ބޭނުންވަނީ އެހެންމީހުންނަށް އެހީތެރިވެދެވޭ ފަދަ މަސައްކަތެއް ކުރުން: ނީލަމް

(މިއީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އާތިފާ ޙަސަން ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ.)

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރައިމް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ އަދި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްއިން ހިންގާ ބައެއް ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުން މަސައްކަތްކުރައްވާ  ސ. ހިތަދޫ ސީކޯ އައިޝަތު ނީލަމް ރަޝީދު އަކީ 2012 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ތެރޭގައި މަސައްކަތްކުރަމުން އަންނަ ހުނަރުވެރި ޒުވާނެކެވެ. އޮސްޓްރޭލިޔާގެ މެލްބަން ޔުނިވަރސިޓީއިން މާސްޓަރ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް އިން މަތީ ތަޢުލީމު ހާޞިލުކުރެއްވުމަށްފަހު މިއަހަރުގެ ތެރޭގައި އަލުން ފުލުހުންގެ ވަޒީފާއަށް ނުކުންނަވާފައިވާއިރު ދާދި ފަހުން އޮސްޓްރޭލިއަން ގްލޯބަލް އަލުމިނައި ވެބްސައިޓްގައި ނީލަމްގެ ޚިދުމަތް ފާހަގަކޮށް ޕްރޮފައިލެއް ގެނެސްދީފައިވެއެވެ. މިއީ އޮސްޓްރޭލިއަން ސްކޮލަރޝިޕް ފުރިހަމަކުރެއްވުމަށްފަހު ޤައުމަށް ފައިދާހުރި މަސައްކަތުގައި ދެމިތިބޭ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން އެވެބްސައިޓުން ގެނެސްދީފައިވާ ޕްރޮފައިލެއްކަން ފާހަގަކުރެވެއެވެ. އެގޮތުން ތިރީގައި މިގެނެސްދެނީ ޕޮލިސް ލައިފުގެ ފަރާތުން ނީލަމްއާ ކޮށްފައިވާ އިންޓަރވިއުއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ފުލުހުންގެ ޚިދުމަތާއި ގުޅުން

ފުލުހުންގެ ތެރޭގައި މަސައްކަތް ފެއްޓުމުގެ ކުރިންވެސް ނީލަމް ވަނީ ކައުންސެލަރެއްގެ ހައިސިއްޔަތުން ޖަލު ބަންދުގައި ތިބޭ މީހުންނާއި އެފަދަ މީސް މީހުންގެ އާއިލާތަކަށް ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލީ ގޮތުން މަސައްކަތްކޮށްފައެވެ. އެމަސައްކަތުގެ ތެރޭގައި އުޅުއްވުމަށްފަހު ކްރިމިނޮލޮޖީ އަދި ސައިކޮލޮޖީގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ފުރިހަމަކުރުމަށްފަހު ފުލުހުންގެ ތެރޭގައި މަސައްކަތް ކުރުމަށް ލިބިލެއްވި ފުރުޞަތެއްގައި ސިވިލް މުވައްޒަފެއްގެ ގޮތުގައި ފުލުހުންގެ ވަޒީފާއާއި އެންމެ ފުރަތަމަ ގުޅުނީ 2012 ވަނަ އަހަރުއެވެ. ކްރިމިނޮލޮޖީގެ ދާއިރާއިން ތަޢުލީމު ހާޞިލުކޮށްފައިވުމާއި އަދި ޖިނާޢީ ކުށްކުށާއި ބެހޭ ގޮތުން މަސައްކަތްކުރެއްވުމުގެ ތަޖުރިބާ ހުރުމާއެކު ފުލުހުންގެ ތެރޭގައި މަސައްކަތް ކުރެއްވުމަށް ނީލަމްގެ ޝަޢުޤުވެރިކަންވެސް ބޮޑެވެ. "އަބަދުވެސް ބޭނުންވޭ އެހެންމީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާއަކުން ކުރިއަށް ދާން. އަޅުގަނޑުގެ މަސައްކަތުން އެހެންމީހެއްގެ ދިރިއުޅުމަށް ރަނގަޅު ގޮތެއް ވުމަކީ އަބަދުވެސް އެދޭ ކަމެއް." އެގޮތުން 2012 ވަނަ އަހަރު ފުލުހުންގެ ތެރޭގައި އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ކައުންސެލަރއެއްގެ ގޮތުގައިކަން ފާހަގަކުރެވެއެވެ.

