ހިތްޕުޅުގެ އޮޕަރޭޝަކަށް ފަހު އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގް އުންގެ ހާލުކޮޅު 'ވަރަށް ދެރަ' ކަމަށް ޖާސޫސީ މަސްދަރުތަކާ ހަވާލާދީ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނެފިއެވެ.
މި އެޕްރީލު މަހުގެ ކުރީކޮޅު ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު، ކިމް ގެންދެވީ ފަރުވާ ހޯއްދަވަމުންކަމަށް ދެކުނު ކޮރެޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން އިއްޔެ ބުނެފައި ވެއެެވެ.
ކިމް ޖޮންގް އުންގެ ކާފާފުޅު އަދި އުތުރު ކޮރެޔާގެ ބާނީ ކިމް އިލް ސުންްގް ގެ އުފަންދުވަސް ފާހަގަކުރުމަށް މި މަހުގެ 15 ވަނަ ދުވަހު ބޭއްވި އިހްތިފާލުތަކުންވެސް ކިމް ފެނިވަޑައެއް ނުގަންނަވައެވެ. އުތުރު ކޮރެޔާގައި އެންމެ ކުލަގަދަކޮށް ފާހަގަކުރެވޭ އެއް މުނާސަބަތުން އޭނާ ފެނިވަޑައިނުގަތުމުން އޭނާ ސިއްހީ ހާލުކޮޅާމެދު ގިނަ ބަޔަކު ދިޔައީ ސުވާލުކުރަމުންނެވެ.
އުތުރު ކޮރެޔާއިން ފިލައިގެން ބޭރު ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުގެ މީހުން ހިންގާ ވެބްސައިޓަކުން ޚަބަރުދީފައި ވާގޮތުގައި މި އެޕްރީލް މަހުގެ 12 ވަނަ ދުވަހު މައުންޓް ކުމްގަންގް ރިސޯޓުގެ ހޮސްޕިޓަލެއްގައި ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު، އެ ހޮސްޕިޓަލުގެ ކައިރީގައި ހުރި ވިލާއެއްގައި ކިމް ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.
އެެމެރިކާގެ ޖާސޫސީ މަސްދަރުތަކާ ހަވާލާދީ ސީއެންއެންއިން މި ޚަބަރު ފަތުރާފައި ވާއިރު، އެ ޗެނެލުން ބުނެފައި ވަނީ އެމެރިިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވެސް އަދި ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ އޮފީހުން ވެސް ވަނީ މި ޚަބަރާ މެދު އެއްޗެއް ބުނުމަށް ދެކޮޅު ހަދާފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރެއްވުން ގިނަވުމާއި، ފަލަވުމާއި، ބުރަކޮށް މަސަކައްކަތްޕުޅު ކުރެއްވުމުގެ ސަބަބުން ކިމްގެ ހާލުކޮޅު ފަހަަކަށް އައިސް ދިޔައީ ގޯސްވަމުންނެވެ. ދެކުނު ކޮރެޔާގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުުގައި ފާއިތުވި އޮގަސްޓު މަހުއްސުރެ ކިމް އުޅުއްވީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައެވެ.
1948 ވަނަ އަހަރު ކޮރެޔާ ދެބައިވެ އުތުރު ކޮރެޔާ އުފެދުނު ފަހުން އެ ގައުމުގައި ވެރިކަން ކުރަމުން ދަނީ ކިމް އާއިލާއިންނެވެ. 1948 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރު އަވަހާރަ ވަންދެން ވެރިކަން ކުރެއްވީ އެ ގައުމުގެ ބާނީ ކިމް އިލް ސުންގް އެވެ. އޭނާއަށް ފަހު އޭނާގެ ދަރިކަލުން ކިމް ޖޮންގް އިލް އެވެ. 2011 ވަނަ އަހަރު އޭނާ އަވަހާރަވުމުން ވެރިކަމާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަލުން ކިމް ޖޮންގް އުން އެވެ.