އީރާނާއި ސައުތު ކޮރެއާއިން ރާއްޖެއަށް މީހުން އައުން މަނާ ކޮށްފި

ކޮރޯނާ ވައިރަސްގެ ސަބަބުން އިރާނުން ނުވަތަ އެގައުމުގެ މަގުންނާއި ސައުތުކޮރެއާގެ ދެ ސިޓީއަކުން ރާއްޖެއަށް މީހުން އައުން މަނާ ކޮށްފިއެވެ. މިކަން ހާމަ ކުރެއްވީ ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނެވެ.

ސަރުކާރުން މިގޮތަށް ނިންމެވީ ކޮރޯނާވައިރަސް މުޅިދުނިޔަށް ފެތުރިދާނެ ކަމުގެ އިންޒާރު ޑަބްލިޔުއެޗުއޯއިން ދެއްވުމާގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅު ކުރީބައިގައި އެޅުމުގެ ގޮތުން ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ޗައިނާއިން ކޮރޯނާ ވައިރަސް ފެނި ފެތުރެން ފެށުމާއެކު ރާއްޖޭއިން ގެންދަނީ އެބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެކަމަށް މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ފަށައިފައެވެ. އެގޮތުން އައިސޮލޭޝަން ފެސިލިޓީއާއި، އެބައްޔަށް ޓެސްޓް ހެދެނޭ އިންތިޒާމް ރާއްޖޭގައި ވަނީ ގާއިމް ކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ ސައުތުކޮރެއާ އަކީ ކޮރޯނާ ވައިރަސް އެންމެ ހަލުއިކޮށް ފެތުރެމުންދޭ އެއްގައުމު ކަމަށެވެ.  އެގައުމުން މީހުން އައުން މަނާ ކޮށްފައިވަނީ ވަނީ ޑޭބޫ އާއި  ޖޭޔޮންގކް އިންނެވެ. މީގެ ކުރިން ކެބިނެޓުން ވެސް ވަނީ މިބައްލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިވަޅުތައް އިތުރަށް ދެނެގަނެ ރައްކާތެރި ކަމުގެ ފިޔަވަޅު ވަރުގަދަ ކުރުމަށް ނިންމަވައިފައެވެ. މިނިސްޓަރ އަމީން ވިދާޅުވީ ބަލި ފެތުރޭ މިންވަރާއި ހާލަތަށް ބެއްލެވުމަށްފަހު އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. މީގެ ކުރިން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ކުރަމުންދިޔަ ވައިގެ ދަތުރުތައް ވެސް ހުއްޓާލައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.