އީރާނުގައި ބޭއްވި އާއްމު އިންތިޚާބުގެ ވޯޓު ގުނަން ފަށައިފި

އީރާނުގެ އާއްމު އިންތިޚާބުގައި އިއްޔެ ބަޔަކު ވޯޓުލަނީ

އީރާނުގެ ގާނޫނުހަދާ މަޖިލީހަށް މެންބަރުން ހޮވުމަށް އިއްޔެ ލީ ވޯޓު ގުނަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގަައި ނަތީޖާ އެނގޭވަރު ވާނީ އާދީއްތަ ދުވަހު އެވެ.

ގާނޫނުހަދާ މަޖިލީހުގެ 290 މެންބަރުން ހޮވުމަށް ވޯޓުލާން ނުކުތް މީހުންގެ ނިސްބަތް ދަށްވުމުގެ ސަބަބުން ރޭ މެންދަމު 12 ޖަހަންދެން ވޯޓު ފޮށިތައް ބަންދުނުކޮށް ހުރި ކަމަށް ވެއެވެ. ފާރިސް ނިއުސް އެޖެންސީން ބުނި ގޮތުގައި އިރު އޮއްސި 6 ޖެހުމާ ހަމައަށް (އެއީ ވޯޓު ފޮށިތައް ބަންދުކުރަން ނިންމާފައި އޮތް ގަޑި) ވޯޓުލާން ނުކުމެފައި ވަނީ އެކަމުގެ ހައްގު ލިބިފައިވާ މީހުންގެ %40 އެވެ.

1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަަށް ފަހު ބާއްވާ 11 ވަނަ އާއްމު އިންތިޚާބުގައި ހުރި ހޯދާނެކަމަށް ލަފާކުރެވެނީ ހަރުކަށި ޚިޔާލުގެ މީހުންނެވެ. ރައީސު ޙަސަން ރޫޙާނީގެ މެދުމިނުގެ ސިޔާސަތުތަކަށް ތާއީދުކުރާ ފަރާތްތަކާމެދު އާއްމުންގެ ގިނަ ބަޔަކު މާޔޫސްވެފައި ތިބީމައެވެ.

ހުކުރު ދުވަހު އިންތިޚާބަށް މީހުން ނުކުތް އިރު އެމެރިކާއާ އެކު ކުރިއަށްދާ ޒަމާންވީ އަރައިރުން އިތުރަށް ވަރުގަދަވުމުގެ ސަބަބުން އިގްތިސާދަށް ވަނީ އެކަމުގެ ނުބައި އަސަރުކޮށްފައެެވެ. އަދި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހިގެން އީރާނުގެ 4 މީހަކު ވަނީ މަރުވެފައެވެ. އަދި އީރާނުގެ ޤުމްއިން ލެބެނާނަށް ދަތުރުކުރި އަންހެނެއްގެ ގައިން ވަނީ އެ ވައިރަސް ފެނިފައެވެ.

އިގްތިސާދީ ހާލަތާއި، ކޮރޯނާ ވައިރަސްގެ ނުރައްކަލުގެ އިތުރަށް، ފާއިތުވި ނޮވެންބަރު އާއްމުވި މުޒާހަރާތައް ކޮންޓުރޯލުކުރަން ސަލާމަތީ ބާރުތަކުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް އެތައް ސަތޭކަ ބަޔަކު މަރާލުމާ، އީރާނުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ޔުކްރޭން އެއާލައިނުގެ މަތިންދާބޯޓެއް ވެއްޓި، އެއިން ދަތުރުކުރި 176 މީހުން މަރުވި މައްސަލައިގެ ހިޔަނިވެސް ވަނީ ވޯޓަށް އެޅިފައެވެ.

290 ގޮނޑިއަށް 250 އެއްހާ ސިޔާސީ ޕާޓީގެ ފަރާތުން 7 ހާހަށްވުރެ ގިނަ ކެންްޑިޑޭޓުން (އޭގެ ތެރޭގައި 666 އަންހެން ކެންޑިޑޭޓުންވެސް ހިމެނޭ) ވާދަކުރި ނަމަވެސް، އިންތިޚާބާމެދު އާއްމުންެގެ ޝައުގުވެރިކަން ފެނުނީ ކުޑަކޮށެވެ. އެެެހެންނަމަވެސް، ވެރިރަށް ތެހެރާނުގެ މެދުތެރޭ ސަރަަހައްދުގައި ހުރި ވޯޓު ފޮށިތައް ކައިރީގައި ދިގު ކިޔޫތައް  އޮތް ކަމަށް ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.