ދިރިއުޅުމުގެ ރަހަތައް - 18

(10 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އާން! ވަގުތު އެބައޮތް. އަހަރެން ވަކީލުއާ ބައްދަލުކުރަން ޖެހޭ."

"ކިހިނެއްތަ އެ މައްސަލަ!"

"އަދި ޝަރީޢަތެއް ނުފެށޭ."

"އަހަރެން ޔަޤީންކުރަން ފާރިޝާއަށް ކާމިޔާބުވާނެ ކަމަށް. ކިހިނެއް ވަކީލު؟ ރަނގަޅު މީހެއްތަ؟"

ފާރިޝާ ހިނިތުން ވެލިއެވެ. އަދި ބުންޏެވެ.

"އެއީ އޮތް އުންމީދަކީ... އޭނާ ވަރަށް ރަނގަޅު."

ބޭރުން މީހަކު ސަލާން ގޮވައިލިއެވެ. ޓީޗަރު ވެސް ދާން ތެދުވިއެވެ. ޓީޗަރާއެކު ފާރިޝާ ފެންޑާއަށް ނިކުތެވެ. ދުވަސްވީ ފިރިހެނަކު ހުއްޓެވެ. ފާރިޝާ ސުވާލުކުރިއެވެ.

"ކޮން ކަމަކުތޯ؟"

އެމީހަކު ބުންޏެވެ.

"މި އައީ ފާރިޝާއާ ބައްދަލުކޮށްލަން."

"މީ ފާރިޝާއަކީ، ކޮން ކަމަކުތޯ؟"

އެ މީހަކު ސަލާމަށް އަތްދިއްކޮށްލިއެވެ. ފާރިޝާ ޖެހިލުންވިއެވެ. ސަލާން ކުރަން ނުކުރަން އުޅެފައި، އެމީހާއާ ސަލާންކޮށްލިއެވެ.

"ވަންނަވާ. އިށީންނަވާ."

ދެން ޖެހިގެން ހުރި ގޮނޑި ފާރިޝާ ދައްކައިލިއެވެ. ފާރިޝާ ހިތަށް އެރިއެވެ. ޢަލީގެ އަނެއް ބޮޑުބޭނެ ނޫންކަމެއް ވެސް ނޭނގެއެވެ.

ފާރިޝާ ގޭތެރެއިން ގޮނޑިއެއް ނެރެ އެ ގޮނޑީގައި އިށީންނަމުން ބުންޏެވެ.

"ތިޔައީ ޢަލީގެ ތިމާގެ މީހެއްތޯ؟"

އެމީހާ ޖަވާބުދިނެވެ.

"އަދި އަޅުގަނޑުގެ ނަމެއް ވެސް ނުބުނެވޭ! އަޅުގަނޑަށް ކިޔަނީ ޚާލިދު. ޚާލިދު ދީދީ. ފާރިޝާގެ މަންމަގެ ތިމާގެ މީހެއް މިއީ."

"ކިހާވަރެއްގެ ތިމާގެ މީހެއްތޯ؟"

"ޝަރީފާ ދީދީގެ ބައްޕައާ ދެބެންގެ ދެދަރި."

"އަޅުގަނޑުގެ މަންމައެއް އަޅުގަނޑު ނުދެކެން. ބަލައި ބޮޑުކުރީ ބޮޑުދައިތައެއް. އޭނާ ވެސް މި ދުނިޔެ ދޫކޮށްފި. އަޅުގަނޑު މާލެ އައީ.... މާލެ އައީކީއެއް ނޫން. ޙައްވާ މަނިކެ، އަޅުގަނޑު ގެންނެވީ. އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކަށް އޮތީ ކިޔެވުން."

ޚާލިދު ދީދީ އިނީ ފާރިޝާގެ ވާހަކައަށް ކަނުލައި އަޑުއަހާށެވެ. އެހެން އިނދެފައި ބުންޏެވެ.

"ވަރަށް ދެރަވެއްޖައިން. ތިޔައީ ހަމަ އަޅުގަނޑުމެންގެ ޢާއިލާގެ ކުއްޖެއް."

"ދަންނަވަންތޯ ވާހަކައެއް. މި ހިސާބަށް އައިއިރުވެސް މަންމަ ފަރާތުގެ ޢާއިލާއެއް އޮތް ކަމެއް ވެސް ނުދެނަހުރިން. އިނދެގެން އުޅުނު ޢަލީގެ ޢާއިލާ އެއްވެސް ނެތް. އެކަމަކު ކުއްލިއަކަށް ޢަލީގެ ބޮޑުބޭބެއަކު މިގެއަށް އަތުވެއްޖެ."

