ކޮރޯނާ ވައިރަސް ފެތުރުމުގެ ނުރައްކާ ބޮޑުވުމާއެކު، އީރާނުގެ އަވަށްޓެރި ހުރިހާ ގައުމަކުން ސަރަހައްދީ ރޮނގު ބަންދުކޮށްފި

ކޮރޯނާ ވައިރަސް ޖެހިގެން އީރާނުގައި 8 މީހަކު ވަނީ މަރުވެފައި

ތުރުކީން އީރާނަށް ހުރަަސްކުރާ ސަރަހައްދީ ގޭޓެއް ބަންދުކޮށްފައި

އީރާނުގައި ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19) ފެތުރި ގިނަ ބަޔަކު މަރުވުމާ ގުޅިގެން އެގައުމާ ސަރަހައްދީ ގޮތުން ގުޅިފައިވާ ގައުމުތަކުން ސަރަހައްދީ ރޮނގު ބަންދުކޮށްފިއެވެ.

އީރާނުގައި ކޮރޯނާ ވައިރެސް ޖެހިގެން ފުރަތަމަ ދެ މީހުން މަރުވުމާއެކު އިރާގުން އެގައުމާ އިރާނާ ގުޅޭ ސަރަަހައްދީ ރޮގު ބަންދުކުރިއެވެ. އަދި އިރާގު ރައްޔިތުން ފިޔަވައި އެހެެން ގައުމުތަކުގެ މީހުން އީރާނުން އިރާގަށް ވަނުން މަނާކުރިއެވެ. އެހެންނަމަވެސް، އީރާނުން އިރާގަށް މުދާ އެތެރެކުރުން މަނާނުކުރާ ކަމަށް އިރާގުން ވަނީ ބުނެފައެވެ.

ތުރުކީގެ ހެލްތު މިނިސްޓަރު ފަޚްރުއްދީން ކޯޖާ ވަނީ އީރާނާ ގުޅޭ ސަރަަހައްދީ ރޮނގު ބަންދުކުރުމުގެ އިތުރަށް ރޭލު ދަތުރުތަކާއި، ފްލައިޓު ދަތުރުތައް މަޑުޖައްސާލަން ތުރުކީން ނިންމާފައިވާކަން އިއްޔެ އިއުލާންކުރައްވާފައެވެ.

އިރާގާއި، ތުރުކީގެ އިތުރުން އީރާނާ ސަރަހައްދީ ރޮނގު ގުޅިފައިވާ ގައުމުތައް ކަމުގައިވާ ޕާކިސްތާން، އަފްޣާނިސްތާން އަދި އަރްމީނިޔާއިން އިއްޔެ ވަނީ އީރާނާ ގުޅޭ އެގައުމުގެ ސަރަހައްދީ ރޮނގުތައް ބަންދުކޮށްފައިވާކަން އިއުލާންކޮށްފައެވެ.

އީރާނުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޕާކިސްތާނުގެ ޕްރޮވިންސު ކަމުގައިވާ ބަލޯޗިސްތާނުގެ ހޯމް މިނިސްޓަރު މީރް ޒިޔާއުﷲ ލަންގޯވް އިއްޔެ ވިދާޅުވީ "ހާލަތަށް ބަދަލު އަންނަންދެން" ސަރަހައްދީ ރޮނގު ބަންދުކޮށް، ސަރަހައްދު ބެލެހެއްޓުން ވަރުގަދަކޮށްފައިވާ ކަމުގައެވެ.

އީރާނުން އެނބުރި އައި އަފްޣާނިސްތާނުގެ ބަޔަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކުވުމާ ގުޅިގެން، އަފްޣާނިސްތާނުންވެސް ވަނީ އީރާނާ ގުޅޭ ސަރަހައްދީ ރޮނގު ބަންދުކޮށް ދެ ގައުމުގެ ދެމެދުގައި ކުރެވޭ ދަތުރުފަތުރު ހުއްޓާލާފައެވެ.

އުތުރުން އިރާނާ ސަރަހައްދީ ރޮނގު ގުޅޭ ގައުމެއް ކަމުގައިވާ އަރްމީނިޔާއިން ވެސް އިއްޔެ ވަނީ ދެ ހަފުތާގެ މުއްދަތަށް އީރާނާ ގުޅޭ ސަރަަހައްދީ ރޮނގު ބަންދުކުރުމުގެ އިތުރަށް ފްލައިޓުތައް ހުއްޓާލާފައިވާކަން އިއުލާންކޮށްފައެވެ.

ޝީޢާއިންގެ މުޤައްދަސް ރަށެއް ކަމުގައިވާ ޤުމްއިން ކޮރޯނާ ވައިރަސް ފެނިފައިވާކަން ފާއިތުވި ބުދަ ދުވަހު އިއުލާންކުރި ފަހު އެގައުމުގައި ހަލުވިކަމާއެކު ވައިރަސް ދަނީ ފެތުރެމުންނެވެ. އަދީ ލެބެނާނާއި، ޔޫއޭއީން ވަނީ އީރާނުން އެ ގައުމުތަކަށް ދަތުރުކުރި މީހުންގެ ގައިން ކޮރޯނާ ވައިރަސް ފެނިފައިވާ ކަމުގައެވެ. އީރާނު މިހާރު ވެފައި ވަނީ ކޮރޯނާ ވައިރަސް ޖެހިގެން ޗައިނާ ފިޔަވައި އެންމެ ގިނަ މީހުން މަރުވި ގައުމު ކަމުގައެވެ.

ޗައިނާ ފިޔަވައި އެންމެ ހަލުވިކޮށް ކޮރޯނާ ވައިރަސް ފެތުރެމުންދާ ދެކުނު ކޮރެޔާއިން އިއްޔެ ވަނީ އެބަލި ޖެހިގެން ފަސްވަނަ މީހަކު މަރުވިކަން އިއުލާންކޮށްފައެވެ. އަދި ޔޫރަޕްގައިި ކޮރޯނާ ވައިރަސްްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީގައި ވަނީ އެ ބަލި ޖެހިގެން ތިން މީހަކު މަރުވެފައެވެ.

ދުނިޔޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 79 ހާހާއި ގާތަށް ގޮސްފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2500 އާއި ގާތްކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.