ޓީއެމްއޭގެ ބޯޓެއް އެކްސިޑެންޓުވެ ފަޅުވެރިއަކަށް އަނިޔާ ވެއްޖެ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ބޯޓެއް އެކްސިޑެންޓުވެ އެއިން ދަތުރުކުރި ތިން ފަޅުވެރިންގެ ތެރެއިން އެކަކަށް އަނިޔާވެއްޖެއެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެބޯޓު ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން ކުރެއްދޫ އައިލެންޑު ރިސޯޓަށް ގޮސް ޖައްސަން އުޅުމުގެ ތެރޭގައެވެ. އެހެންނަމަވެސް ހާދިސާ ހިންގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. މި އެކްސިޑެންޓުގައި ބޯޓަށް ވެސް ވަނީ ގެއްލުންވެފައެވެ. ބޯޓުގެ އެއް ބުރަފަތި ވަނީ ނެއްޓިފައެވެ.

މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީން ވިދާޅުވީ އެކުސިޑެންޓު ހިނގިއިރު ބޯޓުގައި 15 ފަތުރުވެރީންނާއި  3 ފަޅުވެރިން ތިބިކަމަށެވެ. ހާދިސާ ހިނގާފައިވަނީ މިއަދު 11:34 އެހައިކަންހާއިރު އެވެ.

މި ހާދިސާގައި އެއްވެސް ފަތުރުވެރިއަކަށް ގެއްލުމެއް ނުލިބެއެވެ. އެ މީހުން މިހާރުވަނީ ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންގޮސްފައެވެ.

އެކްސިޑެންޓު އިންވެސްޓިގޭޝަން ކޮމިޓީއާއި، ސިވިލްއޭވިއޭޝަން އޮތޯރިޓީން ގެންދަވަނީ މިހާދިސާ ތަހުގީގު ކުރައްވަމުން ކަމަށް މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީން ވިދާޅުވިއެވެ.

މި ހާދިސާއާ ބެހޭ ގޮތުން ޓީއެމްއޭއިން ވިދާޅުވީ ބޯޓަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށެވެ. ޙާދިސާ ހިނގި ގޮތް ބެލުމަށް އެތެރޭގައި ތަޙުގީގެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ. އޭގެ އިތުރަށް މި ޙާދިސާ ތަޙުޤީޤު ކުރައްވަމުން ގެންދަވާ ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.