މިއަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނާއި ލޯ އެންފޯސްމަންޓް ސެކްޓަރގެ އެހެނިހެން އިދާރާތަކުގެ އަންހެން މުވައްޒަފުން ގުޅިގެން "ކަނބަލުންގެ ހަރަކާތް" ގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ވިލިމާލޭގައި އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ މެންދުރު 2:30 ގައި ވިލިމާލޭ ޕޮލިސް ސްޓޭޝަން ކުރިމަތީ ބީޗްއޭރިޔާގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތައް ރަސްމީކޮށް ފައްޓަވައި ދެއްވީ ދައުލަތަށާއި އަންހެނުންގެ ހައްގުތަކަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވަމުން އަންނަ ކުރީގެ މިނިސްޓަރު އަނީސާ އަހުމަދެވެ.
މި ހަރަކާތް ފެއްޓުމުގެ ގޮތުން ބޭއްވި ހަފްލާގައި އަންހެން ކަނބަލުންގެ މަސައްކަތްތަކަށް ހިތްވަރު ދެއްވައި އަނީސާ އަހްމަދު ވިދާޅުވީ އެއްވެސް ކަމަކީ އަންހެން ކަނބަލުންނަށް ނުވާނެ ކަމެއްގެ ގޮތުގައި ނުދެކުމަށާއި ކޮންމެ ކަމެއްގައިވެސް ކެރިގެން ކުރިމަތިލައިފިއްޔާ ކާމިޔާބުވާނެ ކަމަށެވެ. އެގޮތުން އަންހެނުންނަށްވެސް ގިނަ ފުރުޞަތުތައް ހުޅުވިފައިވާ ކަމަށާއި ހިތްވަރާއެކު ކެރިގެން ކުރިއަށް ދިއުމަށް އެދިވަޑައިގެންނެވިއެވެ.
ލޯ އެންފޯސްމަންޓްގައި މަސައްކަތްކުރައްވާ އަންހެން ކަނބަލުންނަކީ ހަމައެކަނި އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރާ ބަޔަކަށް ނުވުމަށާއި ފީލްޑަށް ނުކުމެ ފީލްޑުގައި މަސައްކަތްކުރެއްވުމަށްވެސް އަނީސާ ހިތްވަރު ދެއްވިއެވެ. ހަމައެއާއެކު އިހްތިރާމާއި ޤަދަރަކީ ޔުނީފޯރމް އެޅުމުން ލިބޭނެ އެއްޗެއް ނޫން ކަމަށާއި އެކަން ކުރެވޭނީ އެމީހަކު އަމިއްލައަށް އެމީހެއްގެ ޢިއްޒަތާއި ޤަދަރު ހިފަހައްޓައިގެންކަންވެސް އަނީސާ މެޑަމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކަނބަލުންގެ ހަރަކާތް' މި ނަމުގައި އިއްޔެ ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރޭގައި ޓީމް ބިލްޑިންގ ހަރަކާތްތަކާއި ޒުމްބާގެ ހަރަކާތްތަކާއި ސައިފޮދުގެ އިތުރުން މަސަލް ރިލެކްސޭޝަން ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުންވެސް ކުލަޖެހުމާއި އެހެނިހެން މަޖާ ކުޅިވަރުތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުން ބައިވެރިވި މި ހަރަކާތް ނިންމާލުމުގެ ކުރިން ފުލުހުންގެ އެގްޒެކެޓިވް ލެވެލްގެ ފިރިހެން އޮފިސަރުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީޝުޖާޢު އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވަނީ އަންހެން މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ.
އެގޮތުން އޭސީޕީ ޢަލީ ޝުޖާޢުގެ ވާހަކަފުޅުގައި ރާއްޖޭގައި އަންހެން ކަނބަލުންނަށް ލިބެމުންދާ ފުރުޞަތުތަކާއި އެއްދުވަހުން އަނެއް ދުވަހަށް ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ އަންހެން މުވައްޒަފުންގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ ހިތްވަރު ދެއްވިއެވެ.
މިބައްދަލުވުމުގައި އޭސީޕީ އިސްމާޢިލް ނަވީން ދެއްކެވި ވާހަކަފުޅުގައި ލޯއެންފޯސްމަންޓް ސެކްޓަރގެ ހުރިހާ ކަނބަލުން ގުޅިގެން މިފަދަ ހަރަކާތެއް އިންތިޒާމްކުރި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިމަގުގައިވެސް އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން އެއްބަޔަކު އަނެއް ބަޔަށް އެހީތެރިފޯރުކޮށްދީގެން ކުރިއަށް ދިއުމަށް ހިތްވަރު ދެއްވިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރައްވާ ސީނިއަރ އަންހެން އޮފިސަރުންނާއި ލޯއެންފޯސްމަންޓް ދާއިރާގައި ހިމެނޭ އެހެނިހެން އިދާރާތަކުގެ އިސް އޮފިސަރުން ގުޅިގެން އިންތިޒާމްކުރި މި ހަރަކާތްތުގައި ބައިވެރިވި އަންހެން ކަނބަލުންވެސް ވަނީ ގިނަ އަންހެނުންތަކެއް އެއްވެ މިފަދަ ހަރަކާތްތަކެއްގައި ބައިވެރިވުމުން އެމީހުންނަށް ކުރެވުނު އުފާވެރި އިޙްސާސްތައް ހިއްސާކޮށްފައެވެ.