ޙައްޖަށް މީހުން ގެންދިއުމަށް މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ އެއްހާސް ކޯޓާ

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ސަޢުދީން މިހާތަނަށް ދީފައިވަނީ އާއްމު އުސޫލުން އެއްހާސް ކޯޓާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ޢަދަދަށް ކޯޓާ ދެއްވިޔަސް މީގެ ކުރިން ސަޢުދީން ވަނީ ފަހުން ކޯޓާ އިތުރު ކޮށްދެއްވައިފައެވެ. މިދިޔަ އަހަރުވެސް އެއްހާސް ކޯޓާ ދެއްވުމަށްފަހުން ފަހުވަގުތު ވަނީ އިތުރު އެއްހާސް ކޯޓާ ހަމަޖައްސަވައި ދެއްވައިފައެވެ.

ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމުން 15 ކުންފުންޏަކުން ވަނީ ބިޑް ހުށަހަޅައިފައެވެ. ބިޑު ހުށަހެޅިޔަސް އިވެލުއޭޓުކޮށް ނިމޭނެ ދުވަހެއް ދަންނަވަން އަދި ދަތިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އެ 15 ކުންފުނީގެ ތެރެއިން ފުރުސަތު ދެއްވާނީ 4 ކުންފުންޏަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އެ ކުންފުނިތައް ކަނޑައަޅުއްވާނީ މާކްސް ދީގެން އެންމެ ގިނަ މާކްސް ލިބޭ 4 ކުންފުންޏަށެވެ. އެ 4 ކުންފުނީގެ ތެރޭގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމްއެޗުސީއެލް) ނުހިމެނެއެވެ. އެއީ މައި ކުންފުނި ކަމަށްވުމުން އެކުންފުނީން ބިޑް ހުށަހަޅާކަށް ވެސް ނުޖެހެއެވެ.

މާކްސް ދިނުމުގައި ބަލަނީ މައިގަނޑު ތިން ކަމަކަށެވެ. އެއީ ކުންފުނީގެ ފަރާތުން ޙައްޖަށް މީހުން ގެންދިއުމަށް ހުށަހަޅާ އަގަށް 10 މާކްސް އެވެ. ޙާޖީންނަށް ފޯރުކޮށްދޭ ޚިދުމަތާއި، ޚިދުމަތުގެ ފެންވަރަށް މާކްސްއެވެ. ތަޖުރިބާއަށް 5 މާކްސް އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.