ރޯދަހިފަން ހާރުކެއުމާއި ހާރު ލަސްކުރުން އެއީ މުސްތަޙައްބުވެގެންވާ ކަމެކެވެ. ހާރު ކެއުމަށް އެންމެ ރަނގަޅު ވަޤުތަކީ މެންދަމުން ފެށިގެން ފަތިސްވަންދެން ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ހާރުކެއުމަކީ ރޯދައިގެ ރުކުނެއް ކަމުގައި ނުވިޔަސް، ހާރުކެއުމުން ދުވާލުގެ ވަޤުތުތަކުގައި ރޯދައަށް ހުރުމަށް ބޭނުންވާ ހަކަތަ ރޯދަވެރިޔާއަށް ލިބޭތީ ހާރުކެއުމަށް ދީނުގައި ބާރުއަޅުއްވާފައި ވެއެވެ. އަދި ރަސޫލުﷲ صلى الله عليه وسلم ވަނީ މިގޮތަށް އަންގަވާފައެވެ. މާތް ﷲ ރުއްސުންލެއްވި އަނަސު ބްނު މާލިކުގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. تسحروا فإن في السحور بركة ޙަދީޘުކުރެއްވިއެވެ. تسحّروا فإنّ في السحور بركة (ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހާރުކެއުމުގައި ބަރަކާތްލެއްވިގެން ވެއެވެ.)
ހާރުކެއުން ލަސްކުރުމީވެސް މުސްތަޙައްބުވެގެންވާ ކަމެކެވެ. މާތް ﷲ ރުއްސުންލެއްވި އަނަސްގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ. އެކަލޭފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ހާރުކެއުމަށް ފަހު އެބޭފުޅުން ނަމާދަށް ތެދުވެވަޑައިގަތްކަމަށް ޒައިދު ބްނު ޘާބިތު ވިދާޅުވިއެވެ. ދެން އަނަސް ދެންނެވިއެވެ. ހާރުކެއުމާއި ނަމާދަށް ތެދުވުމާއި ދެމެދު ކިހާއިރެއްވާނެހެއްޔެވެ؟ ޒައިދު ވިދާޅުވިއެވެ. ފަންސާސް ނުވަތަ ފަސްދޮޅަސް އާޔަތް ކިޔެވޭނެ ވަގުތެވެ.
ހާރުކެއުން ލަސްކުރުން މުސްތަޙައްބު ވެގެންވާ ފަދައިން ރޯދަވީއްލުން އަވަސްކުރުމަކީވެސް ރޯދަވެރިޔާގެ ކިބައިން އެދެވިގެންވާ ކަމެކެވެ. މާތް ﷲ ރުއްސުން ލެއްވި ސަހްލު ބްނު ސަޢްދްގެ އަރިއަހުން އަލްބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. لا يزال الناس بخير ما عجلوا الفطر (ރޯދަވީއްލުން އަވަސްކުރާހާ ހިނދަކު މީސްތަކުން އެވަނީ ހެޔޮގޮތް މަތީގައެވެ.)
ލިބޭނަމަ ކަދުރުން ރޯދަވީއްލުމާއި މަޣްރިބު ނަމާދުކުރުމުގެ ކުރިން ރޯދަވީއްލުންވެސް ރޯދަވެރިޔާއަށް މުސްތަޙައްބުވެގެން ވެއެވެ. އެހެނީ ރަސޫލުﷲ صلى الله عليه وسلم ދޮންކަދުރުން ނުވަތަ ހިކިކަދުރުން އަދި ކަދުރު ނުލިބުނަމަ ފެންފޮދަކުން ރޯދަ ވީއްލަވާކަމުގައި މާތްﷲ ރުއްސުންލެއްވި އަނަސުގެ އަރިއަހުން އަޙްމަދާއި އަބޫދާވޫދާއި އައްތިރްމިޛީ ރިވާކުރައްވާފައި ވެއެވެ. އަދި ހަމައެކަލޭގެފާނުގެ އަރިއަހުން އިބްނު ޚުޒައިމާއާއި އިބްނު ޙިއްބާން ރިވާކުރައްވާފައި ވެއެވެ. ما رأيت رسول الله صلى الله عليه وسلم، صلى صلاة المغرب حتى يفطر، ولو على شربة من ماء (ރަސޫލު ﷲ صلى الله عليه وسلم ފެންފޮދަކުން ނަމަވެސް ރޯދަވީއްލަވައިގެން ނޫނީ މަޣްރިބު ނަމާދު ކުރެއްވިތަން ތިމަން ނުދެކެމެވެ.)
ރޯދައަށް ހުންނައިރު ހަޑިހުތުރު ވާހަކަ ދެއްކުމާއި ޒުވާބުކުރުން ފަދަ ކަންކަމުން ރޯދަވެރިޔާ ދުރުހެލިވާން ޖެހޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އަލްބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. فَإِذا كَانَ يوْمُ صوْمِ أَحدِكُمْ فلا يرْفُثْ ولا يَصْخَبْ ، فَإِنْ سابَّهُ أَحدٌ أَوْ قاتَلَهُ ، فَلْيقُلْ : إِنِّي صَائمٌ (ފަހެ ތިޔަބައިމީހުން ކުރެ އެއްވެސް މީހަކު ރޯދައަށް ހުންނަ ދުވަހު އޭނާ ހުތުރު އެއްޗެތި ކިޔައި އަޑުގަދަ ނުކުރާހުށިކަމެވެ. އެހެން މީހަކު އޭނާއާ ދިމާއަށް ހުތުރު އެއްޗެތި ކިޔައި ތަޅާފޮޅައި ހަދައިފިނަމަ، ތިމަން މިހިރީ ރޯދައަށޭ ބުނާށެވެ.) ރޯދަވީއްލާ އިރު اللهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ (މިއަޅާގެ ވެރި ރަސްކަލާކޮ! މިއަޅާ ރޯދަހިފީ އިނބަރަސްކަލާގެއަށެވެ. މިއަޅާ ރޯދަވީއްލީ އިނބަރަސްކަލާގެ ދެއްވި ރޯދިންނެވެ.) މިދުޢާ ކިއުމީވެސް ސުންނަތްވެގެންވާ ކަމެކެވެ.