އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުން ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގާ އޮޕަރޭޝަންތަކުގައި މަކަރާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް އދ.ގެ ރިޕޯޓަކުން ދައްކައިފިއެވެ.
އދ.ގެ އޮފީސް އޮފް އި އިންޓާނަލް އޯވަސައިޓް އިން ހުކުރު ދުވަހު ނެރުނު 2019 އަހަރުގެ ރިޕޯޓްގައި ވާގޮތުން، އެންމެ ގިނަ މައްސަލަތައް ފެނިފައި ވަނީ ސެންޓަލް އެފްރިކަން ރިޕަބްލިކް، މާލީ، ކޮންގޯ ހުޅަނގު ސަހަރާ އަދި ދެކުނު ސޯދާނުގައި ހިންގާ ސުލްހަ ބެލެހެއްޓުމުގެ އޮޕަރޭޝަންތަކުގައެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ތަހުގީގުކުރެވުނު 241 މައްސަލަގެ ތެރެއިން 77 މައްސަލައަކީ ޚިޔާނާތުގެ މައްސަލަތަކެވެ. އެއީ ކުރީ އަހަރަށްވުރެ %79 އިތުރުވުމެކެވެ. އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަނީ %40 އިތުރުވެ 73 އަށް އަރާފައެވެ.
"އިންވޮއިސް ހެދުމާއި ތިންވަނަ ފަރާތެއް މެދުވެރިގެން ކުއްޔަށް ދީފައި ހުންނަ ތަންތަނުން ކުލިނެގުން ދޯދިޔާވުމުގެ ސަބަބުން ފާއިތުވި 14 މަހުގެ ތެރޭގައި 1.8 މިލިއަން ޑޮލަރުގެ ކުލި ނުނެގި ވެއެވެ." ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މާލީގައި ހިންގާ ސުލްހަ ބަލަހައްޓާ މިޝަންގެ އިންވެންޓްރީ ބެލެހެއްޓުމާއި، ގުދަންކުރުމުގެ ނިޒާމު ރަނގަޅުކުރަން ޖެހޭކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2018-2019 ދެ އަހަރު ޖުމްލަ 3.8 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި 249 އައިޓަމެއް މަދުވެފައި ވެއެވެ.
އެފްރިކާގެ ގައުމުތައް ކަމުގައިވާ މާލީ، ލައިބީރިޔާ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ދެކުނު ސޫދާން އަދި މާލީގައި އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިންގާފައިވާ މައްސަލަތައް ތަހުގީގުކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ. މީގެ ތެރޭގައި، ސެންޓްރަލް އެފްރިކަން ރިޕަބްލިކުގައި 14 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ހިމެނެއެވެ.
އދ.ން 14 ގައުމެއްގައި ސުލްހަ ބެލެހެއްޓުމުގެ އޮޕަރޭޝަންތައް ހިންގާއިރު، މި އޮޕަރޭޝަންތަކުގައި 130 ގައުމެއްގެ 90 ހާހަށްވުރެ ގިނަ ސިފައިން ހަރަކާތްތެރި ވެއެވެ. އަދި މި އޮޕަރޭޝަންތަކަށް އަހަރަކު 6 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ޚަރަދުކުރެއެވެ.