މަޝްހޫރު ހިސާބު އިލްމުވެރިއެއް ކަމުގައިވާ މަރިޔަމް މިރްޒަޚާނީ މިއަދު އަވަހާރަ ވެއްޖެއެވެ. މިރްޒަޚާނީއަކީ އީރާނަށް އުފަން ބޭފުޅެކެވެ. އުމުރުފުޅަކީ 40 އަހަރެވެ. އަވަހާރަވީ އުރަމަތީގެ ކެންސަރު ޖެހިވަޑައިގެންނެވެ.
މަރިޔަމް އަވަހާރަވީކަން ހާމަ ކުރެއްވީ އޭނާގެ ރައްޓެހި ބޭފުޅެއް ކަމުގައިވާ ފީރޯޒް ނަދޭރީ ކުރެއްވި ޓުވީޓަކުންނެވެ. ނަދޭރީއަކީ މީގެ ކުރީން ނާސާގައި ވަޒީފާ އަދާކުރެއްވި ބޭފުޅެކެވެ. އޭނާގެ ޓުވީޓުގައި ލިޔުއްވައިފައި ވެއެވެ. "މިއަދު ބައްތިއެއް ނިވިއްޖެއެވެ. އަޅުގަނޑުގެ ހިތް ހަލާކު ވެއްޖެއެވެ. އެ ވަޑައިގަތީ މާ އަވަހަށެވެ. އެއީ މުހައްނިކެއް (ޖީނިއަސްއެއް) ހެއްޔެވެ؟ އާނއެކެވެ. އެއީ އަންހެން ދަރިއެއްވެސް މެއެވެ. އަދި އަނތްބެއްވެސް މެއެވެ."
މަރިޔަމް އަކީ ކެލިފޯނިއާގެ ސްޓަންފޯރޑް ޔުނިވަރސިޓީގެ ޕްރޮފެސަރެކެވެ. އޭނާ ކެންސަރު ބައެްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ މިހާރު ހަތަރު އަހަރު ވެއްޖެއެވެ.
2014 ވަނަ އަހަރު އޭނާއަށް ވަނީ ފީލްޑްސް މެޑަލް ލިބިވަޑައިގެންފައެވެ. މިއީ އިންޓަރނޭޝަނަލް ކޮންގްރެސް އޮފް މެތަމެޓީޝަންސް އިން ހަތަރު އަހަރުން އެއް އަހަރު ދޭ އިނާމެކެވެ. ހިސާބު އިލްމުގެ މައިދާނުގައި ނޮބެލް އިނާމާ އެއްވަރު ކަމަށް ބެލެވޭ އިނާމެކެވެ.
މަރިޔަމް އުފަންވެވަޑައިގަތީ 1977 ވަނަ އަހަރު އީރާނުގެ ވެރި ރަށް ތެހެރާނަށެވެ. ކިޔަވައި ވިދާޅުވީ ތެހެރާނުގެ ސުކޫލުތަކުންނެވެ. ސުކޫލު ނިންމެވުމަށް ފަހު ތެހެރާނުގެ ޝަރީފް ޔުނިވަރސިޓީންނެވެ. ޕީއެޗްޑީ ނެންގެވީ ހަރވަރޑް ޔުނިވަރސިޓީންނެވެ. އޭނާ ބޭނުންފުޅުވީ ލިޔުންތެރިއަކަށް ވެވަޑައިގަންނަވާށެވެ. އެހެންނަމަވެސް ކިޔަވައި ވިދާޅުވީ ދުވަސްވަރު ހިސާބުގެ މާއްދާއަށް ކުޅަދާނަފުޅުވުމާއެކު ފަހުން ޚިޔާލުފުޅު ބަދަލު ކުރެއްވީއެވެ.
"އެއީ ވަރަށް މަޖާ ކަމެކެވެ. ޖާސޫސަކު މައްސަލައެއް ބަލަމުންދާއިރު ހެކލިތައް ގުޔޅުވަމުން، މައްސަލަ ހައްލު ކުރާން ކުރާ ކަހަލަ މަސައްކަތެކެވެ." ފީލްޑްސް މެޑަލް ލިބިވަޑައިގަތް ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މަރިޔަމް ވިދާޅުވިއެވެ. "މިއީ ކުރިއަށް ދެވިދާނޭ މައިދާނެއް ކަމަށް ފެނިގެން ޚިޔާލު ބަދަލު ކޮށްލީއެވެ."
އޭނާ ސްޓަންފޯރޑް ޔުނިވަރސިޓީގެ ޕްރޮފެސަރަކަށް ވެވަޑައިގަތީ 2008 ވަނަ އަހަރުއެވެ. ފިރިކަލުންނަކީވެސް އެ ޔުނިވަރސިޓީގައި ހިސާބުގެ ދިރާސާވެރިއެއްގެ ގޮތުގައި ވަޒީފާ އަދާ ކުރައްވާ ބޭފުޅެކެވެ. ދެ ބޭފުޅުންނަށް ވަނީ ދަރިކަނބަލަކު ލިބިވަޑައިގެންފައެވެ.
މަރިޔަމް އަވަހާރަވުމާ ގުޅިގެން އީރާނުގެ ރައީސް ޙަސަން ރޫޙާނީ އާއި ޚާރިޖީ ވަޒީރު ޖާވީދް ޒަރީފް ވަނީ ހިތާމަ ފައުޅު ކުރައްވައިފައެވެ.