ރާއްޖޭގެ ބަންޑާރަ ނާއިބު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އިންންވައިގެން އިދިކޮޅު މީސްމީހުންނަށް ކުރާ ދައުވާތައް ލިޔުއްވާ ކަމަށް ރާއްޖޭގެ މަޝްހޫރު ވަކީލު އަދި ކުރީގެ ބަންޑާރަ ނާއިބެއެް ކަމުގައިވާ ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިހާރު ކުނޫޒުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ އިތުރަށް ޕްރޮސެކިއުޓަރ ޖެނެރަލް ވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސެކްރެޓަރީއަކަށް ކަމަށް ވިދާޅުވެ ސަރުކާރާއި އެހެނިހެން މުއައްސަސާތަކަށް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. ކޯޓުތަކުން ގާނޫނުއަސާސީ ބަދަލުކޮށް ގުޅަ ތެލުލާ އުނދުޅިއަކަށް ހަދާފައިވާ ކަމަށާއި ފަނޑިޔާރުން ގާނޫނު އަސާސީ ބޭނުން ގޮތަކަށް މާނަ ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
ހުސްނުއްސުޢޫދު ވިދާޅުވި ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނަކީވެސް އެކި ދުވަސްވަރު އެކި ގޮތަށް މަސައްކަތް ކުރާ ތަނެކެވެ. އަދި ފުލުހުންގެ އިދާރާއަކީވެސް ވަކި މީހަކު ބުނާ ގޮތަށް ކަންތައް ކުރާ އަމިއްލަ އިޚްތިޔާރެއް ނެތް ތަނެކެވެ.