"ފާރިޝާ! މަޢާފުކުރައްވާ. އަޅުގަނޑު މި އައީ އެއްވެސް އެދުމެއްގައެއް ނޫން. ހަމަ ދެކިލާހިތުން. ފާރިޝާގެ މަންމަ ފުށުގެ ދުރުތާ ތިމާގެ މީހުން ވެސް ތިބިކަން އަންގައިލަން."

"އަޅުގަނޑު ހީކުރީ މަންމަ ފުށުގެ ޢާއިލާއަކީ،..... ޢާއިލާގެ މީހަކު ހުރިހަމަ، ކޮންމެވެސް ގޮތަކުން އަޅުގަނޑުގެ ޚަބަރު ބަލާނެއޭ. މަންމަގެ ޅެންފޮތްތަކެއް ލިބިފައި ހިތަށް އެރި މަންމަގެ ޢާއިލާއަކީ ހަރުދަނާ ޢާއިލާއަކަށް ވެދާނެއޭ. އެކަމަކު އެއްވެސް ޚަބަރެއް ބަލައިލި މީހަކު ވެސް ނެތް. އެހެން އެކަން ވީމައި، ނިންމީ، މަންމަގެ ޢާއިލާގެ މީހަކު ހުއްޓަސް ނެތަސް މަރިހަމައޭ. އިތުރަކަށް އެއީ ކޮން ބައެއްތޯ ބަލާކަށް ނޫޅޭނަމޭ. ގޮތެއް ހުރިއްޔާ އަޅުގަނޑު އެކަނި ޙާލަށް އުޅެން ދޫކޮށެއް ނުލާނެއޭ ހިތަށްއެރި."

ޚާލިދު ދީދީގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރުތަކެވެ. ޚާލިދު ދީދީ ބުންޏެވެ.

"ފާރިޝާ! ބޭބެއަށް މި އާދެވުނީ ޖެހިގެން ތިޔަ އުޅޭ މައްސަލައިގެ ޚަބަރު ނޫހަކުން ފެނިގެން ތިޔައީ ހަމަ އަޅުގަނޑުމެންގެ ލޭކަން އެނގިގެން."

ފާރިޝަ ތެދުވިއެވެ. އަދި ބުންޏެވެ.

"އިތުރު ކަމެއް ނެތިއްޔާ އަޅުގަނޑު ދާންޖެހޭތީ ދަނީ."

ޚާދިދު ދީދީ ތެދުވިއެވެ. އަދި ބުންޏެވެ.

"އަޅުގަނޑު ދަނީ."

"ފާރިޝާ! ބޭބެއާ ގުޅަންވެއްޖިއްޔާ މި ނަމްބަރަށް ފޯނުކޮށްލައްވާ."

ޚާލިދު ދީދީ ދިން ކަރުދާސްކޮޅުގައި ފާރިޝާ ހިފިއެވެ.

"ޝުކުރިއްޔާ! އަދި ހަމަޖެހުމެއް ނެތް. މި ދަނީ ވެސް ވަކީލަކާ ބައްދަލުކުރަން. ފަހުން ގުޅައިލާނަން."

ޚާލިދު ދީދީ ތެދުވެގެން ދޮރޯއްޓާ ދިމާއަށް ހިނގައިގަތެވެ. މަޑުމަޑު ހިނގުމެކެވެ. ފާރިޝާ ބަލަން ހުއްޓެވެ. ދޮރޯށިން ޚާލިދު ދީދީ ނިކުތުމުން ފާރިޝާ ގޭތެރެއަށް ވަނެވެ.

ފާރިޝާގެ ހިތަށް މަންމަގެ ހަނދާންތައް ވަނެވެ. އަލަމާރި ހުޅުވައިލައިފައި، ބޮޑު ސިޓީއުރައެއް ނެގިއެވެ. އެ ސިޓީއުރައިގެ ތެރޭގައި ހުރި ދުވަސްވީ އިސްކޫލް ފޮތްތަކެއް ނަގައިގެން ބަލަން ފެށިއެވެ.

އޭނާގެ މަންމަގެ ދިރިއުޅުމާއި ދަރިފުޅެއް ލިބެން އުޅޭތީ ކުރި އުންމީދުތަކުގެ ބައިތުތައް ކިޔަމުން ދިޔައިރު، ފާރިޝާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އަންހެނުން ކުރާ އުންމީދުތައް ޙަޤީޤަތަކަށް ނުވެ ދާގޮތް ހިތަށް އެރިއެވެ. ފޮތްތައް ސިޓީއުރައަށް ލައިފައި ތެދުވިއެވެ. މޭޒެއްގެ މަތީގައި ހުރި ފެންފުޅިއަކުން ފެންތައްޓެއް އަޅައިގެން ގޮސް، ކޮޓަރީގައި ހުރި ބޮޑު އުނދޯލީގައި އިށީނދެލިއެވެ. އިށީނދެލުމާއެކު، އެއްޗެއް ކަށިޖެހީމައި ފުންމައިގެން ތެދުވާގޮތަށް ތެދުވިއެވެ. އާނއެކެވެ. އެ އުނދޯއްޔާ ގުޅިފައި ހުރި ހަނދާންތަކެއް ހިތަށް އުނދަގޫކުރީއެވެ.

