މުޞްޙަފް - 29

(29 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ ހިމޭން ވެއްޖެއެވެ.

"އަހަރެން... އަހަރެން ﷲ ތަޢާލާއާ ވާހަކަ ދެއްކީތަ؟"

"މެހެމަލަށް ޝައްކު ކުރެވެނީތަ؟"

"އެކަމަކު... އެއީ ސާދަ ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ބޯދާ ފޮތެއް. މާޒީގެ ފޮތަކުން އަހަރެމެންގެ ދިރިއުޅުން މުސްތަގުބަލާ ގުޅުވައި ދޭނީ ކިހިނެއް؟ އެއީ ކިހިނެއް ވާނޭ ކަމެއް؟ އެކަހަލަ ކަމެއް ވިއްޔާ ވާނީ މުއުޖިޒާތަކަށް."

"އަހަރެމެން އެ ފޮތަށް ކިޔާ ނަމަކީވެސް ތިޔައީ... މުއުޖިޒާ."

"މުޅި ފޮތް ކިޔައި ނިމުނީމާ ހަދާނީ ކިހިނެއް؟"

"އަލުން ފަށައިގެން ކިޔާ. ރަސޫލާގެ ހަދީސެއްގެ ފަހުމީ މާނަ ބުނަންތަ؟ އެކަލޭގެފާނު ހަދީސު ކުރައްވައިފައިވާ ގޮތުގައި ކީރިތި ޤުރްއާނުގެ މުއުޖިޒާތްތަކުގެ ވާހަކަ ތަކުރާރުކޮށް ކިތަންމެ ގިނައިން ކިޔެވިޔަސް ބައު ވެގެންނެއް ނުދާނެ."

"އަހަރެން... އަހަރެން އެ ފޮތް ދޫކޮށްލައިފިއްޔާ ވާނީ ކިހިނެއް؟"

"މެހެމަލް. ޤިޔާމަތް ދުވަހު ﷲ ތަޢާލާ ބިންގަނޑު ހަލުވައި ލެއްވީމާ ބިންމަތީގައި ލެއްވި ހުރިހައި އެއްޗެއް އެއްތަނަކަށް ދެމިގެން އަންނާނެ. ރުހުމުގައި ވިޔަސް ނުވަތަ ނުރުހުމުގައި ވިޔަސް އަންނާނެ. ﷲ ގެ އަމުރުފުޅަށް ނަމާދާ ދިމާއަށް ނުވަތަ ޤުރްއާނާ ދިމާއަށް ނާންނަ މީހާއަށް އެ ދުވަހު ދިމާވާ ހާލަތެއްގެ ސަބަބުން އޭނާ އަންނާނީ ނުރުހުމާއެކު. އޭނާ ގެނެވޭނީ ގަދަކަމުން. ގަދަކަމުން ނަމަވެސް ގެނެވޭނެ. ނައިސް ކުރާނޭ ކަމެއް ނޯންނާނެ. އެ ދުވަހުގެ ހިޔާވަހިކަމަކަށް ފެންނާން އޮންނަ ހަމައެކަނި ތަނަށް ނައިސް ކުރާނީ ކީއް؟ އެހެންވީމާ... މެހެމަލް. އަމިއްލަ އިޚްތިޔާރާއި ރުހުމުގައި އެ ދިމާއަށް ދަތުރު ފަށާ. އެހެން ނޫނީ ގަދަކަމުން ނުވަތަ ނުރުހުމުގައި ގެނެވޭނެ."

އޭގެ ފަހުން މެހެމަލް އަނގަޔަކުން ނުބުނެއެވެ. އިތުރަށް ދައްކާނޭ ވާހަކައެއް ނެތެވެ.

ފަރިޝްތޭގެ ވާހަކަ އިވުނީމާ އޭނާ ބިރުގެންފިއެވެ. މީގެ ފަހުން އޭނާއަށް ޤުރްއާނާ ދުރަށް ނުދެވޭނެއޭ ހިތަށް އެރިއެވެ.

* * *

އެންމެ ލަފުޒެއްގައި ދިރިއުޅުމުގެ އެންމެ ބޮޑު އިމްތިހާނު ފޮރުވިފައި އޮވެދާނޭ ކަމަށް އޭނާއަށް ލަފާވެސް ކުރެވިފައި އޮތްނަމަ އޭނާ އެ ލަފުޒާމެދު ފަރުވާ ކުޑައެއް ނުކުރީހެވެ. އޭނާ އެ ބަހުގެ މާނަ ބަސްފޮތުން ބަލައިގެން ދަސްކުރާން އުޅުނީހެވެ. އެބަސް ނޯޓު ނުކުރެވި އޮތީ ކީއްވެގެން ބާވައޭ އޭނާގެ ހިތަށް މިހާރުވެސް އެބައަރައެވެ.