މިހާރު އަދާކުރާ ދައުރު

މިހާރު ނީލަމް އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ ތަފާތު މައްސަލަތައް ދިރާސާކޮށް، މަޢުލޫމާތު އެއްކުރުމާއި ރާއްޖޭގެ ޖިނާޢީ ކުށުގެ ހާލަތަށް އަންނަ ބަދަލުތައް ދިރާސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ކްރައިމް އެނަލިސްޓެވެ. އެކި މައްސަލަތަކުގައި ގެނެވޭ ކުޑަކުދިންނަށް ކައުންސެލިންގ ދިނުމުގެ މަސައްކަތުން ފެށި މިމަސައްކަތް މިހާރު މިވަނީ އެތައް ގުނައަކަށް ފުޅާވެފައެވެ. އެގޮތުން ކްރައިމް އެނަލިސްޓެއްގެ އިތުރުންވެސް ނީލަމް ގެންދަނީ އޭނާގެ ޢިލްމީ ހުނަރާއި ތަޖުރިބާ އެތައް ބަޔަކަށް ހިއްސާކުރަމުންނެވެ. މިގޮތުން އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ އެކި ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވައެވެ. ކޮމިއުނިޓީ އޮރިއެންޓެޑް ނުވަތަ ރައްޔިތުންނާއި ރައްޓެހި ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ފަލްސަފާގެ ދަށުން ފުލުހުންގެ ތަމްރީނުތައް ބައްޓަންވެފައިވާއިރު ނީލަމް ގެންދަވަނީ ސޯޝިއޮލޮޖީ ، ލައިފް ސްކިލްސް، ކޮމިއުނިކޭޝަން، ސްޓްރެސް އެންޑް އޭންގަރ މެނޭޖްމަންޓްފަދަ މާއްދާތައް ފުލުހުންގެ އެކިއެކި ތަމްރީނުތަކުގައި ކިޔަވައިދެއްވަމުންނެވެ. ވަކިން ޚާއްސަކޮށް ފުލުހުންނަށް ހިންގޭ ޑިޕްލޮމާ ފެންވަރުގެ ކޯސްތަކުގައި ކިޔަވައިދެވޭ ސޯޝިއޮލޮޖީ މޮޑިއުލް ފަރުމާކޮށްފައިވަނީވެސް ނީލަމްގެ މަސައްކަތުންނެވެ. އޮސްޓްރޭލިއަން ގްލޯބަލް އަލުމިނައި ވެބްސައިޓްގައިވެސް ފާހަގަކޮށްފައިވާ ފަދައިން ނީލަމް އަކީ އޭނާއަށް ލިބިހުރި ޢިލްމާއި ފަންނީ ހުނަރުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފަމުންދާ ހީވާގި މުވައްޒަފެއްކަމުގައި ދަންނަވަންޖެހެއެވެ.

ކާމިޔާބީތަކާއި ކުރިއެރުން

އޮސްޓްރޭލިއާ އެވާރޑްސް ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާއިރު އޮސްޓްރޭލިއަން ގްލޯބަލް އަލުމިނައިގައި ނީލަމްގެ ޕްރޮފައިލްއެއް ހިމަނާފައިވުމަކީ ޝައްކެއްވެސް ނެތް ގޮތުގައި ބޮޑު ކާމިޔާބީއެކެވެ. މިއީ އެޕްރޮގްރާމްގެ ދަށުން ކިޔެވި ދިވެހި ދަރިވަރެއްގެ ޕްރޮފައިލް އެވެބްސައިޓްގައި ހިމެނިގެން ދިޔަ 3 ވަނަ ފަހަރެވެ. މިފަދަ ފަޚުރެއް ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ މުވައްޒަފަކަށް ލިބުމަކީ ހުރިހާ ފުލުހުންނަށްވެސް ލިބިގެން ދިޔަ ފަޚުރެކެވެ. ފުލުހުންގެ ތެރޭގައި ނީލަމް އަދާކުރަމުންދާ ދަޢުރާއި ސޯޝިއޮލޮޖީގެ އަލީގައި ފުލުހުންގެ މަސައްކަތުގެ އަޚްލާޤާއި ވައްޓަފާޅި ބައްޓަންކުރުމަށް ކުރައްވާފައިވާ މަސައްކަތް އެޕްރޮފައިލްގައި ފާހަގަކޮށްފައިވެއެވެ. ނީލަމް ދެކޭގޮތުގައި އޭނާއަށް މިދާއިރާއިން ލިބޭ އެންމެ މުހިއްމު ކާމިޔާބީއަކީ އަދި އެންމެ ބޮޑު ހިތްހަމަ ޖެހުމަކީވެސް ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބުމެވެ. " ކޯސްތަކުގެ ކިޔަވައިދީފައި ތިބޭ ކުދިން އަބަދުވެސް ފެނުނީމާ ސަލާމް ގޮވާލާނެ. ހިނިތުންވުމާއެކު ވާހަކަ ދައްކާ" އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް".

ފުލުހުންގެ ތެރޭގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ނީލަމްގެ މެސެޖަކީ މިއީ ގިނަގުނަ ފުރުޞަތު ލިބިހުރި ދާއިރާއެއްކަމެވެ. ފުލުހުންގެ ތެރޭގައި ޔުނިފޯރމް އޮފިސަރެއްގެ ގޮތުގައިވެސް އަދި ނޮން ޔުނިފޯރމްޑް ނުވަތަ ނޮން ސްވޯރން އޮފިސަރެއްގެ ގޮތުގައިވެސް ގިނަގުނަ ފުރުޞަތުތަކެއް ހުޅުވިފައިވާކަން ނީލަމް ފާހަގަކުރެއްވިއެވެ. އެގޮތުން ކިޔެވުމުގެ ފުރުޞަތުތަކާއި ވެލްފެއަރގެ އެހެނިހެން ފުރުޞަތުތަކުގެ އިތުރުންވެސް މި ދާއިރާއަކީ ގިނަ ބައެއްގެ އިޙްތިރާމާއި ލޯބި ލިބިގެންދާނެ ފަދަ މަސައްކަތްތަކެއް ކުރެވިދާނެ ދާއިރާއެއްކަމުގައިވެސް ނީލަމް ފާހަގަކުރެއްވިއެވެ.

ޕޮލިސް ލައިފުން އެދެނީ ނީލަމަށް އަބަދުވެސް ފާގަތިކަމާއި ކާމިޔާބީއެވެ. އަދި ފުލުހުންގެ ތެރޭގައި ސާބިތުކަމާއެކު ހިތްވަރާއެކު އަބަދުވެސް ކުރިއަށް ވަޑައިގަތުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.