މިހާރު ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާދަމާގެ ޖަލްސާއަށް ހާޒިރުކޮށް ދެއްވަން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދާދި ދެންމެއަކު ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންގެ މަޖިލީހުގ ގަވާއިދު ލާޒިމުކުރާ ކަމެކެވެ. އެ ގަވާއިދު ޝަރުޢީ ކޯޓަކުން އުވާނުލާހައި ހިނދަކު އެޔަށް އަމަލު ކުރަން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ގަވާއިދު މިހެން އޮތަސް، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި އިރު އޭނާ މަޖިލީހަށް ހާޒިރުކޮށް ނުދޭ ކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައިވެސް އިދިކޮޅު ޕާޓީތަކުން މިހާރު ދައްކާ ވާހަކަތައް ތަކުރާރު ކުރިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާފަންނު މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް ވަނުން ހުއްޓުވުމުގެ ބާރެއް އެއްވެސް ފަރާތަކަށް ލިބިފައެއް ނުވެއެވެ. އަދި ފުލުހުންނަކީ ރައްޔިތުންގެ މަޖިލީހުހެ އެތެރެއަށް ވަނުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ އިމްތިޔާޒަށް ފުލުހުންނާއި ސިަފއިން 24 ވަނަ ދުވަހު އަރައިގަތެވެ. އ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އެހެންނަމަވެސް ސިފައިން ބުނެފައިވަނީ ސިފައިން މަޖިލީހުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރަސްމީކޮށް އެދުނީމައެވެ. ފުލުހުން ބުނެފައިވަނީ ފުލުުން ހަރަކާތްތެރިވީ ސިފައިން އެދުނީމާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. އިމްތިޔާޒު ވިދާޅުވާ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނު ބުނާ ގޮތުން ފުލުހުންނަށް ސިފައިންގެ އެހީއަށް އެދެވިދާނެއެވެ. އެކަމަކު ސިފައިންނަކަށް ފުލުހުންގެ އެހީއަކަށް ނޭދެވޭނެއެވެ.
ޢަލީ ހުސައިން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް އިންނަވައިގެން ޖަލްސާއެއް ނުބޭއްވޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ނާއިބު ރައީސް އިންނެވިޔަސް އެންމެ ރަނގަޅެވެ. އަލީ ހުސައިން ވިދާޅުވި ގޮތުގައި މަސީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތް ގޮތަށް އެބަ އޮތެވެ. އެ މައްސަލަ ބާތިލެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިހާރު ވަނީ އެ މައްސަލަ ބާތިލު ވެއްޖެކަން މެންބަރުންނަށް އަންގާފައެވެ. އެހެންނަމަވެސް ޢަލީ ހުސައިން ވިދާޅުވާ ގޮތުގައި އެބޭފުޅުން މާދަމާގެ ޖަލްސާއަށް ވަޑައިގަންނަވާނީ އެ މައްސަލަ އޮތް ކަމަށް ބައްލަވައިގެންނެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ އެނަޖީ މިނިސްޓަރު ޠާރިޤް އިބްރާހީމާ ސުވާލު ކުރުމުގެ މައްސަލަ އެކަންޏެވެ. ގުޅިފައިވާ ޕާޓީތަކުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައެއް މާދަމާގެ ޖަލްސާއަށް ހުށަހަޅައިފައެވެ. އެ މައްސަލަޔާ ބެހޭ ގޮތުން އަމަލު ކުރައްވާނޭ ގޮތެއް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައެއް ނެތެވެ.