މޭޒުމަތީގައި އޮތް ފައިލު ނަގައިގެން، އަލަމާރިން ނެގި ލިޔުންތަކެއް ވެސް އެ ފައިލަށް ލައިގެން ކޮޓަރިން ނިކުންނަށް ހިނގައިގެންފައި، އެނބުރި އައިސް ފެންތަށި ބޯންފެށިއެވެ. ތައްޓާއި ފައިލް މޭޒުމަތީގައި ބަހައްޓައިފައި ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. އަދި ކޮޓަރިއަށް އައިސް ރީތިވެލިއެވެ. ކޮޓަރިތެރެއަށް ސެންޓްފުޅިން ސެންޓް ބުރުވައިލުމަށް ފަހު، އެ ސެންޓްގެ ވާރޭގެ ތެރެއިން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

ހައިކަލް އިނީ އޭނާގެ ޓީމްގެ މީހުންނާއެކު ފާރިޝާގެ މައްސަލައިގެ ވާހަކަ ދައްކާށެވެ. ފޯނެއް ވުމުން ފޯނު ނަގައި، ކަންފަތުގައި ޖައްސައިލައިފައި، "ތައްޔާރުވެ މިތިބީ.. އޮފީހުގައި." ދެން ފޯނު ބޭއްވިއެވެ. އޭނާގެ އެކުވެރީންނާ ދިމާއަށް ބަލައިލައިފައި ބުންޏެވެ.

"ފާރިޝާ އެބަ ދުރުވޭ!"

އެކި މީހުން އެކި މޭޒުމޭޒަށް ގޮސް، ކަމާބެހޭ ލިޔުންތައް ހިފައިގެން އަނެއްކައިވެސް ކޮންފަރެންސް ކޮޓަރިއަށް ޖަމާވިއެވެ.

ހައިކަލް ހުރީ، އޮފީހުގެ ދޮރުކައިރީގައެވެ. މީހަކު ތަޅުގައި ހިފިހެން ހީވެގެން ދޮރުހުޅުވައިލައިދިނެވެ.

"ހަލޯ! ކިހިނެއް ޙާލު؟"

"ރަނގަޅު."

"ރަނގަޅޭ؟"

ތަންކޮޅެއް ފުންކޮށް ހައިކަލް ފާރިޝާގެ ދެލޮލަށް ބަލައިލިއެވެ. ކޮންމެވެސް ވަރަކަށް ރޮއިފައި ހުރިކަން ހައިކަލަށް އިޙްސާސްވިއެވެ. ފާރިޝާ ގޮވައިގެން ހައިކަލް ދިޔައީ ހައިކަލްގެ ކޮޓަރިއަށެވެ.

ހައިކަލް ފާރިޝާ އިށީނުމަށް ގޮނޑިއެއް ދައްކައިލިއެވެ. އަދި ބުންޏެވެ.

"ކަމަކާ ހިތްހަމަނުޖެހިފައިތަ؟"

"ކީއްވެ ތިޔަ ސުވާލެއް ތިޔަ ކުރަނީ؟"

"ދާދި ދެންމެއަކު ރޮއިފައި ހުރިކަމަށް ލޮލުން ދައްކާ."

ފާރިޝާ އިސްދަށަށް ޖެހިއެވެ. އަދި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

"ފާރިޝާ، ވެދިޔަ ތަނާމެދު ކަރުނަ އަޅާނެ ބޭނުމެއް ނެތް. ޖަޒުބާތުގެ ޒަޚަމް ވެސް ފަސޭވާން ދުވަސް ނަގާނެ. ކެތްކުރަންޖެހޭނެ."

"މިއަދު މަންމަގެ ހަނދާންތަކެއް އައުވީ. އެހެންވެ ކުޑަކޮށް ދެރަވީ."

"ވިސްނެއޭ. ސައިތައްޓެއް ބޭނުންތަ؟"

"ރަނގަޅީ ފިނިނޫން ފެންތައްޓެއް."

"ހިނގާ ކޮންފަރެންސް ކޮޓަރިއަށް. އެތަނުގައި އެންމެން ތިބޭނެ."

"އޯ ކޭ."

