އާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޚިޔާލު ތަފާތު ވެއްޖެއެވެ. މެމްބަރުން މިކަމާމެދު ޚިޔާލު ތަފާތުވެފައިވަނީ ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވުމުން މިހާރު އިޢްލާންކުރައްވައިފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ގެނެވޭނެތޯ ނުވަތަ މިއީ ޤާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތުތޯ، މެމްބަރުންގެ ޚިޔާލު ހޯއްދެވުމަށް ހުޅުވާލެއްވި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވިދާޅުވީ އާއްމު ހާލަތަށް އައުމުން ނޫނީ ޤާނުނުއަސާސީ އިސްލާޙުކުރުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށެވެ. ރައީސް ޔާމިނުފަދައިން މިސާލު ނަންގަވައި ޢާޒިމް ވިދާޅުވީ މިފަދަ ޙާލަތެއްގައި ޚުދުމުޚުތާރު ވެރިއަކަށް ޤާނޫނު އަސާސީ އަށް ބަދަލު ގެނެސް ވެރިކަމުގެ ދައުރު ބަދަލު ކުރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އެހެން ކަމުން މިޙާލަތުގައި ޤާނޫނުއަސާސީގައި އަތްލުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށެވެ.
"މިކަހަލަ ޙާލަތްތަކުގައި ވެސް ޤާނޫނުއަސާސީ ގައި ނުވާނެ އަތްލާކަށް. އަތްލައިފިކަމަށްވާނަމަ ޚުދުމުހުތާރު ވެރިއަކު ހުންނަ ވަގުތެއްގައ ޤާނޫނުއަސާސީގައި ބުނާ ވެރިކަމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލިސް އުވާލުންވެސް، ނުކުރެވޭ އެތައް ކަމެއް އަތަށް ދަމައިގަތުމުގެ ފުރުޞަތު ލިބިދޭނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ" ޢާޒިމް ވިދާޅުވިއެވެ.
ވިލިފުށީ ދާއިރާގެ މެމްބަރ ޙަސަން އަފީފު ވިދާޅުވީ މިއަދު ދިމާވެގެންއުޅޭ މައްސަލައަކީ ޤާނޫނު އަސާސީ ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކުރަންޖެހޭ ފަރާތް ނޫން އެހެން ފަރާތަކަށް، ޤާނޫނަކުން ބާރު ދީގެން ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކޮށްގެން އުޅޭ މައްސަލަ ކަމަށެވެ. ޤާނޫނު އަސާސީގައި ވަކި ގޮތަކަށް ބުނެފައި ވަނިކޮށް އެހެން ޤާނޫނަކުން އެބާރު އެހެން ފަރާތަކަށް ނުދެވޭނެކަމަށް އަފީފު ވިދާޅުވިއެވެ. މިއީ ޤާނޫނު އަސާސީއާ ތަޢާރަޒްވާ ގޮތަށް ޤާނޫނުތައް ހެދުމުން ދިވާވާ މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މިއޮތް ކުއްލި ނުރައްކަލުގެ ޙާލަތަކީ ރައީސުލް ޖުމްހޫރިއްޔާ އިޢްލާން ކުރަންޖެހޭ ޙާލަތެއްކަމަށް އަފީފު ދެކެވަޑައި ގަންނަވައެވެ.
"ބަލިމަޑުކަމެއް ފެތުރިގެންކަމަށް ވިއަސް ދާޚިލީ ހަމަނުޖެހުމެއް ކަމުގައި ވިއަސް އަދި ބޭރުން އަންނަ އުދުވާނީ ހަމަލާއަކުން ކަމުގައި ވިއަސް އެއީ ރައީސުލް ޖުމަހޫރިއްޔާ އަށް ލިބިދޭ ބާރެއް" އަފީފް ވިދާޅުވިއެވެ.
ދިމާވާ ޙާލަތަކުން އިންތިޚާބު ނުބޭއްވި ނުވަތަ ފަސް ކުރަންޖެހިއްޖެނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ގިނަ ވެގެން އެއް އަހަރު ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ދައްމާލެވޭގޮތަށް ޤާނޫނުއަސާސިގައި ޖާގަދީފައި އޮތުމުން ކައުންސިލް އިންތިޚާބު ވެސް އެގޮތަށް ބަދަލު ކުރެވިދާނެކަމަށް އަފީފު ވިދާޅުވިއެވެ. ސީދާ ކައުންސިލްތަކުގެ ވާހަކަ ބުނެފައި ނެތް ނަމަވެސް އިންތިޚާބުކުރާ އެހެން މުއައްސަސާއެއްގެ ޢުމުރު ދިގުކުރެވޭ ގޮތަށް ޤާނޫނުއަސާސީން މަޖިލީހަށް ބާރުދީފައި ވުމުން އެގޮތަށް އެކަން ކުރެވޭނެކަމަށް މެމްބަރ އަފީފު ދެކެވަޑައިގަންނަވައެވެ.
ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ހުޞައިން ވިދާޅުވީ ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތަކީ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު ކަމަށެވެ. ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން އިޢުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރާއިރު ފުރިހަމަކުރަންޖެހޭ އިޖްރާތުތަކެއް އޮންނަކަން ވެސް ޙިސާން ފާހަގަ ކުރެއްވިއެވެ. މިހާރު ސަރުކާރު އިޢްލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތަކީ ވެސް އިޖްރާތުތައް ފުރިހަމަކޮށް އިޢްލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތެއްކަމަށް ވުމުން ޤާނޫނު އަސާސީއާ ތަޢާރަޒުވުމެއް ނެތްކަމަށް ޙިސާން ވިދާޅުވިއެވެ.
"އެހެންކަމުން މިހާލަތުގައި ޤާނޫނު އަސާސީ އިސްލާޙުކުރުމަށް ހުރަހެއް އޮތްކަމަކަމަށް އަޅުގަނޑުކަށް ޤަބޫލެއް ނުކުރެވޭ. ހުރަހެއް އޮންނާނީ ޤާނޫނު އަސާސީގެ253 ވަނަ މާއްދާގެ ދަށުން އިޢްލާންކުރާ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަނި" ޙިސާން ވިދާޅުވިއެވެ.
ބައެއް މެމްބަރުން ވިދާޅުވީ ދިމާވެފައިވާ މައްސަލައިގައި ސްޕްރީމް ކޯޓުގެ ލަފައެއް ހޯއްދެވުން މުހިންމު ކަމަށެވެ. ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަހްމަދު އާމިރު ވަނީ އެކަން ހުށަހެޅުމެއްގެ ގޮތުގައު ހުށަހަޅުއްވައިފައެވެ. އެހުށަހެޅުމަށް ވަނީ ތާއީދުވެސް ލިބިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ އާއްމުޞިއްހަތުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަލަށް ލިބިދީފައިވާ ބާރުތަކާ ގުޅިގެން ސަރުކާރުން އަޅުއްވާ ފިޔަވަޅު ތަކަށް މެމްބަރުން ރަނުން ރަނަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ބަހުސް ކުރިއަށް ގެންދަނީ ޑައިރެކްޓަރ ޖެނެރަލަށް ގޮންޖެއްސެވުމަށް ނޫންކަމަށެވެ. އެއް ނަޒަކުން ބަލަންޏާ މަޖިލީހުން ކުރިއަށް ގެންދަނީ ޢިލްމީ ބަހުސެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިއަދުގެ ޖަލްސާގައި ވޯޓެއް ނަގައި މިމައްސަލައާމެދު މެމްބަރުން ވަކި ގޮތެއް ނިންމަވާނެއެވެ.