ފިލާވަޅު ކިޔަވައިދޭން މެޑަމް މިޞްބާޙްގެ އިތުރަށް އެހެން ދާރިސަކުވެސް އެބައުޅެއެވެ. އެއީ މެޑަމް ޒަކިއްޔާއެވެ. ޒަކިއްޔާގެ ފިލާވަޅުގައި ވާހަކަ ދައްކަމުން ދަނީ ބަނީއިސްރާއީލުގެ މީހުން ހައިކަލަށް ވަން ގޮތުގެ މައްޗަށެވެ.

"އަދި ތިޔަބައިމީހުން ސަޖިދަކުރާ ޙާލު (އެބަހީ: މަޑުމައިތިރިވެ، ކިޔަމަންވެގެންވާ ޙާލު އެރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި (حِطَّةٌ އޭ) އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި ޢަފޫ ކުރެއްވުމޭ ދަންނަވާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. އަދި އިޙްސާންތެރިންނަށް ތިމަންރަސްކަލާނގެ (ހެޔޮކަން) އިތުރު ކުރައްވާހުށީމެވެ." (ބަޤަރާ ސޫރަތުގެ 58 ވަނަ އާޔަތުގެ ބައެއް)

އާޔަތް ކިޔައި ދިނުމަށް ފަހު މިހާރު ތަފުސީލުކޮށް ކިޔައި ދެނީއެވެ.

"حِطَّةٌ ގެ މާނައަކީ ވައްޓައިލުން ނުވަތަ ކޮނޑުގައި އޮތް ބުރައެއް ބޭލުން. މާނައަކީ ފާފަތައް ވައްޓައިލުން ނުވަތަ ކޮނޑުމަތީން ބޭލުން. އެއީ މައާފަށް އެދުން. ތައުބާ ވުން. ދެން ބަނީއިސްރާއީލުން ކަންތައް ކުރީ ކިހިނެއް؟ އެ ވާހަކަ ބަޔާން ކުރައްވައިފައި ވަނީ ވިދިގެން އޮތް އާޔަތުގައި. އެމީހުން މޫނު ކުނިކުރަމުން ވަދެގެން ދިޔައީ حِطَّةٌ ގެ ބަދަލުގައި حِنْطَةٌ އޭ ކިޔަމުން. حِنْطَةٌ ގެ މާނައަކީ..."

އޭނާ ގެންދިޔައީ ހަލުވިކަމާއެކު ނޯޓު ކުރަމުންނެވެ. އެވަގުތު ކޮންމެވެސް މީހަކު އޭނާގެ ނޯޓުފޮތުގެ މަތީގައި ގަލަމެއް ބާއްވައިފިއެވެ. އިސް އުފުލައި ބަލައިލީއިރު އެއީ ކުލާސް ބަލަހައްޓާ މީހާއެވެ.

"ބައެއް މީހުން ޤުރްއާން ކިޔެވީމާ އެ ޤުރްއާން އެމީހަކަށްޓަކައި ހެޔު ދުޢާ ކުރޭ. އަނެއް ބަޔަކު ޤުރްއާން ކިޔެވީމާ ޤުރްއާން އެމީހަކަށް ލަޢުނަތްދޭ."

"ކިހިނެއްވީތޯ؟"

"ތިޔަ ލިޔަނީ ޤުރްއާނުގެ މަތީގައި ފޮތް ބާއްވައިގެން."

މެހެމަލް އަވަސް އަވަހަށް ފޮތުގެ ދަށުން ޤުރްއާން ނަގައިފިއެވެ. އެއީ އޭނާ ތަޖުވީދު ދަސްކުރާ ޚަތިމެވެ.

"މާފުކުރައްވާ."

ޚަތިމު ނަގައި އެއްފަރާތް ކުރުމަށް ފަހު އޭނާ އަނެއްކާވެސް ނޯޓު ފޮތަށް ސަމާލުކަން ދީފިއެވެ. އެހެން ކުދިންގެ ފޮތަށް ބަލައިގެން حِنْطَةٌ ގެ މާނަ ނޯޓު ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ފެންނަ ގޮތެއް ނުވިއެވެ. ޤުރްއާނުގެ ކުލާސް ކަމަށް ވާތީ އެއް ކުއްޖަކު އަނެއް ކުއްޖަކާ ވާހަކަ ދެއްކުމަކީ ހުއްދަ ކަމެއް ނޫނެވެ. އެހެންވީމާ ނޯޓު ކުރެވިފައި ހުރި ހިސާބަށް ބަލައިލިއެވެ. އޭނާއަށް ލިޔެވިފައި އޮތީ حِنْطَةٌ ގެ މާނައަކީ ކުނި... މިހައި ވަރަށެވެ. މިހެން ލިޔެވިފައި އޮތީ ސަފުހާގެ އެންމެ ފަހުގެ ފޮޅުވަތް ނިމޭތާގައެވެ.

