ދިވެހިރާއްޖެ މުސްލިމު ޤައުމެއްގެގޮތުގައި ދެމިއޮތުމަށްޓަކައި މިނިވަންކަމުގެ ބޭނުންތެރިކަން

ކޮންމެ އަހަރެއްގެ ޖުލައިމަހުން 26 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހެވެ. ޤައުމެއްގެ ޙަޔާތުގައި މިނިވަން ކަމަކީ ކިހާ މުހިއްމު، ކިހާ އަގުބޮޑު، އަދި ކިހާ ބޭނުންތެރި ކަމެއްކަން ވަޒަންކުރުމަކީ، އަޅުވެތިކަމުގެ ނިކަމެތިކަމާއި ހިތިރަހަ ތަޖުރިބާކޮށްފައި ނުވާ ބަޔަކަށް، މާ ފަސޭހަ ކަމެއްކަމުގައި ނުވެ ހިނގައިދާނެއެވެ. ރާއްޖޭގެ ތާރީޚުގައި ޕޯޗްގީޒުންނާއި، ހޮޅީންގެ އަޅުވެތިކަންވަނީ ދިވެހީން ތަޖުރިބާ ކޮށްފައެވެ. ކައިރި މާޒީއެއްގައި 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު ތަމަޅަ ޓައިގަރުންގެ އަތްދަށުގައި ރާއްޖެ، ވަކިންޚާއްޞަކޮށް މާލެ އޮތް ވަގުތުތަކުގައި ދިވެހިންގެތެރެއިން މިހާރު ދިރިތިބި އެތައްބަޔަކަށް ވާނީ އަޅުވެތިކަމުގެ ހިތިރަހަ ކޮންމެވެސް ވަރަކަށް އިޙްސާސް ކުރެވިފައެވެ.

މި މުނާސަބަތަކީ، ބޭރުގެ ފަރާތްތަކުގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރައްވައި، މިނިވަންކަން ހޯއްދަވައިދެއްވި ޤައުމީ އަބްޠާލުންގެ މަތީން ހަނދުމަކޮށް، އެ އެންމެ ބޭފުޅުންނަށް ޝުކުރުދެންނެވުން އައުލާވެގެންވާ ވަގުތެކެވެ. ކީރިތި اللَّهُ ސުބުޙާނަހޫ ވަތަޢާލާ އެ އެންމެބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބިދެއްވާށިއެވެ. އާމީން!

ގިނަފަހަރަށް ކޮންމެ ޤައުމެއް ވެސް ބޭރުގެ ފަރާތެއްގެ އަޅުވެތިކަމަށް ދަނީ، އެ ޤައުމެއްގައި އުފެދޭ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. އަދި މި ހަމަނުޖެހުންތަކުގައި އަމިއްލަ ޤައުމަށް ޚިޔާނާތްތެރިވާ ޣައްދާރުންގެ ބަޔަކު ބޭރުގެ ފަރާތްތަކާ ގުޅި، އެ ފަރާތްތަކަށް ހިތްވަރުދީގެން އަމިއްލަ ޤައުމުގެ ކަންކަމުގެތެރެއަށް އެ ބަޔަކުވައްދައި އުޅުމުގެ ނަތީޖާއެއްގެގޮތުންނެވެ. ދިވެހިރާއްޖެ ބޭރުގެ އަޅުވެތިކަމަށްދިޔަ ކޮންމެ ފަހަރަކުމެ އެކަމުގެ ފަހަތުގައި އަމިއްލައެދުން އިސްކުޅަ ދިވެހި ޚާއިނުންގެބަޔަކު ތިބިކަމީ ލަދުވެތި ޙަޤީޤަތެކެވެ.   

ދިވެހިންނަކީ މުސްލިމު ޤައުމެއްގެ އަހުލުވެރިންނަށްވާކަމީ މިނިވަންކަމުގެ އަގުބޮޑުކަން ދެނެގަތުމަށް މުހިއްމުކަމެކެވެ. އެހެނީ ފުރިހަމަ މިނިވަންކަމާނުލައި اللَّهُއަށް އަޅުކަންކުރުމަށްވެސް ހުރަސްތައް މެދުވެރިވާނެއެވެ. ރަސޫލު اللَّهِ صَلَى اللَّهً عَلَيهِ وَسَلَّمَ އިސްލާމްދީނާއިގެން ފޮނުއްވުމުން، އެކަލޭގެފާނު ދީނަށް ގޮވައިލެއްވިހިނދު، މައްކާގެ މުޝްރިކުން އެކަލޭގެފާނަށް ދުއްތުރާކޮށް، މައްކާގައި މުސްލިމުންނަށް މިނިވަން ކަމާއެކު އަޅުކަންކޮށް އުޅުމީ ދަތިކަމަކަށްވެ، އެންމެފަހުން މައްކާ ދޫކުރައްވައި ރަސޫލު اللَّهِ صَلَى اللَّهً عَلَيهِ وَسَلَّمَ މަދީނާއަށް ހިޖުރަ ކުރެއްވުމަށް މަޖުބޫރުވެވަޑައިގެންކަމީ ތާރީޚުން ފެންނަންއޮތް ޙަޤީޤަތެކެވެ.

މާތްاللَّهُ ވަޙީކުރައްވާފައިވެއެވެ. [ الَّذِينَ أُخْرِجُوا مِن دِيَارِهِم بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّـهُ ](الحج: ٤٠ ) މާނައީ: ”އެއުރެންނީ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، اللَّهُއޭ ބުނުން މެނުވީ، އެއްވެސް ޙައްޤަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނު މީހުންނެވެ.”

މިއަދުވެސް މުސްލިމުންގެ ފުރަތަމަ ޤިބުލަ ކަމުގައިވާ އަލްމަސްޖިދުލް އަޤްޞާގައި އަޅުކަންކުރުމަށް ފަލަސްޠީނުގެ މުސްލިމުންނަށް އެ ޤައުމު އަޅުވެތިކޮށްގެންއުޅޭ ޔަހޫދީންގެފަރާތުން އަޅަމުންދާ ހުރަސްތަކާއި ކުރަމުންދާ ގޯނާތަކާއި ދެމުންދާ އަނިޔާތަކަކީ، ކޮންމެ ދުވަހަކުހެން ފެންނަމުން، އަޑުއަހަމުންދާ ކަންކަމެވެ. ފަލަސްޠީނުގައި ނޫނަސް ކަޝްމީރާއި، މިޔަންމާއާއި އެނޫން ވެސް ރަށްރަށުގައި އެ ރަށްރަށުގެމައްޗަށް އަތްގަދަކޮށްފައިވާ ފަރާތްތަކުން ކުރަމުންދާ އަނިޔާއާއި އެ ތަންތާނގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ ވޭނާއި ކެކުޅުމަކީ އިތުރު ތަޢާރުފަކަށް ބޭނުން ކަންކަމެއްނޫނެވެ.

އަޅުގަނޑުމެންގެ ވާޖިބަކީ، ލިބިފައިވާ މިނިވަންކަމަށްޓަކައި اللَّهُއަށް ޝުކުރުވެރިވެ، އެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަތުވެދާފަދަ އެއްވެސް ކަމެއް އެއްވެސް ދިވެއްސަކު ނުކުރުމަށް اللَّهُއަށް ޢަހުދު ކަށަވަރުހިފުމެވެ. މާތްاللَّهُ އަޅަމެންނަށް މިކަމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.