިންވަނަ އިސްޓޯލްމަންޓުގެ ފައިސާ ނަގާފައި ނުވެއެވެ. ހައްޖު ކޮމިޓީން ފުރަތަމަ އިންސްޓޯލްމަންޓަށް ނަގާފައި ވަނީ 1 ލައްކަ 80 ހާސް ރުޕީސް (36850 ދިވެހި ރުފިޔާ) އެވެ. އަދި ދެވަނަ އިސްޓޯލްމަންޓަށް ނަގާފައި ވަނީ 1 ލައްކަ 10 ހާސް ރުޕީސް (22500 ދިވެހި ރުފިޔާ) އެވެ. ތިންވަނަ އިންސޯޓްލަމަންޓަށް ނަގަން ހަމަޖެހިފައި އޮތް ވަރެއް ހައްޖު ކޮމިޓީން ހާމަކޮށްފައި ނުވެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ގައުމު އިންޑޮނޭޝިޔާއިން ވަނީ މިއަހަރު ހައްޖަށް މީހުން ނުފޮނުވާނެކަން އިއުލާންކޮށްފައެވެ.