ބައެއް ފަހަރަށް އެހެން ދިމާވީމާ ލިޔަމުން ގޮސް ސަފުހާ ފުރުނީމާ ދަށުގައި އޮތް ފޮތުން ފެންނާން ހުރި ތަނެއްގައި ނުވަތަ ޑެސްކުގައި ނޯޓު ކުރެވޭގޮތް ވެއެވެ. ފަހުން އެބައި ހަނދާން ނެތިދެއެވެ.

"ކުނީގެ މާނައަކީ..؟" ފުރިހަމަ ނުވެ އޮތް ޖުމުލަ ފެނިފައި އޭނާ ހައިރާންވިއެވެ. އެޔަކުން މާނައެއް ދޭހައެއް ނުވެއެވެ. ފަހުން އެހެން ކުއްޖެއް ގާތު އަހައިގެން އޮޅުން ފިލުވާނީއޭ ހިތައި އޭނާ ފިލާވަޅުގެ ބާކީ ބައި ނޯޓު ކުރާން ފަށައިފިއެވެ. އެކަމަކު ފަހުން އެއްވެސް ކުއްޖެއް ގާތު އަހާކަށް ހަނދާނެއް ނެތެވެ.

ކުލާސް ނިމުނީމާ އޭނާ ބޭރަށް ނުކުތްއިރު ހުމާޔޫން އޭނާގެ ގެއަށް ވަދެވެން ހުންނަ ދޮރު ލައްޕާން ހުއްޓައި ފެނިއްޖެއެވެ. އޭނާ އަވަސްއަވަހަށް ދާން އެނބުރިލީތަނާ ހުމާޔޫން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.

އޭރު މެހެމަލް ހުރީ ޔުނިފޯމުގައެވެ. ބުރުގާވެސް އަޅައިގެންނެވެ. ހުމާޔޫން އޭނާގެ ބޮލުން ފެށިގެން ފައިތިލަޔާ ހަމައަށް ބަލައިލާފައި އަހައިލިއެވެ. "މިއީ ކިހިނެއް އައި ބަދަލެއް؟"

"ކިހިނެއް ހާލު؟" ހުމާޔޫންގެ ސުވާލަށް ޖަވާބެއް ދިނުމުގެ ބަދަލުގައި އޭނާ އަހައިލިއެވެ.

ދޮރާށީގެ ކައިރީގައި ހުރި ވޮޗަރު އެ ދެމީހުންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހުމާޔޫން ހުރީ ފަޓުލޫނުގެ ޖީބަށް އަތް މަހައިލައިގެން އޭނާގެ އެ ފޮނިކަމުގެ މަތީގައެވެ.

"ފަވާދުބޭބެޔާ އެހައި ބޮޑަށް އަޅައިގަނެގެން ތިޔަ އުޅެނީ ކީއްވެގެން؟"

"މަކަރުވެރި މުޖުރިމުންނަކީ ފުލުހުންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް. އަހަންނަކީ ގޮންޖެހުންތަކާ ކުރިމަތިލާ ހިތްވާ މީހެއް."

"ތިޔަ ކަންތައްގަނޑުގެ ތެރޭގައި ހުމާޔޫން ބެދިއްޖެއްޔާޔޯ؟"

"އަހަރެން ބެދެންވީ ކީއްވެގެން؟ ކޯޓުގައި މެހެމަލް އޭނާ ދެކޮޅަށް ބަޔާން ދޭނަމެއްނު؟"

"އަހަރެން އެހެން ހަދާނެއޭ ބުނީ ކާކު؟"

"ކީކޭ؟" ހުމާޔޫން ދިޔައީ ސިއްސައިގެންނެވެ.

މެހެމަލް ހުމާޔޫނާ ދިމާއަށް ބަލައިވެސް ނުލައި ނުކުމެގެން ހިނގައިގެންފިއެވެ. އާދައިގެ މަތީން މަގުގެ އެއް ފަރާތުންނެވެ.

