އަބްރަހަމް ލިންކަންގެ ސިޓީގެ 'ސިއްރު' މުސައްނިފު ހޯދިއްޖެ

އަހުލީ ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ރައީސް އަބްރަހަމް ލިންކަން 'ލިޔުއްވާފައިވާ' ކަމަށް މަޝްހޫރުވެފައިވާ ސިޓީގެ އަސްލު މުސައްނިފު ހޯދިއްޖެކަމަށް ފޮރެންސިކް ލިންގުއިސްޓުން ބުނެފިއެވެ.

މިއީ 1864 ވަނަ އަހަރު ލިޔެފައިވާ ސިޓީ އެކެވެ. ސިޓީ މަޝްހޫރުވެފައިވަނީ ބިކްސްބީ ލެޓާރގެ ނަމުގައެވެ. ލިންކަންގެ މިސިޓީ ފޮނުއްވާފައިވަނީ ބޮސްޓަންގެ އަންހެނެއް ކަމުގައިވާ ލީޑިއާ ބިކްސްބީ އަށެވެ. އެއީ އޭނާގެ ފަސް ފިރިހެން ދަރީން ހަނގުރާމައިގައި މަރުވުމުން އެކަމާ ހިތާމަފާޅު ކުރަމުން ދިޔަ ދުވަސްވަރުއެވެ. މިއީ ވަރަށް އަސަރުގަދަ ސޓީއެކެވެ. ސިޓީގައި ސޮއި ކުރައްވާފައިވަނީ އަބްރަހަމް ލިންކަން އެވެ. އެހެންނަމަވެސް ސިޓީ ލިޔުއްވީ އެމަނިކުފާނު ކަމާ މެދު މުއައްރިޚުންގެ މެދުގައި ބަހުސް ކުރެވެއެެވެ.

ސިޓީގެ ކޮޕީތައް މިހާރު ހުރި ނަމަވެސް އަސްލު ސިޓީ ގެއްލިފައިވާތާ 100 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެހެންކަމުން ސިޓީގެ ހަގީގީ މުުސައްނިފު ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށްވެއެވެ.

ސިޓީގެ އަސްލު މުސައްނިފު ހޯދުމަށް ކުރި މަސައްކަތުގައި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނިވަރސިޓީ އާއި އެސްޓަން ޔުނިވަރސިޓީގެ ދިރާސާވެރީން މިހާރު ވަނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުންތަކެއް ހޯދާފައެވެ. އެޓީމުން ބޭނުންކުރި ޓެކްނިކަށް ކިޔަނީ އެން-ގުރެމް އެވެ. މި ޓެކްނިކު ބޭނުންކޮށްގެން ލިޔުމުގައި ބޭނުންކޮށްފައި ހުންނަ ބަހަވީ ތަރުތީބުތައް ފާހަގަކުރެވެއެވެ. މި ޓީމުން ލިންކަން އާއި އެމަނިކުފާނުގެ ސެކްރެޓަރީ ހޭ ގެ އެތައް ސަތޭކަ ލިޔުމެއް ދިރާސާ ކުރަން ކޮމްޕިއުޓަރު ޕުރޮގުރާމްތަކެއް އުފެއްދިއެވެ.

އެން-ގުރެމް އަކީ ވަރަށް ކުރު ލިޔުންތައް ދިރާސާ ކުރަން ބޭނުންކުރާ އުކުޅެއް ކަމަށާއި އަދި މި އުކުޅު ބޭނުންކުރާނީ ލިންގުއިސްޓިކް އަދި ފޮރެންސިކު ލިންގުއިސްޓިކް މައްސަލަތައް ދެނެގަންނަން ކަމަށް ދިރާސާ ޓީމުގެ ބޭފުޅަކު ހާމަކުރައްވާފައިވެއެވެ. ދިގު ލިޔުންތައް ދިރާސާ ކުރާއިރު ބަލަނީ ލިޔުންތަކުގައި ވަކި ލަފުޒުތައް ބޭނުންކޮށްފައިވާ ގޮތަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް އޭނާގެ ޓީމުން ލިންކަންގެ ސިޓީ ދިރާސާ ކުރިއިރު ބަލާފައިވަނީ ސިޓީގައި ބޭނުންކޮށްފައިވާ ލަފުޒުތަކަށެވެ. އަދި ލިންކަން އާއި ހޭ ގެ އެހެން ލިޔުންތަކުގައި އެ ލަފުޒުތައް ހުރިތޯ ނުވަތަ ނޫންތޯ ބެލިއެވެ.

ހޭ ގެ ފަސް ސަތޭކަ ލިޔުމާއި ލިންކަންގެ ފަސް ސަތޭކަ ލިޔުން ދިރާސާ ކުރުމަށް ފަހު އެސްޓަން ޔުނިވަރސިޓީގެ ފޮރެންސިކް ލިންގުއިސްޓިކްސް އާ ބެހޭ ސެންޓަރުން ނިންމީ ލިންކަން ގެ ސިޓީގެ އަސްލު މުސައްނިފަކީ ހޭ ކަމުގައެވެ.

ބިކްސްބީ ސިޓީގައި ހިމެނޭ ހުރިހާ ބަހަވީ ސިފަތައް ހޭ ގެ ލިޔުންތަކުން ފެނިފައިވާ ކަމަށާއި ނަމަވެސް ލިންކަންގެ ލިޔުންތަކުން އެ ސިފަތައް ފެނިފައިނުވާ ކަމަށް ދިރާސާ ޓީމުން ފާހަގަކޮށްފައިވެއެވެ. އެމީހުންގެ މަސައްްކަތުގެ %90 ނަތީޖާ އިން ދައްކާގޮތުގައި ސިޓީ ލިޔުއްވީ ހޭ އެވެ. އަނެއް %10 ނަތީޖާއިން ވަކި ގޮތެއް ކަނޑައެއް ނޭޅުނެވެ.

ލިންކަން ގެ ބަޔޮގްރެފީ ލިޔުއްވީވެސް ހޭ އެވެ. އޭނާ ވަނީ ފަހުން އިގިރޭސިވިލާތުގެ އެންބެސެޑަރުކަން ވެސް ކުރައްވާފައެވެ.

މިއީ ލިޔުމެއްގެ އަސްލު މުސައްނިފު ހޯދަން ޓެކްނޮލޮޖީ ބޭނުންކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. ހައި-ޓެކް ފޮރެންސިކް ލިންގުއިސްޓިކްސް ބޭނުންކޮށްގެން 2013 ވަނަ އަހަރުވެސް ވަނީ ފޮތެއްގެ އަސްލު މުސައްނިފެެއް ހޯދާފައެވެ. އެއީ ރޮބަރޓް ގެލްބްރެތްގެ ނަމުގައި ލިޔެފައިވާ "ދަ ކަކޫސް ކޯލިންގ" ގެ އަސްލު މުސައްނިފެވެ. އެފޮތުގެ މުސައްނިފަކީ ޖޭ.ކޭ. ރޯލިންގ އެވެ. އޭނާ ވަނީ އެކަމަށް އިއުތިރާފުވެސް ވެފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.