މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ވަކި ފަރާތަކަށް ކާމިޔާބެއް ހޯދައިދޭކަށް ނުވަތަ ވަކި ބަޔަކު ކުރި އަރުވާކަށް ކުރާ ކަމެއް ނޫން ކަމަށް ރައީސް މައުމޫނު ވިދާޅު ވެއްޖެއެވެ. ސިންގަޕޫރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނު ކުރައްވަނީ ޕާޓީ މަސައްކަތެއް ނޫނެވެ. ގައުމީ މަސައްކަތެކެވެ. އެއީ ގައުމު އިސްލާހު ކުރުމުގެ މަސައްކަތެވެ. އެއީ ވަކި ފަރާތަކާ ދެކޮޅަށް ކުރައްވާ މަސައްކަތެއް ނޫނެވެ. އަދި ވަކި ފަރާތަކާ އެއްކޮޅަށް ކުރައްވާ މަސައްކަތެއްވެސް ނޫނެވެ.
ރައީސް މައުމޫނު ރާއްޖެ ވަޑައިގަތީމާ ހައްޔަރު ކުރާނޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ އެއީ ވިސްނާވަޑައިގަންނަވާ ކަމެއް ނޫން ކަމުގައެވެ. "އަޅުގަނޑު ގާނޫނާ ޚިލާފު ކަމެއް ކޮށްފައެއް ނޯންނާނެ. އެހެންވީމާ އަޅުގަނޑު ހައްޔަރު ކުރާކަށެއް ނުޖެހޭނެ."
ރައީސް މައުމޫނު ވިދާޅުވި ގޮތުގައި މިދިޔަ މަހު ބޭއްވުނު ކައުންސިލް އިންތިޚާބުގައި ރައްޔިތުން ޕީޕީއެމަށް ވޯޓު ނުދިނީ މިހާރު ޕީޕީއެމޭ ކިޔައިގެން އެ މަސައްކަތް ކުރަނީ ޕީޕީއެމް ކަމަށް ރައްޔިތުން ގަބޫލު ނުކުރާތީއެވެ.
ގައުމުތަކާ ސިޔާސީ ގުޅުން ކަނޑައިލުމާ ދެކޮޅު ހައްދަވާ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި އީރާނާ ގުޅުން ކަނޑައިލުމާއި، ކޮމަންވެލްތުން ވަކިވުމާވެސް ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވިއެވެ. އެކަމަކު ކޮމަންވެލްތުން ވަކިވާން ފެނިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވަނީ 2013 ވަނަ އަހަރު ވިދާޅު ވެފައެވެ.
ރައީސް މައުމޫނު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ދަރިކަލުން ވެރިކަމަށް ގެންނަވާކަށް އެއްވެސް މަސައްކަތެއް ނުކުރައްވައެވެ. އެހެން ކިޔައިގެން ދެކެވޭ ވާހަކަ ތަކަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މައުމޫނު ސިންގަޕޫރުގައި ހުންނެވީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ކޮއްކޮ، ފަރީޝާ އިބްރާހީމް އާލާސްކަންފުޅު އުޅުއްވާތީއެވެ. ފަރީޝާ އިބްރާހީމް ވަނީ ސިންގަޕޫރުގައި އަވަހާރަ ވެފައެވެ.