ސިކުނޑީގެ ހުރިހައި ދިމާއަކަށް ފުސް ބުރައިފިއެވެ. ހަދާނޭ އެއްޗެއް ނުވިސްނޭ ހިސާބަށް ހިނގައްޖެއެވެ.

* * *

އެތައް ދުވަހަކަށް ފަހު މިއަދު ސައި ތައްޔާރުކޮށްގެން ބަގީޗާއަށް ގެންދިޔައީ މެހެމަލެވެ. ބޮޑުންގެ މީހުން ގޮނޑިގޮނޑީގައި އިށީނދެގެން ތިއްބެވެ. އެކި ކަހަލަ ވާހަކަ ދެއްކުމާއި ޚިޔާލު ބަދަލު ކުރުމުގެ ތެރެއަށް ގެއްލިފައެވެ.

"ދަރިފުޅާ މެހެމަލް. އަހަރެންގެ ސައި ތަށްޓައް ހަކުރު ބޭސް ގުޅައެއް ލައިދީ." އާޣާ ކަރީމް އާދައިގެ ގޮތަކަށް މިހެން ބުނެފައި ޣަފްރާނާ ވާހަކަ ދައްކާން ފަށައިފިއެވެ. ނާޢިމާއާއި ފިޒާ އެކަކު އަނެކަކާ ދިމާއަށް މާނައިން ފުރިފައިވާ ގޮތަކަށް ބަލައިލިއެވެ. ފަވާދް ޖަލަށް ލީ ދުވަހުން ފެށިގެން މި ދެ މީހުން ވަނީ މެހެތާބާ ތަންކޮޅެއް ދުރަށް ޖެހި ވަރަށް ބޮޑަށް ދެ މީހުންގެ މެދުގައި ގުޅުން ބަދަހިކޮށްފައެވެ. ފަވާދް ދަނބިދަރިއަކަށް ހަދާން ދެމީހުން ދެކެމުން އައި ހުވަފެން ބިލާހަކަށްވެ ނިމިއްޖެއެވެ. އެހެންވީމާ މިހާރު މެހެތާބްގެ ފަހަތުން ވައި އަޅުވަމުން ދިއުމުގެ ބޭނުމެއްވެސް ނެތުމާއެކު ކުޑަކޮށް ދެކޮޅުވެރިގޮތް ދައްކާން ފަށައިފިއެވެ.

"ސައި..."  މެހެމަލް އާޣާ ކަރީމަށް ސައިތަށި ދިނުމަށް ފަހު މެހެތާބަށްވެސް ސައިތަށްޓެއް ދީފިއެވެ.

"ޝުކުރިއްޔާ މެހެމަލް." މެހެތާބްގެ އަނގައިން އެކަހަލަ ލަފުޒެއް ނުކުތީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ފިޒާ ނާޢިމާއާ ދިމާއަށް ބަލައިލާފައި ލޮލުން އިޝާރާތެއް ކޮށްލިއެވެ. ނާޢިމާ ހުނ... އޭ ކިޔައިލުމަށް ފަހު އިސްޖަހައިލިއެވެ. ކުއްލިއަކަށް މިބައިމީހުން މެހެމަލަށް މާ ހެޔޮ ވެގެން އުޅޭ ސަބަބެއް އޭނާއަކަށް ނޭނގެއެވެ.

މެހެމަލް ހުސް ތަބަށް ހިފައިގެން ބަދިގެއާ ދިމާއަށް ދަނިކޮށް ޙަސަން ސިޑިން ފައިބާތަން ފެނިއްޖެއެވެ. އޭރު އޭނާ ގަމީހުގެ އަތުކުރީ ގޮށް އަޅުވަމުން އައިސް އެންމެ ތިރީ ހަރުފަތަށް ފައިބަނީއެވެ.

"މެހެމަލް."

އޭނާގެ ކުރިމަތީގައި ސިފަ ވެގެން ދިޔައީ މީގެ ދުވަސްކޮޅެއް ކުރީން ހިނގި އެހެން ހާދިސާއެކެވެ. ފަވާދް ހަމަ އެ ގޮތަށް ފައިބައިގެން އައި ތަނެވެ. ސައިތަށި ދިންތަނާއި އޭނާގެ އަތުގައި ފަވާދްގެ އިނގިލިތައް ބީހިލީ ތަނެވެ. އޭނާ ހަތިޔާރަކަށް ހަދައިގެން ބޭނުން ކުރާނަމޭ ފަވާދް އެ ދުވަހު ހިތަށް އެރި ބާވައެވެ؟ އޭނާއަކީ އެހައި ބޮޑު މަކަރުވެރިއެއް ހެއްޔެވެ؟

މިއީ ހަމަ އެ މަންޒަރެވެ. ބަދަލުވެފައި ވަނީ މޫނެވެ. އޭނާގެ ލޮލަށް ކަށިލާ ކަހަލަ ގޮތެއް ވާން ފަށައިފިއެވެ.