ދެމީހުން އެކުގައި ގޮސް ކޮންފަރެންސް ކޮޓަރިއަށް ވަނެއެވެ. ފާރިޝާއާ އެކި ސުވާލުކުރަން ފެށުނެވެ. ވިލިނގިލީގައި ހުންނަ ދިވެހި ބޭސްވެރިއަކާ ބައްދަލުކުރީ ކީއްކުރަންތޯ އެއްސެވެ. އަދި ކުރިން ޢަލީ އަކީ އެކިފަހަރު ބަނޑުގައި ރިއްސާތީ އުޅޭ މީހެއްތޯ ވެސް އެއްސެވެ. ސުވާލުތަކަށް ފާރިޝާ ޖަވާބުދެމުން ދިޔައީ ސާބިތުކަމާއެކުގައެވެ.

އިރުކޮޅަކުން ފާރިޝާއަށް ފެންތައްޓެއް ގެނެސްދީފިއެވެ. ފާރިޝާ ހައިކަލަށް ބަލައިލައި ހީލިއެވެ.

މިތަން ފެނުމުން ބައެއް މީހުންގެ ހިތަށް އެރިއެވެ. މި ދެމީހުންގެ ދެމެދުގައި، މި މައްސަލަ ނޫން އެހެން ކޮންމެވެސް މައްސަލައެއް ވެސް އެބަހިނގައެވެ.

އެހެންނަމަވެސް ޙަޤީޤަތަކީ، ހައިކަލާއި ފާރިޝާއާ ދެމެދުގައި ދެބަސްވުމެއް ހަމަނުޖެހުމެއް ނެތްކަމެވެ. ކޮންމެ މީހަކު ވެސް ހިތުގައި އޮތް އެއްޗެއް ހުށަހަޅާނެ ގޮތަކާމެދު ފިކުރުކުރަނީ ނޫންކަމެއް ނޭނގެއެވެ.

ސުވާލާއި ޖަވާބާއި މަޝްވަރާ އާއި ލަފާ ދިނުމުގައި ދޮޅުގަޑިއެއްހާއިރު ފާއިތުވީފަހުން ހައިކަލް ބުންޏެވެ.

"މިހާރު މިއަދަށް އެންމެ ރަނގަޅުވާނެ. މިއަދު ލިބުނު މަޢުލޫމާތުތަކުގެ އަލީގައި މާދަމާއަށް ތައްޔާރުވޭ. އަޑުއެހުން އޮތީ ސޯޅައިގައިދޯ؟"

އޭނާގެ އެކުވެރީން އާނއެކޭ ބުނުމުން، ބައްދަލުވުން ނިމުނީއެވެ. ފާރިޝާއަށް އިޙްސާސްކުރެވުނީ ބޮލުގައި އެޅިފައި އޮތް އެއްޗެއް މޮހައިލިކަމުގެ އިޙްސާސެވެ. ހެނދުނު މަންމަ މަތީން ހަދާންވެ، ރޮވުނުކަން މިހާރު ހަނދާން ނެތިއްޖެ ކަހަލައެވެ. ހައިކަލް ހުރީ ފާރިޝާގެ އަމިއްލަ ނަފުސުގެ މައްޗަށް އޮތް ފުރިހަމަ އިތުބާރު ތަޖުރިބާކުރެވިފައި، ހިތުގައި ތަޢުރީފު އުފެދިފައެވެ.

ބައްދަލުވުމަށް ކޮންފަރެންސް ރޫމަށް އައި އެންމެންހެން ހިނގައްޖެއެވެ. ތިބީ ފާރިޝާ އާއި ހައިކަލެވެ.

"މިއަދު ފުރަތަމަ ދައްކައިލަން ބޭނުންވި ލިޔުން..." ފާރިޝާގެ ފައިލުން ދެ ސިޓީއުރައެއް ނެގިއެވެ. އަދި ހައިކަލަށް ދިއްކޮށްލިއެވެ. ހައިކަލް އެ ދެ އުރައިގައި ހުރި ލިޔުންތައް ބަލައިފައި ބުންޏެވެ.

"ޢަލީގެ ތަރިކައިގެ މައްސަލަ ވާނީ އައު މައްސަލައަކަށް."

ފާރިޝާ ބުންޏެވެ.

"ޢަލީގެ މަރުގެ މައްސަލައިގެ ތެރެއަށް އެކަން ނުވަދެ ހިނގައިދާނެބާ؟ ... މި ހެން މި ބުނީ ހެކިންގެ ގޮތުގައި ސޮއިކޮށްފައި ތިބި މީހުންގެ ފުށުން ވެސް މި ވާހަކަތައް މިހާރު އޮންނާނީ ފެތުރިފައި...!"

(ނުނިމޭ)

މުޙައްމަދު ވަޙީދު - މަޑުލު
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.