"މުއުމިނެއްގެ ގަޔަކަށް އެއް ހަރަކުން ދެފަހަރަކު ކަށްޓެއް ނުޖަހާނެއެވެ." އޭނާ އަވަސްއަވަހަށް ބަދިގެޔާ ދިމާއަށް ހިނގައިގެންފިއެވެ.

"މެހެމަލް... މެހެމަލް. މަޑުކޮށްބަލަ."

ޙަސަން މެހެމަލްގެ ފަހަތުން އައިސް ބަދިގޭގެ ދޮރުމައްޗަށް ހުއްޓިއްޖެއެވެ.

އެތެރޭގައި މުސްރަތު ތަށި ދޮންނާން ހުއްޓެވެ. މެހެމަލް ވަދެގެން ދިޔަ ގޮތަށް ގޮނޑިއެއްގައި ދެފައި ވަށްކޮށްލައިގެން އިށީނދެއްޖެއެވެ.

"މެހެމަލް. އަހަރެން ވާހަކައެއް ދައްކަން ބޭނުން."

މުސްތަރަތު ހައިރާންވެފައި ޙަސަނާ ދިމާއަށް ބަލައިލިއެވެ. "ޙަސަން؟"

"ބޮޑުދައިތާ. އަހަރެން ދައްކާ ވާހަކަ އަޑުއަހައިލާށޭ މެހެމަލް ގާތު ބުނެބަލަ."

ގޮނޑީގައި އިށީނދެގެން މޫނު ކުނިކޮށްގެން އިން މެހެމަލާ ދިމާއަށް މުސްރަތު ބަލައިލިއެވެ.

"މެހެމަލް. ޙަސަން އެ ގޮވަނީއެއްނު؟"

"އޭނާ ގޮވައިލާ އިރަށް ދާން އަހަރެން މިއީ އޭނާގެ ބަފާގެ ނޯކަރެއްތަ؟" މިހެން ބުނެފާނަމޭ އެތައް ފަހަރަކު އޭނާގެ ހިތަށް އެރިއެވެ. އެކަމަކު އެކަހަލަ ވާހަކަ ނުދައްކާން އޭނާއަށް ފަރިޝްތޭ ނަސޭހަތް ދިނީ މިއަދު ހެނދުނުއެވެ.

"މެހެމަލް." މުސްރަތު އަނެއްކާވެސް ގޮވައިލިއެވެ.

"އޭނާ ދައްކާން ބޭނުންވާ ވާހަކައެއް މިތާގައި ދައްކާ. މިތާގައި ދައްކަން ބޭނުން ނޫނިއްޔާ އައި ތާކަށް ދޭ." އޭނާ އިސް ޖަހައިލިއެވެ. ފަތިސް ނަމާދު ވަގުތު އޭނާ އޮތީ ވަޢުދެއް ވެފައެވެ. މަރުވާންދެން އެ ވަޢުދުގެ މަތީގައި ދެމިހުންނާން އޭނާ ވަނީ އަޒުމު ކަނޑައަޅައިފައެވެ.

"މެހެމަލަށް ނުވިސްނެނީ ކީއްވެގެން؟" ޙަސަން އޭނާގެ ކުރިމައްޗަށް އައިސް ހުއްޓިއްޖެއެވެ. "އެމީހުން އެ އުޅެނީ ފަވާދް ސަލާމަތް ކުރަން މެހެމަލްގެ ބޭނުން ހިފަން. މި މައްސަލައިގެ ތެރެއަށް ނުވަދެ ސަލާމަތުން ހުރޭ."

މެހެމަލް އިސް އުފުލައި ބަލައިލިއެވެ. ޙަސަންގެ މޫނުމަތީން ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ.

"ދައްކަން އުޅުނު ވާހަކަ ދައްކައި ނިމިއްޖެއްޔާ ދޭ."

ޙަސަން ބުނާނޭ އެއްޗެއް ނޭނގިފައި އިރުކޮޅަކު އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި ނުކުމެގެން ހިނގައްޖެއެވެ.

މުސްރަތު މެހެމަލްގެ ކައިރިއަށް އައިސް ކަން ބޮޑުވެފައި އަހައިލިއެވެ. "ޙަސަން އެ ދައްކަނީ ކޮން މައްސަލައެއްގެ ވާހަކައެއް؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.